(13 މާރިޗު 2019 އާ ގުޅޭ)
ދާއިން އޭނަގެ ގަމީހުގެ އަތްކުރީގެ ގޮއް ނައްޓާލަމުން އަތްކުރި އޮޅާލިއެވެ. އަދި ޒާރާއަށް ބަތްއަޅާދެމުން އޭނަގެ ތަށީގައިއިން އުލާ ސަމްސާ ނަގާ ޒާރާގެ ބަތްތަށި އެއްކޮއްލިއެވެ. ޒާރާ ދާއިން ކުރާކަމެއް ބަލަން ވަރަށް ޝައުގުވެރިކަމާއިއެކު ބަހެއްވެސް ނުބުނެ ބަލަންއިނެވެ.
"އަވަހަށް ބަސްއަހައިގެން ސަމްސަލުން ކާލާ......." ދާއިން ޒާރާގެ އަތްނަގާ ސަމްސަލުގައި ޖައްސަމުން ބުނެލިއެވެ. އެއާއެކު ޒާރާ ސަމްސަލުން ކާންފެށިއެވެ. ދާއިންވެސް އޭނަގެ އަތުކުރީގައި އޮތް ގަޑިއަށް ބަލާލަމުން ކާންފެށިއެވެ.
* * * * *
އޮފީސް ނިންމާލާފައި މަންހާ ގެއަށް އައިއިރު ހުރީ ވަރަށް ވަރުބަލިވެފައެވެ. އެހެންވިޔަސް އޭނަގެ އެކުވެރިންނަށް އޮފީހުގެ ހަބަރު ނުދީ ނުހުރެވުނެވެ. އަނެއްކޮޅުން ޝަރަފް އާއި ޝިމާދުވެސް މަންހާގެ ފަރާތުން އޮފީހުގެ ފުރަތަމަ ދުވަސް ދިޔައީ ކިހިނެތްތޯ އޮޅުން ފިލުވަންއައެވެ. ރޭގަނޑުގެ ކެއުމުގެ ވަގުތުގައިވެސް ވަސީމާ އާއި ސަޢީދުގެ ފަރާތުންވެސް ކުރިމަތިވީ ހަމައެފަދަ ސުވާލުތަކެކެވެ. އޮފީހުގެ އެކިއެކި ކަންތައްތަކާއި ބެހޭގޮތުންނެވެ.
* * * * *
"އަބަދުވެސް އަހަރެން ދާއިން ދެކެ ލޯބިވާނަން، ދުވަހަކުވެސް ދާއިން އެކަނިވިޔަކަ ނުދޭނަން، ކައިރީގައި ނެތަސް އަބަދުވެސް ކަލާގެ ހާލު ބަލާނަން..........މިހިތުގެ ވިންދުޖަހާލާ ކޮންމެ ފަހަރަކު އެހިތް ހަމައެކަނި ކިޔާ ނަމަކީ ދާއިންގެ ނަން............އެހާވެސް ލޯބިވޭ.........އަބަދުވެސް ލޯބިވާނަން...........އޭންޖެލް..........." ދާއިން ބެލްކަނީގައި ހުރި ގޮނޑީގައި އިށީނދެލައިގެން އިނދެ އަތުގައި އޮތް ގަނޑު ކިޔާލިއެވެ. އެއީ އެތަކެއް އަހަރުތަކެއް ވެގެންދިޔައިރުވެސް ކާކުކަން ނޭގުނު ފަރާތަކުން އަންނަ ލޯބީގެ ސިޓީތަކެވެ. އޭންޖެލްގެ ސިޓީތަކެވެ. އެސިޓީގައި ހުންނަ ހިތްގައިމު މީރުވަސް މިހާރު ދާއިންގެ އެތެރެހަށީގައި ހަރުލާފައިވާ ކަހަލައެވެ. އެކަމަކު އެއަންހެން ކުއްޖާ ހޯދާނީ ފަހެ ކޮންތާކުން ހެއްޔެވެ. އަދިވެސް އެލޯތްބަށް ބަދަލުވުމެއްނެތެވެ. މީހެއްގެ ހައްޤެއްކަން އެނގޭއިރުވެސް އޭންޖަލް އޭނަދެކެ ލޯބިވާންވީ ސަބަބެއް ހުދު ދާއިންއަށްވެސް ނޭގުނެވެ.
ރޭގަނޑުގެ ހަމަހިމޭންކަމުގެ ތެރެއިން ދާއިން އޭނަގެ މޭގައި ބާއްވާލި އަތުގެ ތެރޭ ސިޓީއޮތްއިރު އޭނަގެ ނަޒަރުގޮސް ހުއްޓިފައިވަނީ އުޑުމައްޗަށެވެ. މާލޭގެ އުސްއިމާރާތްތަކާއި ދިއްލާފައިވާ އަލިގަދަ ލައިޓުތަކުގެ ތެރެއިން އެއުޑުގައި ފިޔަޖާހާލާ އެންމެ ތަރިއެއްވިޔަސް ފެނޭތޯ ހޯދާލާފަދަގޮތަކަށެވެ.
