ވިޔަފާރި

އުރީދޫން ތިން ސްޓާޓް-އަޕްއަކަށް އިތުރަށް އިންވެސްޓްކޮށްދެނީ

Mar 18, 2019
3

އުރީދޫ މޯލްޑިވްސް އިން ހިންގާ "ނިރު އެކްސެލެރޭޓާ ޕްރޮގްރާމް" ގެ ތިން ސްޓާޓް-އަޕް އަކަށް އިތުރު އިންވެސްޓްމަންޓް ފޯރުކޮށްދެން ނިންމައިފި އެވެ.

އުރީދޫން ތިން ސްޓާޓްއަޕް އަކަށް އިތުރު އިންވެސްޓްމަންޓްތައް ނިންމިކަން އިއުލާނު ކުރެއްވީ ހޮޓެލް ޖެންގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ކުންފުނިން ވަނީ ނިރު އެކްސެލެރޭޓާގެ ފުރަތަމަ ޑެމޯ ޑޭ ބާއްވައި 16 ހަފްތާގެ އެކްސެލެރޭޓާ ޕްރޮގްރާމު ފުރިހަމަ ކޮށްފައިވާ ތިން ސްޓާޓް-އަޕް ކުންފުނިތަކުގެ ހިދުމަތް ވެސް ދައްކާލާފަ އެެވެ.

ނިރު އެކްސެލެރޭޓާ އަކީ ދިވެހި މުޖުތަމައަށް މަންފާކުރުވާ ތަފާތު އީޖާދީ އުފެއްދުންތައް ރާއްޖެއާ، ރާއްޖެއިން ބޭރުގެ މާކެޓުގައި ކުރިއެރުވުމުގެ ފުރުސަތު އަލަށް ވިޔަފާރީގެ ތެރެ އަށް ވަންނަ ޒުވާނުންނަށާއި، ކުރިއަރަމުން އަންނަ މިފަދަ ވިޔަފާރިތަކަށް ހޯދައި ދިނުމުގެ ގޮތުން އުރީދޫން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި އެކްސެލެރޭޓާރ ޕްރޮގްރާމުގައި ބައިވެރިވެވެނީ އުރީދޫ އާއި ޑައިލޮގް އެކްޒިއާޓާ ގެ އައިޑިއާމާޓް ގުޅިގެން ކުރިއަށްގެންދިޔަ ނިރު ހެކަތަންގައި ވާދަކޮށް ހޮވުނު ޓީމްތަކަށެވެ.

އުރީދޫ މޯލްޑިވްސްގެ ފަރާތުން އިތުރު އިންވެސްޓްމަންޓްތައް ދޭން ނިންމި ތިން ޒުވާން ވިޔަފާރިއަކީ؛

އައިޑިއަނައިޒް

ފަސޭހައިން ދޭހަވާނޭ ގޮތަށް ޖަވާބު ފޯރުކޮށްދޭ ކޮންވަސޭޝަން އޭޖެންޓު ނުވަތަ ޗެޓްބޮޓުތައް ފަރުމާކޮށް، ވިޔަފާރިތައް ޑިޖިޓަލައިޒްކޮށްދޭ ކުންފުންޏެއް.

ކުނބު

ފަސޭހަކަމާއި އެކު އުޅަނދުތައް ހޯދައި، ދަތުރުތަކަށް ޓިކެޓްނަގައި، އުޅަނދުތައް ކުއްޔަށް ނެގުމަށް ބޭނުންކުރާނެ ސެންޓްރަލައިޒް ކޮށްފައިވާ ސީ ޓްރާންސްފާ މެނޭޖްމަންޓް ސިސްޓަމެއް.

ބީ2ބީ މޯލްޑިވްސް

އިންޓެގްރޭޓެޑް ލޮޖިސްޓިކްސް އަދި ސަޕްލައި ސޮލިއުޝަންތައް ފޯރުކޮށްދޭ ބީ2ބީ ޕްލެޓް ފޯމެއް

މި ހަފުލާގައި ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީޙް ޖަމާލް؛ ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް، އިލްޔާސް އަހްމަދު؛ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ، އަހުމަދު ސައީދު މުހައްމަދު، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން އަދި ރާއްޖޭގެ ކުދިވިޔަފާރިތަކާއި އެންޓްރަޕްރިނިއާޝިޕްގެ ދާއިރާ އިން ފުންނާބު އުސް ބޭފުޅުން ވަނީ ބައިވެރިވެފަ އެވެ

