ހަބަރު

މަހިބަދޫ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް ނަން ނަގައިފި

Mar 17, 2019
2

އދ. މަހިބަދޫ ދާއިރާއަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓް ކަމަށްވާ އަލީ އަހުމަދުގެ ނަން އަނބުރާ ނަގައިފި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އޭނާ ނަން އަނބުރާ ނެގީ އެމްޑީޕީގެ އެދުމުގެ މަތިންނެވެ. އެ ދާއިރާއަށް އަދާލަތު ޕާޓީގެ ކެންޑިޑޭޓެއް ވެސް ވާދަ ކުރެ އެވެ. އެއީ އަލީ އާޒިމެވެ.

އެމްޑީޕީއިން ގެންދަނީ އަދާލަތު ޕާޓީއާ ގުޅިގެން މަސައްކަތް ކުރުމަށް މިހާރު ވެސް މަޝްވަރާ ކުރަމުންނެވެ. އެގޮތުން މަހިބަދޫ ދާއިރާއަކީ އެމްޑީޕީއިން އަދާލަތު ޕާޓީއަށް ދޫކޮށްލަން ބޭނުންވާ ދާއިރާއެކެވެ.

އެ ދާއިރާއަށް ދެން ވާދަ ކުރައްވަނީ ޕީޕީއެމްގެ ފަރާތުން މިހާރު ވެސް ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. އޭނާއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ތާއިދު ކުރައްވާފަ އެވެ.

އޭގެއިތުރުން އަމިއްލަ ގޮތުން އަހުމަދު ސުނިލް އާއި އަހުމަދު ހުސެއިން ވާދަ ކުރެ އެވެ. ސުނިލްއަކީ އެންމެ ފުރަތަމަ ޖުމްހޫރީ ޕާޓީއިން ޓިކެޓް ދިން މީހެކެވެ. އެކަމަކު އޭނާގެ ޓިކެޓް އަނބުރާ ނެގުމުން އަމިއްލަ ގޮތުން ވާދަ ކުރަނީ އެވެ.

މަހިބަދޫ ދާއިރާގެ އިތުރުން ވައިކަރަދޫ ދާއިރާ، މަކުނުދޫ ދާއިރާ، ކާށިދޫ ދާއިރާ، މިލަންދޫ ދާއިރާ އަދި ފުވައްމުލަކު ދެކުނު ދާއިރާ އަދާލަތަށް ދޫކޮށްލަން ވެސް މަޝްވަރާކުރި އެވެ. އެކަމަކު އެ ދާއިރާތަކުގެ އެމްޑީޕީ ކެންޑިޑޭޓުން ނަން އަނބުރާ ނުނަގަ އެވެ.

މަހިބަދޫ ދާއިރާގެ ކެންޑިޑޭޓް ނަން އަނބުރާ ނަގާފައިވީ ނަމަވެސް އޭނާގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ އެވެ. ކެންޑިޑޭޓުންގެ ގުރުއަތުލުން ވެސް ނަގާފައިވާއިރު ވޯޓު ކަރުދާސް ޗާޕްކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.