ދާއިންއެހެން އިންއިރު އޭނަގެ ލޮލަށް ނިދިޖޭހޭގޮތް ވާންފެށުމުން ތެދުވެގެން ކޮޓަރިއަށްވަދެ ބެލްކަންޏަށް ނުކުމެވެން އިން ދޮރު ތަޅުލިއެވެ. އަދި މަތީގައި އިން ތަންޑުއަޅުވާލިއެވެ. ދާއިން އޭނަގެ މަސައްކަތް ކުރާ މޭޒުގެ ވަތްގަނޑު ހުޅުވާލަމުން އަތުގައި އޮތް ސިޓީ އެއަށްލުމަށްފަހު އެނދާދިމާލަށް ދިޔައީ ނިދަން އޯށޯތުމަށެވެ.
އޮފީހުގައި ހަފްތާއެއް ބުރަކޮށް ވޭތުކޮއްލުމަށްފަހު އައި ޗުއްޓީ ހުކުރު ދުވަހުވެސް މަންހާއަށް އަރާމުކޮއްނުލެވުނެވެ. ނާޒިޔާމެންގެ އާއިލާ ހުކުރު ދުވަހުގެ ހެނދުނު ދިހައެއް ޖަހާލަނިކޮށް އެގެއަށް އައެވެ. އެމީހުންނަށް ދަޢުވަތު އެރުވީވެސް ވަސީމާގެ ދެމަފިރިންނެވެ. މަންހާ ކަންނެތްކަމާއިއެކު އެނދުގައި އޮއްވައި ޖެނީ އޭނައަށް ގޮވަމުން އައިސް އެކޮޓަރިއަށް ވަނެވެ.
"އަދިވެސް ނިދަނީތަ؟ ހައު ވޯސް ޔޯ ޖޮބް.........ވިޝާލް ކޮއްކޮގެ ނަންބަރު ލިބުނީމަ މިހާރު މަށަށް ގުޅާވެސް ނުލާ.......ފޮނި ގަނޑު" ޖެނީ އައިސް މަންހާގެ އެނދުގައި އެއްފައި އަރުވާލައިގެން އިށިންނަމުން ބުނެލިއެވެ.
"ނޫން.........ނުނިދަން، ހަމަ އޮތީ.......މިއަދު އެކަނިވިއްޔަ ފްރީ ދުވަހަކަށް ލިބެނީ، ސަޓަރޑޭގަވެސް ނުކުންނަން ޖެހޭނެ.............ޖެނީ މެން އަންނަކަމެއް ކުރިން ނޭގެއޭ.........ވެދާނެ މަންމަ އަހަރެން މާވަރުބަލިކޮށް އުޅުނީމަ ހަނދާންނެތުނީކަމަށް ބުނަން......އަހަރެން ފޮނި ވާހަކަ ދައްކާނެ ކަމެއްނެތް، ޖެނީ ގޭގަ ހުންނައިރުވެސް އަހަންނަށް ގުޅާނުލާ......ހާދަ ރީތި ދައްޗެކޭ ބޮލުގަ ޖަހާލާފަ ތީނީ" މަންހާ ތެދުވަމުން ބުނެލިއެވެ.
"ސަޅި ދޯ..........މީ ކުރިން ދުވަހު މަންމަ އާއިއެކު ބޭރުގަ އުޅެނިކޮށް ފެނުނު އެއްޗެއް...........މަންކޮ ބޭނުންތަ، އަހަރެން އަތުގަ އަދި އެކަތި އިންނާނެ، ސެޓެއްގަ އިންނަނީ ދޭތި، ދެން ދެފަރާތަށް ދޭތި ޖަހައިގެންނެއް ނޫޅެވޭނެއެއްނު ދޯ، އެހެންވެ އޮންނާނެ ބާއްވާފަ.............ބޭނުންތަ؟" ޖެނީ އަވަސް އަވަހަށް އަހާލިއެވެ. އޭނަ މަންހާ ދެކެނީ ކޮއްކޮއެއްގެ ގޮތުގައެވެ. އަދި ގާތް ރަޙުމަތްތެރިއެއްގެ ގޮތުގައިވެސް މެއެވެ. އަތުގައި އޮތް އެއްޗެއް ކޮއްކޮއަށް ރީތިވެއްޖެއްޔާ ދިނުން އެއީ ރީތި އާދައެއްނޫންހެއްޔެވެ. ޖެނީވެސް މަސައްކަތްކުރަމުން އެދަނީ އެދެމެދުގައި އޮތް ގުޅުން ވީހާވެސް ގާތް ކުރެވޭތޯއެވެ.
"ވާވު.........ސީރިއަސްކޮއްތަ..........ތޭންކްސް......." މަންހާއަށް އަސްލުވެސް ޖެނީގެ ބޮލުގައި ޖަހާފައި އިން ފިޔާދޮށިކުލައާއި ދަނބުކުލަ އަރާ ކޮކާ ދަތި ކަމުދިޔައެވެ. އަދި ޖެނީގެ އަތުގައި ހިފާ ބާރުކޮއްލީ އުފަލުންނެވެ.
"އާދޭ ދެން ތިރިއަށްދާން........މަންމަ ވަރަށް އުފާވާނެ މަންކޮ ފެނުނީމަ" ޖެނީ އެނދުން ތެދުވަމުން މަންހާގެ އަތުގައި ހިފާ ދަމާލިއެވެ.
