ހަބަރު

ބުލީއާ ދެކޮޅު އެމްބެސެޑަރަށް ފިޔަވަޅު އަޅަނީ

އެޑިއުކޭޝަން މިނިސްޓްރީން ހަމަޖެއްސި އެންޓި ބުލީން އެމްބެސެޑަރު އާލިފް ނަސީރު (އާލް) އަށް ކުރެވިފައިވާ ސީރިއަސް ތުހުމަތުތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ހަނގާކުރުން ހުއްޓުވުމުގެ މަސައްކަތުގައި މުޖްތަމައުގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ހަނގާ ކުރުމާ ދެކޮޅަށް އެޑިއުކޭޝަން މިނިސްޓްރީން އެމްބެސެޑަރެއްގެ ގޮތުގައި އާލިފް ނަސީރު ހަމަޖައްސާފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ.

އޭނާ އެމަގާމަށް ހަމަޖެއްސުމާއެކު ތަފާތު ތުހުމަތުތައް ކުރެވިގެންދިޔަ އެވެ. އެގޮތުން އަންހެން ކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމާއި ބްލެކްމެއިލް ކުރުމުގެ ތުހުމަތުތައް ކުރެވިގެންދިޔަ އެވެ.

އެމައްސަލާއާ ގުޅިގެން ޓްވިޓާގައިި ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އެގޮތުން މީހަކު ޓްވިޓާގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އާލް އެމަގާމަށް އައްޔަން ކޮށްފައިވަނީ އިތުބާރު ކުރެވޭ ސްޓާފުންގެ ރެކޮމެންޑޭޝަނާއެކު ކަމަށެވެ. އަދި އެމަގާމަށް އޭނާ އައްޔަން ކުރުމުގައި ބަލަންޖެހޭ ހުރިހާ ކަމަކަށް ބެެއްލެވި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އާލް ކުރެއްވި ޓްވީޓަށް ލައިކް ދިނީ އެކަމުގެ ހަގީގަތް ރަނގަޅަށް ނޭންގި ކަމަށާއި އެކަމުގެ ހަގީގަތް އިނގުމުން އެޓްވީޓަށް އަންލައިކް ކުރި ކަމަށެވެ. ބުލީ ކުރުމާއި ދެކޮޅަށް މިނިސްޓްރީގައި އަބަދުވެސް އޮންނަނީ ޒީރޯ ޓޮލަރެންސް ކަމަށާއި އެކަން އަބަދުވެސް ދަމަހައްޓާނެ ކަމަށެވެ. އަދި ބުލީ ކުރުމާއި ދެކޮޅު އެމްބަސިޑަރު ވާންޖެހޭނީ އެކަހަލަ ތުހުމަތެއް ކުރިމަތިވެފައިނުވާ މީހަކަށެވެ. އެކަމާ ގުޅިގެން ކުރަންޖެހޭ ކަމެއް ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެމައްސަލަ ހޫނު ވުމުން ޓްވިޓާގައި އާލް މިދިޔަ މަހު ކުރެއްވި ޓްވީޓްގައި ވަނީ، އެކަންކަމަށް އެއްބަސްވެފަ އެވެ. އޭނާ ވިދާޅުވީ، ކޮންމެ މީހަކީވެސް ކުށް ކުރެވިދާނެ މީހެއް ކަމަށާއި އެކަންކަމަށް މާފަށް އެދޭ ކަމަށެވެ. އަދި އެކަންކަން ރަނގަޅު ކުރުމަށް ކުރެވެންހުރި ކޮންމެ ކަމެއް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާ އަށް ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާއިރު، ބައެއް ފަރާތްތަކުން ދަނީ އެމައްސަލަ ފުލުހުން ބެލުމަށްވެސް ގޮވާލަމުންނެވެ. އޭނާއަށް ތުހުމަތުތައް ކުރެވިފައިވާއިރު، އެންޓި ބުލީއިން އެމްބަސިޑަރުގެ މަގާމުން އޭނާ އަދި ވަކިކޮށްފައެއްނުވެ އެވެ.

އޭނާއަކީ ތަފާތު ވީޑިއޯތައް ހަދާ ވްލޮގަރެކެވެ. އޭނާ ވަނީ ދިރާގާއި އުރީދޫ އިސްތިހާރުތަކުންވެސް ފެނިގެން ގޮސްފަ އެވެ. އަދި ބައިސްކޯފާއި ލެކިއުޓާއި ގުޅިގެން ވަނީ މަސައްކަތް ކޮށްފަ އެވެ. ތުހުމަތުތަކާއެކު ދިރާގާއި ބައިސްކޯފާއި ލެކިއުޓުން ވަނީ އޭނާއާއެކު މަސައްކަތް ކުރުން ހުއްޓާލާފަ އެވެ.