މި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ ނިރު އެކްސެލެރޭޓާ ގެ އައު ލަނޑުދަނޑިއެއް ކަޑައްތުކޮށް، މިއަދަކީ އަޅުގަނޑުމެންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާ، ނިރުގެ ފުރަތަމަ ފިޔަވަހި ވަރަށް ކާމިޔާބުކަމާއި އެކު ކުރިއަށްގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ދަތުރުގައި އެހާ އުފެއްދުންތެރި އަދި މަސައްކަތަށް ޝައުގުވެރިވާ ޓީމްތަކެއް ހިމެނުމަކީ، އުރީދޫ އަށް ލިބުނު އުފަލެއް. ނިރު އެކްސެލެރޭޓަރ ޕްރޮގްރާމުގެ އަމާޒަކީ، ރާއްޖޭގެ ސްޓާޓް-އަޕް އީކޯސިސްޓަމް އިތުރަށް ވަރުގަދަކޮށް، އަޅުގަނޑުމެންގެ މުޖުތަމައުގައި ހިމެނޭ ޒުވާން ވިޔަފާރިވެރިންގެ ހުނަރުތައް ބިނާކުރުމާއި އެކު، ކުރިއެރުމުގެ ފުރުސަތުތަކާއި ގުޅުވާލަދިނުން،" ނަޖީބު ވިދާޅުވި އެވެ."ނިރުގެ ފުރަތަމަ އަހަރުގެ ތަޖުރިބާ އާއި އެކު، ބައިނަލްއަޤްވާމީ ވިޔަފާރީގެ ދާއިރާގައި ރާއްޖޭގެ ޒުވާނުންނަށް ކާމިޔާބީ ހޯދޭނެކަމާއި މެދު އަޅުގަނޑުމެންގެ ޔަގީންކަން އިތުރަށް ވަރުގަދަވެފައިވޭ. އަދި މިއަހަރުގެ ޕްރޮގްރާމުގެ އަލީގައި، އަޅުގަނޑުމެން މަސައްކަތްކުރާނީ ނިރު އެކްސެލެރޭޓަރ ޕްރޮގްރާމް އިތުރަށް ބިނާކޮށް، ބައިވެރިންނަށާއި، ރާއްޖޭގެ ވިޔަފާރީގެ ވިއުގައަށް އިތުރު ފައިދާތަކެއް ފޯރުކޮށްދިނުމަށް."

އެކްސެލެރޭޓަރަށް ހޮވާލެވުނު ޓީމް ތަކަށް ވަނީ 12 ހަފްތާގެ އިންޓެންސިވް މެންޓަޝިޕް ޕްރޮގްރާމެއްގެ އިތުރުން، މަސައްކަތް ކުރާނެ ކޯ-ވޯކިން ސްޕޭސް، ވިޔަފާރި ބިނާކުރުމަށް ޑިޖިޓަލް ޓޫލްތައް އަދި ދާއިރާގެ ފަންނުވެރިންގެ ފަރާތުން ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދެވިފައެވެ. ޓްރެއިނިންގް ޕްރޮގްރާމް ނިމުމަކަށް އައުމާއި އެކު، ސީޑް ފަންޑިން ފޯރުކޮށްދިނުމުގެ އިތުރުން، އެހެނިހެން އިންވެސްޓްމަންޓު ހޯދުމަށްޓަކައި ސަރުކާރުގެ އޮފިޝަލުން، އަދި ރާއްޖެއާއި ރާއްޖޭން ބޭރުގެ ބޮޑެތި ވިޔަފާރިވެރިންނާއި އިންވެސްޓަރުންނަށް ސްޓާޓް އަޕްތައް ޕިޗްކޮށް، އިތުރު ކުރިއެރުން ފަހިކޮށްދިނުމަށް އުރީދޫ އިން ދަނީ މަސައްކަތްކުރަމުންނެވެ.
ނިރު އެކްސެލެރޭޓާ ފުރިހަމަ ކުރާ އެންމެހާ ޓީމުތަކަށް ވެސް، އުރީދޫގެ ޕާޓްނަރެއްގެ ގޮތުގައި، ދިގުމުއްދަތަށް ދެމިގެންދާނެ އެހީތެރިކަމާއި ފުރުސަތުތައް ލިބިގެންދާނެ އެވެ. އަދި މުސްތަޤްބަލުގައި، މި ބައިވެރިން ވެގެންދާނީ، މުޖުތަމައުގެ މަންފާއަށް މަސައްކަތް ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވާނެ ގިނަ ސްޓާޓް-އަޕް ތަކެއް ހިމެނޭ ކޮމިއުނިޓީއެއްގެ ތަމްސީލުވެރިންނަށެވެ.