"އޭ..........އޭ..........އަހަރެން އައިމަތަ ކޮޓަރިން ނުކުންނަން ތިދަނީ............" ވިޝާލްގެ އަޑު ކޮޓަރި ދޮރުމަތިން އިވުނެވެ. އެދިމާލަށް މަންހާ އާއި ޖެނީ އެއްފަހަރާ ބަލާލިއެވެ.
ވިޝާލް ކޮޓަރިއަށް ވަދެ މަންހާގެ ކޮމްޕިއުޓަރ ކައިރީ ހުރި ގޮނޑީގައި އިށީނެވެ. މަންހާ އާއި ޖެނީވެސް ތެދުވަން އުޅެފަވެސް އިށީނެވެ. ވަސީމާމެންގެ ދެމަފިރިންނާއި ނާޒިޔާގެ ދެމަފިރިން ސިޓިން ރޫމުގައި ވާހަކަދައްކަން ތިބިކަމުގައި ވިޝާލް މަންހާ އާއި ޖެނީއަށް އޮޅުން ފިލުވާދިނެވެ. ވިޝާލް އެކޮޓަރިއަށް އައިތާ ގިނައިރުތަކެއްނުވެ ޝިމާދު އާއި ޝަރަފްވެސް އަތުވެއްޖެވެ. އެއާއެކު ކުއްލިއަކަށް ކޮޓަރިތެރެ ފުރިގެންދިޔައެވެ. ޝަރަފް އައިގޮތަށް އައިސް މަންހާ އާއި ޖެނީ އާއި ދޭތެރޭ އެނދުމައްޗަށް ވެއްޓިގަތެވެ. އެވަގުތު ޖެނީ ރަކި ހިނިތުންވުމަކާއިއެކު ޝަރަފްއަށް ބަލާލިއެވެ. ޝަރަފްވެސް ސަމާސާ ގޮތަކަށް ޖެނީއަށް އެއްލޯ މަރާލިއެވެ. އެހަރަކާތުން ޖެނީ ހަގީގަތުގަވެސް ލަދުގަނެއްޖެއެވެ. އޭނައަށް ހިނިއައިސްފައި އިސްޖަހާލެވުނެވެ.
"މި ތިއްތޭ ކިހިނެތްތައް މިއުޅެނީ، އަޅެމިދޭތެރެ ނޫނީ އޮށޮންނާނެ ތަންކޮޅެއް ނުލިބުނުތަ........." މަންހާ ޝަރަފްގެ ކޮނޑުގައި އަޅާ ދުރަށްކޮއްޕަމުން ބުނެލިއެވެ. ޝިމާދު މަންހާ އާއި އެއްބައިވެލިއެވެ. އަދި ޝަރަފް އާއި ދިމާކޮއްލިއެވެ.
"މިތަނުގަ ތިބި އެންމެ ބިއުޓިފުލް ދެކުދިންގެ މެދުގައި އަހަރެން މިއޮތީ ފަހަރެއްގަ އެމީހުންގެ ރީތިކަމުން ބައެއް އަހަންނަށްވެސް ލިބިދާނެކަމަށް..........އެކެމަކު ކީއްކުރާނީ، މިމީހުންނަށް އެގޮތް ކަމަކު ނުދިޔަ ވިއްޔަ" ޝަރަފް ތެދުވެ އެނދުގެ ބިއްދޮށަށް ޖެހިލަމުން އިށީނެވެ.
ހުރިހާކުދިންގެ މެދުގައި އެކިއެކި ވާހަކަ ދެކެވެމުންދިޔައެވެ. ހާއްޞަކަމެއް ދެވުނީ ދެހަފްތާ ފަހުން ކުރުމަށް ފައިނަލްވެފައިވާ ޝިމާދުގެ ކައިވެނީގެ ވާހަކައަށެވެ. ވަކި ކުލައެއް ހާއްޞަކުރެވި ހުރިހާ ކަމެއް ނިމިގެން ދާއިރުވެސް މަންހާ ޝަކުވާ ކުރީ ޝިމާދު އިންނަން އުޅޭ ކުއްޖާ އޭނަ އާއި ބައްދަލު ކޮއްދީ ތަޢާރަފްކޮއްނުދޭތީއެވެ. އަދިވެސް މާ ދުރުދުރުން ހުރިހާ ކަމެއް ނިންމަމުން ދާތީއެވެ. ޝިމާދު އެކަމާއި މާފަށްއެދި ފެމެލީ ޑިނާއެއް ބޭއްވުމަށް ހިޔާލު ފާޅު ކުރިއެވެ. އެކަމަށް ހުރިހާ ކުދިންގެ ތަރުޙީބު ލިބިގެންދިޔައެވެ. އެކިއެކި ވާހަކަތަކުގެ ތެރެއިން ޝަރަފްއަށް އޭނަގެ އަތް ހިމޭނުން ލައިގެނެއް ނީނދެވުނެވެ. ދޭތެރެއަކުން ޖެނީގެ ބޮލުގައި ޖަހާފައި އިން ކޮކާލާ ކުޅެލައެވެ. އެއިން ކޮންމެ ފަހަރަކު ޖެނީގެ ފަރާތުން ލުއި ލުއި ރަކި ހިނިތުންވުމެއް ނޫނީ ނުލިބެއެވެ. ކީއްވެކަމެއް ނޭގެއެވެ. ޝަރަފްގެ އެފަދަ ސަމާސާ ހަރަކާތްތަކުން ޖެނީގެ ހިތަށް ބުނެދޭންނޭގޭ އުފާވެރިކަމެއް ވެރިކުރުވައެވެ.
