ބޭނުން ވަނީ ހުރިހާ ފިކުރެއް ގުޅިގެން މަސައްކަތް ކުރެވޭ ފަދަ މެމްބަރުން ތިއްބަވާ ރައްޔިތުން މަޖިލީހެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވާ އަބްދުﷲ ރިޔާޒާއެކު ތިމަރަފުށީ ރައްޔިތުންނާ ބައްދަލުކުރުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ، ރައްޔިތުންނާއި ސިޔާސީ ލީޑަރުންގެ އެހީތެރިކަމާއެކު މިއަދު އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރު ބަދަލުކޮށްފައި ކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގަތީ ގިނަ ވައުދުތަކާއި އަހްދު ތަކަކާއެކު ކަމަށެވެ. އެހެންކަމުން ބޭނުންވަނީ ހުރިހާ ފިކުރެއް ގުޅިގެން މަސައްކަތް ކުރެވޭ ކަހަލަ ބޭފުޅުން ތިއްބައްވާ މަޖިލިސް ގެ އެއް ކަމަށެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ރައްޔިތުން މަޖިލީހަށް ހޮވަން ޖެހޭނީ އެފަދަ މާގަމަކަށް ގާބިލް ބޭފުޅުން ކަމަށެވެ. މަޖިލިސް ހޮވާ މެމްބަރަކީ ހަވާލުކުރެވޭ ބޮޑު ޒިންމާގެ ސަބަބުން ކަކުލު ހުޅުން ވާގި ހިގައިދާނެ ބޭފުޅަކަށް ވެއްޖެނަމަ ރައްޔިތުންނަށް އެކަމުން ގެއްލުން ލިބުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.
ޑރ. ޖަމީލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ އެތަނެއްގެ ރައްކާތެރިކަމާމެދު ރައްޔިތުން ފަހުރުވެރިވާން ޖެހޭ ފަދަ ތަނެއް ކަމަށާއި، ރާއްޖޭގެ ރައީސް ވާން ޖެހޭނީ ހުރިހާ ރައްޔިތުންގެ ހާދިމެއް ކަމަށެވެ. އަދި ރައްޔިޔުތުން މިއަދާ ހަމައަށް އައުމަށްޓަކާ ކުރި ދަތުރު ކިތަންމެ އުދަގޫވި ނަމަވެސް އެދަތުރުގެ ނިމުން ފޮނި ކަމަށެވެ. އެހެންކަމުން އެދުވަހު ދެއްކި އެއްބަައިވަންތަށްކަން އަބަދުވެސް ދައްކަން ޖެހޭ ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.