އިގްތިސާދީ މައްސަލަތަކެއްގެ ތެރޭގައި އޮތް ގްރީސް އިން ޔޫރަޕްގެ އިތުރު އެހީ ބޭނުން ނަމަ މާދަމާގެ ނިޔަލަށް ހުށަހެޅުންތަކެއް ހުށަހަޅަން ޔޫރޯޒޯނުން މިއަދު އަންގައިފި އެވެ.
ފައިސާގެ ގޮތުގައި ޔޫރޯ ބޭނުންކުރާ ގައުމުތައް ނުވަތަ ޔޫރޯޒޯންގެ އެންމެ އިސް ވެރިން ވަނީ ދަރަނިވެރިވެފައިވާ ގްރީސްގެ މައްސަލައިގައ ރޭ ކުއްލި ބައްދަލުވުމެއް ބާއްވަވާފަ އެވެ. އެ ބައްދަލުވުމަށް ފަހު، ޔޫރަޕިއަން ކައުންސިލްގެ ރައީސް ޑޮނާލްޑް ޓަސްކް ނޫސްވެރިންނަށް ވިދާޅުވީ ފަހުގެ ހުށަހެޅުން ހުށަހަޅަން ގްރީސްގެ ސަރުކާރަށް ލިބޭނެ އެންމެ ފަހުގެ ސުންގަޑި އަކީ ބުރާސްފަތި ދުވަސް ކަމަށެވެ.
"މިއީ ޔޫރޯޒޯންގެ ތާރީހުގައި އައި އެންމެ ނާޒުކު ދަނޑިވަޅު. ޔޫރޯޒޯނުން ގްރީސް ވަކިވެ އެ ގައުމުގެ ބޭންކިން ސިނާއަތް ފުނޑުފުނޑު ވެއްޖެ ނަމަ އެކަމުގެ އަސަރު މުޅި ޔޫރަޕަށް ކުރާނެ. އެ ނޫން ގޮތަކަށް ދުށުމަކީ މޮޔަ ކަމެއް،" ޓަސްކް ވިދާޅުވި އެވެ.
ޔޫރަޕްގެ އެންމެ ބޮޑު އިގްތިސާދީ ބާރު، ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް ވިދާޅުވީ މުޅި ޔޫރަޕަށް ކުރިމަތިވެފައިވާ މި ނާޒުކު ހާލަތާ ގުޅޭ ގޮތުން ޔޫރޯޒޯންގެ ވެރިން ސީރިއަސްކަމާ އެކު މަޝްވަރާކުރެއްވި ކަމަށެވެ. ޔޫރަޕުން ދެމުން ގެންދިޔަ އެހީގެ ޕްރޮގްރާމާ ދެކޮޅު ހަދަން މިދިޔަ އާދިއްތަ ދުވަހު ގްރީސްގެ ރައްޔިތުން ނިންމި ނިންމުމަށް އިހުތިރާމްކުރައްވާ ކަމަށާއި އެކަމަކު މި ހާލަތުގެ އަސަރު ކުރަނީ ހަމައެކަނި އެންމެ ގައުމަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަހަރުމެން ބަލަންޖެހިފައި ވަނީ އެންމެ ގައުމެއްގެ އިސްތިގުލާލަކަށް ނޫން. އޭގެ ބަދަލުގައި 18 ގައުމުން ހިއްސާކުރާ އިސްތިގުލާލާއި ޒިންމާތަކަށް،" ގްރީސްގެ މައްސަލަ އަށް ބޭނުން ވަނީ ކުރު މުއްދަތުގެ ހައްލަކަށް ވުރެ ދިގު މުއްދަތުގައި ދަރަނިން އަރައިގަނެވޭ ފަދަ ޕްރޮގްރާމެއްކަން ފާހަގަކުރައްވައި މާކެލް ވިދާޅުވި އެވެ.
ފްރާންސްގެ ރައީސް ފްރާންސުވާ އޮލާންޑާ ވެސް ވިދާޅުވީ މިހާރު ކުރިމަތިވެފައި ވަނީ ހަމައެކަނި ގްރީސްއާ ގުޅުން ހުރި މައްސަލަ އަކަށް ވުރެ ބޮޑަށް، ޔޫރަޕިން ޔޫނިއަން (އީޔޫ) ގެ ކުރިމަގު ބިނާވެފައިވާ މައްސަލައެއް ކަމަށެވެ. މީގެ އިތުުރުން، ޔޫރަޕިއަން ކޮމިޝަންގެ ރައީސް ޖީން ކްލައުޑޭ ޖަންކާ ވިދާޅުވީ ޔޫރޯޒޯންގައި ގްރީސް އޮތުމަށް އޭނާ ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.
