ވަޒީރުން ވަކި ކުރުމުގައި އަމަލު ކުރަން ޖެހޭ މަޖިލީހުގެ ގަވައިދު ކުއްލިއަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައި ވަނީ ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުނަށް ބިރުދެއްކުމަށް ކަމަށް މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި މިއަދު ކުރިޔަށް ދިޔައީ ސުޕްރީމް ކޯޓުން 2017 ވަނަ އަހަރު ނެރުނު ހުކުމަކާ ގުޅިގެން ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުން އަދި ފަނޑިޔާރުންގެ އިތުބާރު ނެތް މައްސަލަތައް މަޖިލީހުގައި ކުރިޔަށް ގެންދާނެ ގޮތުގެ ގަވައިދު އާންމު ކޮމިޓީ އިން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުމެވެ.
އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ވަޒީރުން ވަކި ކުރެވޭނެ ގަވައިދެއް މަޖިލީހުގައި އޮތުމަކީ ކުރަން ޖެހޭ މަސައްކަތެއް ކަމަށާއި ނަމަވެސް އެ މަސައްކަތް މިހާރު ކުރަމުން އަންނަނީ ރަނގަޅަކަށް ނޫން ކަމަށެވެ. ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވާ ދަންޑިވަޅެއްގައި އެ ގަވައިދު ކުއްލިއަކަށް ބަދަލު ކުރުމަށް ކޮމިޓީއަށް ހުށަހެޅިގެން ދިޔަ އިރު ކޮމިޓީގައި ވެސް ގަވައިދު ދިރާސާ ކުރުމަށް އެއްވެސް ވަގުތެއް ފުރުސަތެއް ލިބިވަޑައި ނުގަތް ކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ވެސް މި އިސްލާހާ ބެހޭ ގޮތުން ވާހަކަ ދެކެވެނު އިރު އެ ކޮމިޓީގައި އިނިން، އެ ކޮމިޓީ އަށް އަޅުގަނޑު ހާޒިރުވި ފަހުން މި އިސްލާޙު ފެނުނީ ވެސް، އޭގައި 10 ވަރަކަށް ސޮފުހާ އިން އިރު ބައި ގަޑިއިރު ތެރޭގައި އިސްލާހު ފާސްވެގެން ދިޔައީ، އެ ގަވައިދު ކިޔާލަން ވަގުތު ދޭށޭ ތަކުރާރުކޮށް ދަންނަވަމުން ދިޔަ ނަމަވެސް އެ ފުރުސަތެއް ނުލިބުނު. ހަމަ ފަޓާސްބަރިއެއް ހެން ގޮސް ގަވައިދު ފާސްކޮށްފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ 2017 ވަނަ އަހަރު ކުރި ހުކުމަކަށް މިއަދު ކުއްލިއަކަށް ގަވައިދު ހަދަން އުޅޭ ސަބަބާ މެދު ސުވާލު އުފެދޭ ކަމަށެވެ. އެއްބާރު އަނެއްބާރަށް އަރައި ނުގަންނަ ގޮތަށް ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަން ޖެހޭ އިރު ސަރުކާރު ހިންގަން މަޖިލީހުން ފުރުސަތު ދެން ޖެހޭ ކަމަށް ދީދީ ވިދާޅުވި އެވެ. އޭގެ ބަދަލުގައި ވަޒީރުން މަޖިލީހަށް ދަމާ ހަދައި ސުވާލުކޮށް އެ ފަރާތްތަކުގެ އިތުބާރު ނެތް މައްސާލަ ނަގާނެ ކަމަށް ބިރު ދެއްކުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި މިހާރު ކުރަން އުޅޭ މަސައްކަތަކީ އެއީ ކަމަށް ވެސް ދީދީ ވިދާޅުވި އެވެ.
މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މަޖިލީހުގެ ރައީސް ގާސިމް އިބްރާޙިމް އަމަލު ކުރައްވަނީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހު މުހައްމަދު އަމަލު ކުރެއްވި އުސޫލުން ކަމަށެވެ. އެގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފައި ވަނިކޮށް ކުއްލިއަކަށް ގަވައިދުތައް ހެދުމަކީ މަޖިލިސް ރައީސްގެ އިތުބާރު ނެތް މައްސަލަ ހުށަހަޅާފައި ވަނިކޮށް ގަވައިދު ބަދަލުކޮށްގެން އެ ދޮރު ބަންދު ކުރަން އުޅުން ކަހަލަ ކަމެއް ކަމަށް އާޒިމް ވިދާޅުވި އެވެ. މައްސަލައެއް ހުށަހަޅާފައި ވަނިކޮށް އެއަށް އަސަރު ކުރާނެ ގޮތަކަށް ގަވައިދު ބަދަލު ކުރެވިގެން ނުވާނެ ކަމަށާއި މިހާރު ހުށަހެޅިފައިވާ މައްސަލައަކަށް މި ބަދަލު ކުރާ ގަވައިދު ހިނގާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
"މައްސަލައެއް މިތަނަށް ހުށަހެޅުމަށް ފަހު އެ މައްސަލައަކާ މެދު ކަން ކުރަންވީ ގޮތުގެ ގަވައިދު ހަދަން މަސައްކަތް ކުރުމަކީ އެއްގޮތަކަށް ވެސްކޮށްގެން ވާނެ ކަމެއް ނޫން،" އާޒިމް ވިދާޅުވި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ގަވައިދުތައް ބަދަލު ކުރަމުން އަންނަނީ އަމިއްލަ ބޭނުމަށްޓަކައި ކަމަށާއި އެ ބަދަލު ގެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށާއި އެމަނިކުފާނުގެ ވަޒީރުންނަށް ބިރު ދެއްކުމުގެ ގޮތުން ކަމަށެވެ. އެގޮތުން އާންމު އިންތިހާބު ބޯމަތިވެފައި ވަނިކޮށް އެ މެންބަރުން ބޭނުންވާ ގޮތަށް ސަރުކާރު ބައްޓަން ކުރުމުގެ ބޭނުމުގައި ކަމަށާއި ރައީސް ސޯލިހު ބްލެކްމެއިލް ކުރުމުގެ ބޭނުމުގައި ކަމަށް ވެސް އީވާ ވިދާޅުވި އެވެ.
"މުޅި ސަރުކާރު ބްލެކްމެއިލްކޮށް މުޅި ސަރުކާރު ހައިޖެކްޓް ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިސް ބޭނުން ކުރަމުން ދާތަން މި ފެންނަނީ،" އީވާ ވިދާޅުވި އެވެ.
އެ ގަވައިދަށާއި ސުޕްރީމް ކޯޓަށް ފާޑު ވިދާޅުވަމުން އެމްޑީޕީގެ މެންބަރުން ގެންދެވި އިރު އެ ގަވައިދު ގެންނަން ޖެހުނު ސަބަބު ތަކުރާރުކޮށް ވިދާޅުވަމުން ގާސިމް ގެންދެވި އެވެ. އަދި ބައެއް މެންބަރުންގެ ފާޑު ވިދާޅުވުންތަކަށް ގާސިމް ރައްދު ވެސް ދެއްވި އެވެ.
އެކަމާ ގުޅިގެން ނިޒާމީ މައްސަލައެއް ނަންގަވާ، ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ބާރީ ވިދާޅުވީ ރައީސް ބަހުސްގެ ތެރެއަށް ވަދެވަޑައިގެން ޖަސްޓިފައި ކުރައްވައިގެން ނުވާނެ ކަމަށެވެ. މިހާރު ހުށަހަޅާފައިވާ މައްސަލައަކީ އެމްޑީޕީގެ މިނިސްޓަރު ބްލެކް މެއިލްކޮށް މިނިސްޓަރުންނަށް ބިރުދެއްކުމުގެ ގޮތުން ހުށަހަޅައިގެން އުޅޭ މައްސަލައެއް ކަމަށް އޭނާ ވެސް ފާހަގަ ކުރެއްވި އެވެ.
އެމްޑީޕީގެ އިތުރުން އަދާލަތު ޕާޓިގެ މެންބަރު އަނާރާ ނައީމް އާއި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކެނދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންގެ ވާހަކާގައި ވެސް ސަރުކާރުގެ ވަޒީރުން ދިފާއު ކުރައްވާ ވާހަކަދެއްކެވި އެވެ. އެގޮތުން އެ ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވައްދާ ވަރުގެ ކަމެއް އެ ވަޒީރުން ނުކުރައްވާ ކަމަށް އެ ދެ މެންބަރުން ފާހަގަ ކުރެއްވި އެވެ.
ވަޒީރުން ވަކި ކުރެވޭ ގަވައިދު ބަދަލު ކުރަން ހުށަހަޅާފައިވާ އިރު މަޖިލީހަށް ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަަދު ދީދީގެ އިތުބާރު ނެތް މައްސަލައެއް ވަނީ ހުށަހަޅިފަ އެވެ. އެ މައްސަލަ ހުށަހެޅީ ޕީޕީއެމްގެ ފަރާތުންނެވެ. އެ މައްސަލާގައި ގާސިމް ވިދާޅުވެފައި ވަނީ މައްސަލަ ކުރިޔަށް ނުގެންދެވި އޮތީ ގަވައިދު ނުހެދޭތީ އެވެ. އެހެންކަމުން ގަވައިދު ފާސް ކުރާ ހިސާބުން އެ މައްސަލަ ކުރިޔަށް ގެންދެވޭނެ އެވެ.