ހުކުރަށް ދިއުމަށްޓަކައި ގޭގެ ހުރިހާ ފިރިހެންވެރިން ދިޔައިރު އެމީހުން ހުކުރުން އަންނަން ވާއިރަށް ސުފުރާމަތި ތައްޔާރުކުރުމަށް އަވަދިނެތި ވަސީމާ އާއި ނާޒިޔާ އެމީހުންގެ އަންހެން ދަރިންނާއިއެކު އަތްމަތި އަވަސްކޮއްލާފައި އުޅެވެ. އެމީހުންގެ މެދުގައި ދެކެވެމުން ދިޔައީ ޝިމާދު އިންނަން އުޅޭ ކުއްޖާގެ ވާހަކައެވެ. އެދޭތެރެއަށް މަންހާގެ ނަން އައީ ކީއްވެކަމެއް ނޭގެއެވެ.
"އަހަރުމެންގެ މަންހާ ކައިވެނި ކުރާ ދުވަހަކީ ގައިމުވެސް އަހަރުމެން ދެޢާއިލާއަށް ޙާއްސަ ދުވަހަކަށް ވާނެ ކަން ގައިމު" ވަސީމާ ނާޒިޔާއަށް ބުނެލިއެވެ.
އެއަޑުއިވި މަންހާ އާއި ޖެނީ އެކަކު އަނެކަކަށް ބަލާލިއެވެ. އަދި ނިތްއަރުވާލަމުން ބޮލުން އިޝާރާތްކޮއްލީ އެދައްކަނީ ކޮންވާހަކައެއްހޭ އަހާލާފަދަ ގޮތަކަށެވެ. ޖެނީ އޭގެ ޖަވާބަކަށް ދިނީ ހިނިތުންވުމެވެ. މަންހާ ދެފަރާތަށް ބޯހޫރުވާލުމަށްފަހު ކުރަން ހުރި މަސައްކަތަށް އެނބުރިދިޔައެވެ. އަދި ވަސީމާ އާއި ނާޒިޔާ ދައްކާ ވާހަކަތައް އަޑުނާހާވޭތޯ މަސައްކަތް ކުރިއެވެ. އެއީ އެމީހުންގެ ވާހަކަތައް އަޑުއިވި މަންހާއަށް ވާނުވާނޭގި ދެން އުފެދޭނީ ޖަވާބު ނޭގޭ ސުވާލުތަކަކަށްވީމައެވެ. އޭރުން އެސިކުނޑިއަށް އިތުރު ބުރަކަމެއް ލިބިގެންދާނެއެވެ. މިހާރުވެސް އެސިކުނޑީގައި ހިނގާ ކަންތައްތައް މަދެއްނޫނެވެ. ވީއިރު އިތުރު ކަމަކާ ވިސްނާ ބޯހަލާކު ކުރާކަށް އޭނައެއް ބޭނުމެއްނޫނެވެ.
މުޅިދުވަސް ނިމިގެންދިޔައީ ގޭތެރޭގައި ވަރަށް ހަލަބޮލިކަމާއިއެކުގައެވެ. ފަހަރަކު ކޮޓަރިއަކަށް ވަންނަމުން މަޑުކުރަމުން ދިޔައިރު ދައްކާނެ ވާހަކައެއް ހުހެއްނުވިއެވެ. ކަމެއްނެތިއްޔާ އާދައިގެ މަތިން ޝަރަފް އާއި ދިމާކޮއްލުން ފަދަކަމެއްވިޔަސް ކޮއްލައެވެ. ދެއާއިލަގެ މެދުގައި މިފަދަ ކަންތައްތަކުގެ ސަބަބުން އުފެދޭ ގާތްކަމާއި ލޯބި ޔަގީނުންވެސް މިއަދު އިތުރުވެގެންހިނގައްޖެއެވެ.
* * * * *
ދެހަފްތާތެރޭގައި ދުވަހަކުވެސް ގޭތެރޭގެ މާހައުލު ހަލަބޮލި ނުވާވަރަށް ހަލަބޮލިވެގެންދިޔައެވެ. ވާނީވެސް އެހެންތާއެވެ. ކޮންމެ މީހަކުވެސް ތައްޔާރުވަމުންދިޔައީ އެރޭ އޮތް ޝިމާދުގެ ކައިވެނި ހަފްލާއަށް ދިއުމަށް އެންމެ ފުރިހަމަކޮށް ތައްޔާރުވެގެން ދެވޭތޯއެވެ. މަންހާގެ އާއިލާ އަވަދިނެތި އުޅެމުންދިޔައިރު އެމީހުންނަށް އެހީތެރިވުމުގައި ނާޒިޔާގެ އާޢިލާވެސް އެންމެ ތަފުކެއް އުންޏެއް ނުކުރެއެވެ. ހީވަނީ އެދެއާއިލާއަކީވެސް ގުޅިލާމެހިފައިވާ ބޮޑު އެއްއާއިލާހެންނެވެ.