"އެކަމަކު ގްރީސް އިން ދާން ބޭނުންވާ މިސްރާބު މި ހަފުތާ ނިމުމުގެ ކުރިން ބުނެދޭންޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ކުރިން ބެލެވިފައި އޮތީ އިއްޔެ ބޭއްވި ޔޫރޯޒޯންގެ ވެރިންގެ ބައްދަލުވުމަށް ގްރީސް އިން އާ ހުށަހެޅުންތަކެއް ހުށަހަޅާނެ ކަމަށެވެ. އެކަމަކު، ގްރީސްގެ ސަރުކާރުން ލިޔުމުން އެކަން ކޮށްފައެއް ނުވެ އެވެ. އެހެންވެ، ޔޫރޯޒޯންގެ ބައެއް ވެރިން ވަނީ އެކަމާ މެދު ގްރީސް އަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެހެން ނަމަވެސް، ގްރީސްގެ ބޮޑުވަޒީރު އެލެކްސިސް ސާޕާސް ވިދާޅުވީ ގްރީސް އިން ބޭނުން ވަނީ އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ހަމަޖެހޭ އެއްބަސްވުމަކަށް ދިއުމަށް ކަމަށެވެ.
"އެކަން ވަރަށް އަވަސް ވާނެ. ކުރިއަަށް މި އޮތް މަދު ވަގުތުކޮޅެއްގެ ތެރޭގައި އެކަން ފެށި، ދުވަސްކޮޅެއްގެ ތެރޭގައި އެކަން ނިންމާލެވޭނެ،" ޔޫރަޕްގެ ގާނޫނު ހަދާ މަޖިލީހުގައި ރޭ ތަގުރީރުކުރެއްވުމުގެ ކުރިން ސާޕާސް ވިދާޅުވި އެވެ.
އިއްޔެ ބޭއްވި ޔޫރޯޒޯންގެ ވެރިންގެ ބައްދަލުވުމުގައި ވަނީ އީޔޫގެ ހުރިހާ ގައުމެއްގެ ވެރިން ބައިވެރިވެވަޑައިގަންނަވާ ސަމިޓެއް އަންނަ އާދިއްތަ ދުވަހު ބާއްވަން ނިންމާފަ އެވެ. އަދި ގްރީސް އަށް ދީފައިވާ ސުންގަޑީގެ ކުރިން ހުށަހެޅުމެއް ހުށަހަޅައިފި ނަމަ އެކަމާ މެދު މަޝްވަރާކުރެއްވުމަށް ޔޫރޯޒޯންގެ މާލީ ވަޒީރުން ވަކިން އަންނަ ހޮނިހިރު ދުވަހު ބައްދަލުކުރައްވަން ވެސް ވަނީ ތާވަލްކޮށްފަ އެވެ.
އެހީގެ ޕްރޮގްރާމާ މެދު މިިދިޔަ އާދިއްތަ ދުވަހު ނެގި ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ ދައްކާ ގޮތުން 61.3 ޕަސެންޓް މީހުން ވަނީ އެ ޕްރޮގްރާމަށް ނޫނެކޭ ބުނެފަ އެވެ. ވޯޓު ލެވޭ އާބާދީގެ 63 ޕަސެންޓް މީހުން ބަައިވެރިވި އެ ވޯޓުގައި އެހީގެ ޕްރޮގްރާމް ކުރިއަށް ގެންދަން ފެންނަ ކަމަށް ބުނެފައި ވަނީ އެންމެ 38.7 ޕަސެންޓް މީހުންނެވެ.
މި ވޯޓާ ގުޅިގެން، ގްރީސްގެ ކުރިމަގާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. އަދި އެ ގައުމު ޔޫރޯޒޯނުން ވަކިވުމުގެ ފުރުސަތު ބޮޑެވެ.
