ދުނިޔެ

އެމެރިކާ އިން ދެ އަހަރު ތެރޭ 40،000 ސިފައިން މަދުކުރަނީ

Jul 8, 2015

އެމެރިކާގެ އަސްކަރިއްޔާ އަށް ކުރާ ހޭދަ ކުޑަކުރުމަށް، 40،000 ސިފައިން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި މަދުކުރަން ނިންމައިފި އެވެ.

އެމެރިކާގެ ނޫސްތަކުން މިއަދު ބުނި ގޮތުގައި އަންނަ ހަފުތާގައި އިއުލާންކުރުމަށް ހަމަޖެހިފައިވާ އެ ޕްލޭންގެ ދަށުން، 2017ގެ ނިޔަލަށް އަަސްކަރިއްޔާގެ ޖުމްލަ އަދަދު 450،000 އަށް ކުޑަވާނެެ އެވެ. އެ ގޮތުން، 40،000 ސިފައިން މަދުކޮށް، އިތުރު 17،000 އާއްމު މުވައްޒަފުން ކަނޑާލާނެ ކަމަށް އެ ނޫސްތަކުން ބުންޏެވެ.

އެއާ އެކު، އެމެރިކާ ސިފައިންގެ އަދަދު ދެވަނަ ބޮޑު ހަނގުރާމައިގެ އެއް އަހަރު ކުރިން ހުރި މިންވަރަށް ތިރި ވާނެ އެވެ. ދެ ވަނަ ބޮޑު ހަނގުރާމަ އަށް ތައްޔާރުވުމަށް، 1940 ވަނަ އަހަރު އިތުރު 270،000 ސިފައިން ނެގި އެވެ.

ސެޕްޓެމްބަރު 11 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާގެ އެއް އަހަރު ކުރިން އެމެރިކާގެ އަސްކަރިއްޔާގައި 480،000 ސިފައިން ތިއްބެވެ. އެކަމަކު، އެ ހަމަލާ އަށް ފަހު އަފްގާނިސްތާނާއި އިރާގުގައި އެމެރިކާ އިން ކުރި ހަނގުރާމަ އެންމެ ހޫނުވި ދުވަސްވަރު ކަމަށްވާ 2012 ގައި ސިފައިންގެ އަދަދު 570،000 އަށް އެރި އެވެ.

މިހާ ގިނަ އަދަދެއްގެ ސިފައިން މަދުކޮށް، އަސްކަރިއްޔާ ކުޑަކުރުމަށް މިދިޔަ އަހަރު ތެރޭގައި ޕެންޓަގަންގެ އޭރުގެ ވެެރިޔާ ޗަކް ހޭގަލް ހުށަހެޅުއްވި އެވެ. އެއީ އަފްގާނިސްތާނާއި އިރާގުގައި ކުރި ހަނގުރާމަތަކަށް ބޮޑު ހަރަދެއް ހިނގާފައިވާތީ ހުށަހެޅުއްވި ބަދަލެކެވެ.

އެ ދެ ހަނގުރާމަ ރަސްމީކޮށް ނިންމާލާފައި ވިޔަސް، އަފްގާނިސްތާނުން ބައިބަޔަށް ސިފައިން ބޭލުމުގެ ޕްލޭން އޮތީ އަންނަ އަހަރާ ޖެހެންދެން މަޑުޖައްސާލާފަ އެވެ. އެހެންވެ، އެ ގައުމުގައި އެމެރިކާގެ ގާތްގަނޑަކަށް 10،000 ސިފައިން އަދިވެސް ހަރަކާތްތެރިވަމުން ދެ އެވެ. އިރާގުން މުޅިންހެން ސިފައިން ފައިބާފައި ވިޔަސް، އިސްލާމިކް ސްޓޭޓް (އައިއެސް)އާ ދެކޮޅަށް އިރާގަށް އަސްކަރީ ތަމްރީނު ދިނުމުގައި އެމެރިކާގެ ގާތްގަނޑަކަށް 3،500 ސިފައިންނާއި އަސްކަރީ އެޑްވައިޒަރުން މިހާރު ވެސް ހަރަކާތްތެރިވަމުން ދެ އެވެ.

މީގެ އިތުރުން، އައިއެސް އިން ބޮޑު ކޮންޓްރޯލްކުރާ ސީރިއާގެ ހަނގުރާމަވެރިން ތަމްރީން ކުރުމުގައި އެމެރިކާގެ ސިފައިން ހަރަކާތްތެރިވެ އެވެ.