ވަސީމާ އާއި ސަޢީދުގެ ފަރާތުން ދޮށީދަރިފުޅު ޝިމާދުއަށް ދިން ކައިވެނީގެ ހަދިޔާއަކީ ރޭވިގެންދިޔަ ބޮޑު ކައިވެނި ހަފްލާގެ ހަރަދެވެ. ނާޒިޔާ އާއި މޫސަގެ ފަރާތުން ޝިމާދުއަށް ލިބުނު ހަދިޔާވެސް ކުޑައެއްނޫނެވެ. އެދެމަފިރިންގެ ހަދިޔާއަކީ ލޯބިވެރިންގެ މަންޒިލެއްކަމުގައި ދުނިޔެއަށް މަޝްހޫރުވެފައިވާ ގައުމު ޕެރިސްގެ މަޝްހޫރު ހޮޓަލެއްގެ ހަނީމޫނު ސުވިޓްސް ގައި އެއްހަފްތާ ހޭދަކޮއްލުމުގެ ފުރުޞަތެވެ. މި އަގު ބޮޑެތި ހަދިޔާތައް ފެނި ގޭތެރޭގެ ކޮންމެ ކުއްޖެއްވެސް ވަނީ އަޖައިބުވެފައެވެ.
ގެއަށް އަންނަން އުޅޭ ފަހަރީގެ މިޒާޖު މަންހާއަށް ނޭގުނެއްކަމުގައިވިޔަސް ފެންނަ ފެނުމަށް އޭނަގެ ހުރިހާ ކަމެއްވެސް މަންހާއަށް ކަމުދިޔައެވެ. ހުންނަލެއް މަޑުމައިތިރި ކަމާއި މަންހާފަދައިން އެއަންހެން ކުއްޖާވެސް ވީ އިސްކޮޅުން ދިގު ހިމަތޮޅި އަންހެން ކުއްޖަކަށެވެ. ގޭތެރޭގައި ޝީމާދު އާއިއެކު އޭނަގެ ބައިވެރިޔާ ޖޫން އުޅޭއިރު އެދެމީހުންވެސް ވަރަށް ގުޅެއެވެ. އެހެންނަމަވެސް އެދެބައިވެރިންނަށް ލިބިފައިވާ ހާސްކަން އެހެން އެކަކުގެ ހާސްކަމަށްވުރެވެސް ބޮޑެވެ. އެރޭގެ އެހަފްލާ އެއްވެސް ކަމެއް އުނިނުވެ ފުރިހަމަ ކަމާއިއެކު ނިމިގެން ދިއުން އެއީ ޖޫން ބޭނުންވާގޮތެވެ. އަދި ޝިމާދު ޖޫންގެ އުފަލައްޓަކައި އޭނަގެ ހިދުމަތުގައި ހިނދުކޮޅަކަށްވެސް ދުރަށްޖެހިނުލާ އުޅޭއިރު އެދެމެދުގައިވާ ލޯބީގެ ވަރުގަދަ ގުޅުން ފާޅުވެގެންދެއެވެ.
"މިހާރު އެއޮތްގެން ސެލޫންއަށް ދާގަޑި ޖެހުނީ............" ޖެނީ ބުނެލިއެވެ.
އެއަޑަށް ޖޫން އޭނަގެ އަތުގައި އަޅާލާފައި އޮތް ހިމަހިމަ ރިހިކުލައިގެ ގަޑިއަށް ބަލާލިއެވެ. އަދި އަވަސް އަވަހަށް ފޯނު ހޯދާލާފައި ކޮންމެވެސް މީހަކަށް ގުޅާލިއެވެ.
އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ކަނޑުގެ ސަތަހައިގެ ތެރެއަށްގޮސް ނިވާވަމުންދިޔައެވެ. ޝިމާދުގެ އަތުގައި ހިފާލައިގެން ދުވެފައި ކަހަލަ ގޮތަކަށް ޖޫން ނުކުތީ ބޭރު ދޮރު ކައިރިއަށެވެ. އެމީހުންގެ ފަހަތުން މަންހާ އާއި ޖެނީ ނުކުތެވެ. އޭރު ދޮރުމަތީ އޮތް ކާރުގައި ވިޝާލް އިންތަން މަންހާއަށް ފެނުނެވެ. ޖޫން އާއި ޝިމާދު ކާރަށް އަރާ ހަމަޖެހިލުމާއިއެކު މަންހާ އޭނަގެ ދެއަތްމަތީ ބާއްވާލާފައި އޮތް ރަންކުލައަކަށްދާ ކަވަރެއްލާފައިވާ ބޮޑު ހެދުން ޖޫންގެ އަތަށް ދިއްކޮއްލިއެވެ. ޖެނީވެސް ހުދުކަވަރުގައިވާ ޓަކްސީޑޯ ކާރުގައި އިން ޝިމާދުގެ އަތަށް ދިއްކޮއްލިއެވެ.