ވޯޓުގެ ކުރިން ގްރީސް އޮތީ ދެ ބަޔަކަަށް ބެހިފަ އެވެ. ބޭރުގެ ފަރާތްތަކުން ދެމުން ގެންދިޔަ އެހީގެ ޕްރޮގްރާމަަށް ތާއީދު ނުކުރުމަށް ގްރީސްގެ ސަރުކާރުން ވަރުގަދަ އަށް ކެމްޕޭން ކޮށްފައި ވާއިރު، އެ ޕްރޮގްރާމަށް އެއްބަސްވުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބާރުއަޅާފަ އެވެ. ހުކުރު ދުވަހު ނެގި ހިޔާލު ހޯދުމުގެ ވޯޓުތަކުން ދެއްކި ގޮތުގައި ރައްޔިތުންގެ ހިޔާލު ވަނީ ދެކޮޅަަށް ވެސް ގާތްގަނޑަކަށް ހަމަހަމަވާ ގޮތަށް ބެހިފަ އެވެ.
މި މުހިއްމު ވޯޓުގައި ގްރީސްގެ ސަރުކާރަށް ލިބުނު ކާމިޔާބީއާ ގުޅިގެން، ސާޕާސްގެ ސަރުކާރުން ވަނީ އެ ގައުމުގެ ދަރަނި މާފުކޮށްދޭން ކުރަމުން ގެންދިޔަ ޑިމާންޑް އިތުރަށް ވަރުގަދަކޮށްފަ އެވެ. އެކަމަކު، ޔޫރަޕްގެ ވެރިންގެ ވާހަކަތައް ހުރީ އެ ޑިމާންޑަށް ބޯލަނބާނެ ފަދަ ގޮތަކަށް ނޫނެވެ.
މީގެ އިތުުރުން، ހިޔާލު ހޯދުމުގެ ވޯޓަށް ފަހު، ގްރީސްގެ ފިނޭންސް މިނިސްޓަރު ޔާނީސް ވަރޯފާކިސް ވަނީ އިސްތިއުފާ ދެއްވާފަ އެެވެ. އެއީ އޭނާ ބައިވެރިކޮށްގެން މަޝްވަރާކުރަން ޔޫރަޕްގެ ގައުމުތަކުގެ ފިނޭންސް މިނިސްޓަރުން ދެކޮޅު ހެއްދެވުމުންނެވެ. އެއާ އެކު، ކުރިން މަޝްވަރާތަކުގައި ބައިވެރިވި ގްރީސްގެ ވަފުދުގެ އިސް ވެރިއަކަށް ހުންނެވި ޔޫކްލިޑް ސަކަލޯޓޯސް ވަނީ ފިނޭންސް މިނިސްޓަރަކަށް ހަމަޖަައްސާފަ އެވެ.
އެހީގެ ޕްރޮގްރާމާ މެދު ހިޔާލު ހޯދުމުގެ ވޯޓެއް ނަގާފައި މި ވަނީ ގްރީސް ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި ވަނިކޮށެވެ. އަދި އެ ކަމުގެ އަސަރު އާއްމު ރައްޔިތުންގެ ދިރިއުޅުމަށް އިންތިހާ އަށް ކުރަން ފަށާފައި ވެސް ވަނިކޮށެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަށް ދައްކަންޖެހޭ 1.6 ބިލިއަން ޔޫރޯގެ ލޯނު ދައްކަން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ކަނޑައަޅާފައި އޮތް ސުންގަޑި ހަމަވިއިރު އެ ލޯން ނުދެއްކި، ގްރީސް ވަނީ ދަރަނިވެރިވެފަ އެވެ. އެއާ އެކު، ޔޫރަޕުން ވަނީ އަންގާރަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވި އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރުކުރަން ދެކޮޅު ހަދާފަ އެވެ.
މި މައްސަލަގަނޑުގެ ސަބަބުން ގްރީސް ބޮޑު އިގްތިސާދީ އަނދަވަޅަކަށް ވެއްޓިފައި ވާއިރު، ބޮޑުވަޒީރު ސާޕާޒް ވަނީ ފަހު ވަގުތު އާ ހުށަހެޅުއްވުމެއް ޔޫރަޕްގެ ވެރިންނަށް ހުށަހަޅުއްވާފަ އެވެ. އެއީ މުއްދަތު ހަމަވި އެހީގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ޔޫރަޕުން އޭރު ހުށަހެޅި ގިނަ ކަންތައްތަކަށް، ބޮޑެތި ޝަރުތުތަކާ އެކު އެއްބަސްވެފައިވާ ހުށަހެޅުމެކެވެ. އަދި ޔޫރަޕުން ގާއިމްކޮށްފައިވާ ބެއިލްއައުޓް ފަންޑުން، 29.1 ބިލިއަން ޔޫރޯގެ ތިން ވަނަ ލޯނެއް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ގްރީސް އަށް ދިނުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.
