މާފަންނު ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓް އިސްމާއިލް މުޚްތަބާ އޭނާގެ ދެވަނަ ކެމްޕޭން ޖަގަޖަ މިރޭ ހުޅުވައިދީފި އެވެ.
މުޚްތަބާގެ ދެވަނަ ކެމްޕޭން މިރޭ ހުޅުވުމުގެ ގޮތުން އޭނާ ވާދަކުރައްވާ ދާއިރާގެ ރައްޔިތުންނަށް ބޭއްވި ކެއުމުގައި ވަނީ ގިނަ އަދަދެއްގެ މީހުން ބައިވެރިވެފަ އެވެ. ހާއްސަ ގޮތެއްގައި މުޚްތަބާ އަށް ސަޕޯޓް ކުރައްވާ ގިނަ އަދަދެއްގެ ޒުވާނުންތަކެއް ވަނީ ބައިވެރިވެފަ އެވެ.
މުޚްތަބާ އަކީ ސަރުކާރުގެ ވަޒީފާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެފައިވާ ފަރާތެކެވެ. އެގޮތުން ގައުމީ ބޭންކުގައި އާއްމު ހިއްސާދާރުއެއްގެ ގޮތުގައި ދެ ދައުރު އަދާކުރައްވާފައިވާ ފަރާތެކެވެ. އަދި ސަރުކާރާއި ރައްޔިތުންގެ ކުންފުނިއެއް ކަމަށްވާ އެސްޓީއޯގެ ހަ އަހަރު ވަންދެން މަސައްކަތް ކުރައްވާފައިވެ އެވެ.
މުޚްތަބާ ވަނީ މިމަހު އަށް ވަނަ ދުވަހު އެނާގެ ސަޕޯޓަރުންނާއެކު ވަރަށް ތަފާތު ލޮރީ ބުރެއްވެސް ބާއްވާފަ އެވެ. އެ ލޮރީ ބުރުގައި މުޚްތަބާ ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހަކީ މިނިވަންތަނަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި ޕާޓީތައް ތަމްސީލު ކުރާ ތަނެއްގެ ބަދަލުގައި ރައްޔިތުން ތަމްސީލު ކުރާ ތަނަކަށް މަޖިލިސް ހަދަން ޖެހޭނެ ކަމަށާއި އެކަން ކުރެވޭނީ ރައްޔިތުންގެ ތެރެއިން ވަކި ކޮޅަކަށް ނުޖެހޭނެ މިނިވަން އަދި ޒުވާން ކެންޑިޑޭޓަކު ހޮވައިގެން ކަމަށް ވެސް އެ ލޮރީ ބުރުގައި މުޚްތަބާ ވަނީ ވިދާޅުވެފަ އެވެ.