"އަވަހަށް އަންނައްޗޭ..........އަހަރުންވެސް ސެލޫންއަށް ދާންޖެހޭނެ........." ޖެނީ ވިޝާލް ކާރު ދުއްވާލަން އުޅެނިކޮށް ބުނެލިއެވެ.
"ބޮޑުބައްޕަ ބުނި އާ ކާރު ނެރޭނެ ވާހަކަ............ތުއްތަ ބޮޑުބައްޕަ ގާތުން ނިކަން އަހާބަލަ، އޭރުން އެކާރުގަ ދެވޭނެއެއްނު.............." ވިޝާލް ބުނެލިއެވެ. އަދި ޖެނީ ވަކި ޖަވާބެއް ނުދެނިސް ކާރު ދުއްވާލީ ޝިމާދުމެންނަށް ލަސްވެދާނެތީއެވެ.
ރޭގަނޑު ހަތެއްޖަހާ ދިޔައިރު ގޭތެރޭގެ އަޑުފައްގަނޑު މަޑުވެއްޖެއެވެ. ޝިމާދު އާއި ޖޫން ކައިވެނި ހަފްލާއަށް ތައްޔާރުވުމަށްޓަކައި ދިޔައިރު މަންހާ އާއި ޖެނީވެސް ވީ ރީތިވުމަށްޓަކައި ބިއުޓީ ސެލޫންއަށް ގޮސްއެވެ. އެދެކުދިންގެ ފަހަތުން ޝަރަފް އާއި ވިޝާލްވެސް ދިޔައެވެ. ގޭތެރޭގައި އުޅެނީ ހަމައެކަނި ވަސީމާގެ ދެމަފިރިންނެވެ. ނާޒިޔާގެ ދެމަފިރިންވެސް ދިޔައީ ތައްޔާރުވެގެން އައުމަށް އެމީހުންގެ ގެއަށެވެ.
ފޮޓޯ ޝޫޓީން ނިންމާލުމަށްފަހު ޝިމާދުގެ ދެމަފިރިން އައީ ކައިވެނި ހަފްލާ ބާއްވަން ހަމަޖެހިފައިވާ ތަނަށެވެ. ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމަށެވެ. ޖޫންއަށް އެނޫނީ އެތަނަށް ވަނުމުގެ ފުރުޞަތެއް ޝިމާދު ނުދިނެވެ. އެތަނުގެ ޒީނަތްތެރިކަންފެނި ޖޫންގެ އަނގަހުޅުވިގެން ދިޔައީ އާޝޯހްވެގެންނެވެ. ހުވަފެނުންވެސް ނުދެކޭހާ އެތަން ފުރިހަމައެވެ. އޭނަގެ ކައިވެނި ހަފްލާ ހާއްޞަވާން އަބަދުވެސް އޭނަގެ ހިތްއެދެއެވެ. އެކަމަކު މިހާ ފުރިހަމަ ވާނެއެކޭ އޭނަ ހީވެސް ނުކުރެއެވެ.
އަށްގަޑި ފަނަރައިގައި ޝިމާދު އާއި ޖޫންގެ ކައިވެނި ވަޑައިގެން އިންނެވި ޤާޒީ ކޮއްދެއްވިއެވެ. އެއާއެކު އެތަނުގައި އެވަގުތު ތިބި ތިން އާއިލާގެ ތެރޭވެސް އުފާވެރިކަމުގެ އަޑުފަށްގަނޑު ގުގުމައިގެން ހިނގައްޖެއެވެ. މަންހާ ޖޫންގެ ގައިގާ ބައްދާލަމުން މަރުހަބާ ކިޔެވެ.
"ޔޫ ލުކް ޔަސްޓް ލައިކް އަ ޕްރިންސެސް" މަންހާ ޖޫންގެ ދެއަތުގައި ހިފާލަމުން ބުނެލިއެވެ.
އާއެކެވެ. މަންހާ އެބުނީ މުޅިއަކުން ދޮގެއްނޫނެވެ. ކައިވެނީގެ ހެދުމުގައި ކޮންމެ އަންހެން ކުއްޖެވެސް ފެންނާނީ އެފަދަ ރަންޏެއްހެންނެވެ. އޮރެންޖު ކުލައިގެ ބޮޑުހެދުމުގައި ޖޫންގެ ރީތިކަން އިތުރުވެގެންދެއެވެ. ކުދި ރޫބައިތަކަކާއިއެކު ދުރަށް ފެތުރިފައި ހެނދުމުގެ ފަސްބައިއޮތެވެ. ދެމަފިރިންގެ ލިސްޓަށް އިތުރުވި އެދެބައިވެރިން އެހަފްލާއަށް އަންނަ މެހެމާނުންނާއި ސަލާމް ކުރުމަށް ހަމަޖެހިފައިވާ ތަނުގައި ހުއްޓިލުމާއިއެކު ފޮޓާނަގާ ކުދިންތައް ޖޫންގެ ހެނދުމުގެ ފަސްބައި ރީތިގޮތަކަށް ފަތުރާލަމުންދިޔައެވެ. އެމަންޒަރުތައް ބަލަން ހުރި މަންހާގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވެފައިވާއިރު އޭނަ ދިޔައީ ހޭލާ ހުރެގެން ހުވަފެންދެކެމުންނެވެ.