އެހެން ނަމަވެސް، ޔޫރަޕްގެ އިގްތިސާދީ ބާރުތައް ކަމަށްވާ ޖަރުމަނާއި ފްރާންސްގެ އިތުރަށް ޔޫރަޕިއަން ކޮމިޝަނުން ވެސް ވަނީ އެ ހުށަހަޅުމާ މެދު މަޝްވަރާކުރަން ދެކޮޅު ހަދާފަ އެވެ. އެ ފަރާތްތަކުން ބުނީ އެހީގެ ޕްރޮގްރާމާ މެދު އާއްމުންގެ ހިޔާލު ހޯދުމަށް ނެގި ވޯޓުގެ ނަތީޖާ އަށް ބެލުމަށް ފަހު ނޫނީ ގްރީސްއާ އެކު އިތުރަށް އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށެެ.
ގްރީސް ވެފައި ވަނީ އައިއެމްއެފަށް ދައްކަންޖެހޭ ދަރަންޏެއް މުއްދަތުގެ ކުރިން އަދާ ނުކުރެވި ދަރަނިވެރިވި ކުރިއަރާފައިވާ ހަމައެކަނި ގައުމަށެވެ.
ބޭރުގެ ފަރާތްތަކުން ގްރީސް އަށް ދެމުން ދިޔަ އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރު ނުކުރަން ނިންމީ އެ ޕްރޮގްރާމްގެ މުއްދަތު ފަސް މަސްދުވަހަށް އިތުރުކުރުމާ ގުޅޭ ގޮތުން އެ ގައުމުގެ އާ ސަރުކާރާ އެކު ހޫނު މަޝްވަރާތަކެއް ކުރަމުންދާތާ ފަސް މަސްދުވަސް ވެފައި ވަނިކޮށެވެ. އެކަމަކު، އެ މަޝްވަރާތައް ކޮޅެއްގައި ނުޖެހި ނިންމާލައި، އެހީގެ ޕްރޮގްރާމް އިތުރަށް ކުރިއަށް ނުގެންދަން ވަނީ ނިންމާފަ އެވެ. އެ ގޮތަށް ނިންމީ، މަޝްވަރާތައް ކުރިއަށް ދަނިކޮށް، އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރުކުރުމާ މެދު ގްރީސްގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ބޮޑުވަޒީރު ސިޕްރާސް ކުއްލި ގޮތަކަށް ހުށަހެޅުއްވުމުންނެވެ.
އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރު ނުކުރަން ނިންމުމުން، ޔޫރަޕިއަން ސެންޓްރަލް ބޭންކް (އީސީބީން) ވެސް ވަނީ ދަރަނިވެރިވުމުގެ ބިރު ހީވެފައިވާ ގްރީސްގެ ބޭންކުތަކަށް ދެމުންދާ އިމަޖެންސީ ފައިސާގެ މިންވަރު އިތުރު ނުކުރަން ނިންމާފަ އެވެ. އަދި އެ ނިންމުން މުރާޖައާ ނުކުރަން، ހިޔާލު ހޯދުމުގެ ވޯޓަަށް ފަހު އެ ބޭންކުގެ ވެރިން ބޭއްވެވި ބައްދަލުކުރައްވައި ވަނީ ނިންމަވާފަ އެވެ.
އިމަޖެންސީ ފައިސާގެ ގޮތުގައި ގްރީސްގެ ބޭންކުތައް ދޫކުރަން އީސީބީން ކަނޑައަޅާފައި އޮތީ ޖުމްލަ 89 ބިލިއަން ޔޫރޯ އެވެ. އެކި ފަހަރު މަތިން އެ އަދަދު ދޫކުރަމުން ދާއިރު، މިހާރު ބާކީ އޮތް މިންވަރެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު، ބާކީ އޮތް މިންވަރު ހަމަވުމުން ދެން ގްރީސްގެ ބޭންކުތަކަށް އީސީބީން ފައިސާއެއް ނުދޭނެ އެވެ.