ކިހާރީތި ހެއްޔެވެ. މުޅިތަނަށް ހީވަނީ ނާރިނގުކުލައިގެ ދޯދިތަށް ފެތުރިފައިވާހެންނެވެ. ޖޫންގެ ގާތުގައި ޝިމާދު ހުއްޓިލައިގެން ހުރިއިރު އެއީ އެންމެ ގުޅޭ އެންމެ ފުރިހަމަ ޒުވާނާއޭ ބުނާވަރުވެއެވެ. ކަޅުކުލައިގެ ޓަކްސީޑޯގެ ތެރެއިން ހުދުގަމީހެއްލާފައި ކަރުގައި ޖޫންގެ ހެދުމުގެ ކުލަޔާ ގުޅޭ ބޯޓައިއެއް ހަރުކޮއްލާފައިވާއިރު ވާތްފަރާތުގައި ނާރިނގުކުލައިގެ ބޮޑު ފިނިފެންމަލެއް ހަރުކޮއްލާފައިވުމުން އެތަށްގުނައެއް ފުރިހަމަވެގެންދިޔައެވެ. އަދި ހަފްލާގަ އަންނަ ހުރިހާ މެހެމާނުންނަށް ފެންނަގޮތަށް ތަނުގެ މެދުގައި ބަހައްޓާފައި ހުރި ކޭކު ފެނި މީހަކު އެސްފިޔަ ޖަހާލަން ހަނދާންނެތޭހާވެއެވެ. ވަށްކޮށް ތިންބަޔަށް އަޅާފައިވާ ކޭކުގެ ކޮންމެ ބައެއްގައި ކަޅުކުލައިގެ ފަށެއް ތިރީގައި ވެއެވެ. އަދި އެންމެ ފުރިހަމައީ މަތިން ތިރިއަށް ފައިބާގޮތް ހަދާފައިވާ ފިނިފެންމަލުގެ ގުސްދައްސްތާއެވެ. އެހާ ފުރިހަމަ މަސައްކަތެއް އެހަފްލާއަށް އިތުރު ހިތްގައިމުކަމެއް ގެނެސްދިނެވެ.
ޖޫންގެ އާއިލާއަކީވެސް ކުޑަ އާއިލާއެކެވެ. ދެފިރިހެން ކުދިންނާއި ދެއަންހެން ކުދިންތިބި އިރު ޖޫންއަކީ ހަގަށް ދެވަނަކުއްޖާއެވެ. އެންމެ ދޮށީ ކުއްޖާ ޖޫންގެ ދައްތަ ނިޔާވީ ހަތްއަހަރުގައެވެ. އެއީ ލޭއަޅާ ކުއްޖެކެވެ. މިހާރު އެއާއިލާގައި ތިބީ ޖޫންގެ ބޭބެ އާއި އޭނަގެ ކޮއްކޮއެވެ. ޖޫންގެ މަންމަ އާނިސާ ވަސީމާ އާއި ނާޒިޔާމެންނާއިއެކު އެއްފަރާތެއްގައި ހުރި މޭޒެއްގެ ދޮށުގައި އިށީނދެލައިގެން ތިއްބެވެ.
ސްޓޭޗް މަތީ ކުޅެމުންދިޔަ މަޑުމަޑު ހިތްގައިމު ލައިވް މިއުޒިކު އަޑުއަހަން މަންހާ ހުރިއިރު އޭނަގެ ދާދި ގާތުގައި ޖެނީހުއްޓެވެ. ޖެނީގެ ނަޒަރު ހުއްޓެމުންދިޔައީ ހަފްލާއަށް އެކި ކުލަކުލައިގެ ހެދުންތައް ލައިގެން އަންނަމުންދިޔަ މެހެމާނުންނަށެވެ. އެކަމު މަންހާގެ ސަމާލުކަން ދެވިފައިވަނީ މިއުޒިކް ގްރޫޕުން ކުޅެމުންދިޔަ ރީތި ހިތްގައިމު ލަވައަށެވެ.
ވިޝާލް ދެ އާއިލާގެ ފިރިހެން ކުދިންގެ ތެރޭގައި ހުރިއިރު އޭނަގެ ނަޒަރު ހުއްޓިފައިވަނީ އޮރެންޖުކުލަ އާއި ހުދުކުލައިގެ ހެދުން ލާފައި ސްޓޭޖް ކައިރީ ހުއްޓިލައިގެން ހުރި މަންހާއަށެވެ. ކައިރީގައި ތިބި މީހުން ދައްކަމުންދިޔައީ ކޮންވާހަކައެއް ކަމެއް އޭނައަކަށް ނޭގެއެވެ. ދީވާނާވެފައިވާ މޮޔައަކު ފަދައިން އޭނަ ދިޔައީ މަންހާގެ ހުރިހާ ހަރަކާތަކަށް ބަލަމުންނެވެ. މިރޭ މަންހާގެ ރީތިކަން އެތަށް ގުނައެއް އިތުރެވެ. ދުވެފައިގޮސް އަތުގެ ތެރެއަށްލާ އެރީތި ގަދަރަތްކުލަ އަރުވާލާފައިވާ ތުންފަތުގައި ބޮސްދޭން ވިޝާލްގެ ހިތަށް އަރަމުންދިޔައެވެ.