ފައިސާ ނަގަން ގޮސް ތިބި އެތައް ހާސް ބައެއްގެ ދިގު ކިއޫތަކުން މިދިޔަ ހަފުތާއެއްހާ ދުވަހު ތޮއްޖެހިފައި އޮތް ގްރީސްގެ ބޭންކުތަކުން އާއްމުންނަށް ފައިސާ ދޫކުރަމުން ދަނީ އީސީބީން ދެމުންދާ އިމަޖެންސީ އެހީގެ ތެރެއިންނެވެ. އެކަމަކު، އެ އެހީ ދެން ނުލިބޭނެތީ ފައިސާ ނަގަން ބޭނުންވާ މީހުންނަށް ފައިސާ ދޫކުރެވޭނެ އިތުރު ގޮތެއް ނޯންނާނެ އެވެ. އެހެންވެ، ބޭންކުތައް ބަނގުރޫޓުވެ، ބައެއް ބޭންކުތައް ދާއިމީކޮށް ބަންދުކުރަން ޖެހިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.
އިމަޖެންސީ އެހީ އިތުރު ނުކުރަން އީސީބީން ފުރަތަމަ ނިންމުމާ އެކު އެ ގައުމުގެ ބޭންކުތަކާއި ހިއްސާގެ ބާޒާރު ވަގުތީ ގޮތުން ބަންދުކޮށް، ގައުމުން ފައިސާ ބޭރުކުރުން ވެސް ވަނީ ހުއްޓާލާފަ އެވެ. އަދި އަމިއްލަ ބޭންކް އެކައުންޓުން ދުވާލަކު މީހަކަށް ނެގޭނީ ގިނަވަގެން 60 ޔޫރޯ ކަމަށާއި ކޮންމެހެން ބޭނުންވެގެން ނޫން ގޮތަކަށް، ހުއްދަ ލިބިގެން ނޫނީ ގައުމުން ބޭރަށް ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ގޮތަށް ވެސް ހަދާފަ އެވެ.
ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އަށް ފަހު އިއްޔެ ބޭންކުތައް އަލުން ހުޅުވަން ނިންމާފައި އޮތަސް، އެކަން ކޮށްފައެއް ނުވެ އެވެ. އެއީ އީސީބީން އެހީ ދޭން އަލުން ފަށަން އެއްބަސް ނުވުމުންނެވެ.
އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރުކުރަން ޔޫރަޕިއަން ކޮމިޝަނާއި އައިއެމްއެފް އަދި އީސީބީން ދެކޮޅު ހެދީ އެ ފަރާތްތަކުން ގްރީސް އަށް ކުރިމަތިކުރާ ބައެއް ޝަރުތުތަކަށް ދޫ ދޭން، ޖެނުއަރީ މަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރުމަށް ފަހު ވެރިކަމަށް އައި ވާތު ފިޔައިގެ ސަރުކާރުން ބޭނުން ނުވުމުންނެވެ. އޭގެ ތެރޭގައި ބަޖެޓުން ފައިސާ އުނިކުރުމާއި ޕެންޝަން ކުޑަކޮށް، ޖީއެސްޓީ ބޮޑުކުރުމުގެ އިތުރަށް އާއްމުންނަށް ދެމުންދާ ބައެއް ކަހަލަ މާލީ އިނާޔަތްތައް ހުއްޓާލުން ހިމެނެ އެެވެ.
ގްރީސްގެ ދަރަނި ވަނީ 320 ބިލިއަން ޔޫރޯ އަށް އަރައިފަ އެެވެ. އީޔޫ މެދުވެރިވެގެން، އީސީބީ އާއި ޔޫރަޕިއަން ކޮމިޝަން އަދި އައިއެމްއެފުން އަންނަނީ 2010 ވަނަ އަހަރުން ފެށިގެން ގްރީސް އަށް މާލީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
ގްރީސް އަށް ފައިސާ ލިބެމުން ދިޔަ ހަމައެކަނި ގޮތް ބަންދުވުމުގެ އިތުރަށް، އައިއެމްއެފް އަށް ދަރާފައި ވާއިރު، ގްރީސް އިން ޔޫރޯ ބޭނުން ކުރުން ހުއްޓާލަން މަޖުބޫރުވާނެކަން މިހާރު ވަނީ ގާތްގަނޑަކަށް ޔަގީންވެފަ އެވެ. އެހެން ވެއްޖެ ނަމަ، ގްރީސް އަށް ޖެހޭނީ އަމިއްލަ ފައިސާއެއް ޖަހާށެވެ. އެކަމަކު، އެ ހާލަތަށް ހިނގައްޖެ ނަމަ ގްރީސްގެ އިގްތިސާދު މެނޭޖްކުރެވިދާނެތޯ ސުވާލު އުފެދެ އެވެ. އަދި އެފަދަ ހާލަތެއްގައި މުޅި ޔޫރޯޒޯނަށް ކުރާނެ އަސަރުތަކާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.