ކައިވެންޏަށް ތައްޔާރުވަމުންދިޔަ ދެހަފްތާތެރޭ ޝަރަފްއަށްވެސް ބަދަލުތަކެއް ގެނުވައިފިއެވެ. ކީއްވެކަމެއްނޭގެއެވެ. އޭނަގެ ނަޒަރުގޮސް ހުއްޓެނީ މަންހާއާއި ދިމާލަށެވެ. އެކަމަކު އޭނައަށް ފާހަގަ ކުރެވިގެން މިއުޅެނީ އޭނަގެ ކޮއްކޮގެ ރީތިކަމެއްނޫނެވެ. މަންހާގެ ކައިރީ ދެންހުރި އަންހެންކުއްޖާއެވެ. އެއަންހެން ކުއްޖާ މިހާތަނަށް އައިއިރުވެސް ޝަރަފްއަށް އުފްވެސް ބުނެނުލައެވެ. އެކަމަކުވެސް އެރީތި ޖާދުވީ ބަލާލުމުގައި ޝަރަފްގެ ހިތަށް ތަދުކޮއްލާފަދަ ޖާޒުބީގޮތްތަކެއް އެކުލެވިފައިވެއެވެ. މިއިން އެއްވެސް ކަމެއް ޝަރަފް އަދި އެކަކާވެސް ހިއްޞާއެއް ނުކުރެއެވެ. އެންމެ ފުރަތަމަ އެއިޙްސާސްތައް ދެނެގަންނަން އޭނައަށް ނޭގިގެން އުޅޭއިރު އެހެންމީހަކަށް އޭނައަށް ދެވޭނެ ލަފައެއް ނޯންނާނެ ކަމުގައި އޭނަ ދެކުނެވެ. މަޑުމަޑުން ސްޓައިލްކޮއްލެވިފައި އިސްތަށިގަނޑުގައި އަތްހާކާލަމުން އަމިއްލަ ނަފްސަށް ހިނިތުންވެލިއެވެ.
"މަންކޮގެ ތިއްތޭ އަބަދުވެސް އުޅެނީ އެހެންތަ" ޖެނީ ކުރި ސުވާލުން މަންހާގެ ގާތަށް ހިނިއައެވެ.
"ކިހިނެތްވީ؟ ޔޫ ގޮޓް އިންޓަރެސްޓެޑް........" މަންހާ ޖެނީ އާއި ސަމާސާ ކޮއްލިއެވެ.
"ނޫން.........އެހެނެއްނޫން...........ދެން...........އަބަދު މަޖާވެފަ އުޅޭތީ އަހާލީ........ވަކި ކަމެއް ވެގެންނެއްނޫން އިނގޭ......." ޖެނީ އަޅައަޅައިގަންނަމުން ބުނެލިއެވެ.
"ހަމަ ކަމެއްނުވޭތަ..........އެކަމް ހާދަ އެބަ ހީވެޔޭ.........." މަންހާއަށް ޖެނީއަށް ވީގޮތް ފެނި އަނެއްކާވެސް ދިމާކޮއްލަން ބޭނުންވިއެވެ
"ސާބަސް..........މަންކޮވެސް ދޯ، އެހެންނު ވާނީ އަބަދު ވިޝާލް އާއި އެއްކޮށް އުޅެއުޅެ އޭނަގެ ގޮތް ވާރުތަވަނީ ކަންނޭގެ" ޖެނީ ލަދުގަންނަގޮތްވިއެއްކަމަކު މަންހާގެ އަތުގައި ޖަހާލަމުން ބުނެލިއެވެ. އެއާއެކު މަންހާވެސް ހޭންފެށިއެވެ.
ކައިވެނި ހަފްލާ ނިމެންއުޅެނިކޮށް މަންހާގެ އަތުގައި އަޅުވާލެވިފައިވާ ކުޑަކުޑަ ދަބަހުގެ ތެރޭއޮތް ފޯނު ވައިބްރޭޓްވާން ފެށިއެވެ. މަންހާ ފޯނުނަގާ ބަލާލިއެވެ.
"އޯނޯ............އަނެއްކާ ކިހިނެތްވީބާ.........މިގަޑީގަ.............." މަންހާ ފޯނަށް ބަލަންހުރެ ބުނެލިއެވެ.
"ކިހިނެތްވީ......." ކައިރީގައި ހުރި ޖެނީ އަހާލިއެވެ.
"އޮފީހުން...........އައި ހޭވްޓު ޓޭކް ދިސް، މުހިއްމު ކަމަކު ކަންނޭގެ، ބޮސް......" މަންހާ އެހެންބުނެލަމުން ވަށައިގެންވި މާހައުލު ހޯދާލިއެވެ. ފޯނުންވާހަކަ ދައްކަން އެތަން މާއަޑުގަދައެވެ. މެހެމާނުން ވަދެނުކުމެވާ ދޮރާ ދިމާލަށް މަންހާ މިސްރާބުޖެހިއެވެ.
(ނުނިމޭ)