ދުނިޔެ

ވަކީލު ވަކިކޮށް، އަމިއްލައަށް ވަކާލާތުކުރަން ހަމަލާދިން މީހާ ނިންމައިފި

Mar 18, 2019
1

ކްރައިސްޓްޗާޗު (މާޗް 18) - ނިއު ޒީލެންޑުގެ ކްރައިސްޓްޗާޗުގައި ހުންނަ ދިން މިސްކިތަކަށް މިދިޔަ ހުކުރު ދިން ހަމަލާއާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާ، އޭނާއަށް ކޯޓުން ހަމަޖެއްސި ވަކީލު ވަކިކޮށް، އޭނާގެ ދިފާއުގައި އަމިއްލައަށް ވާކާލާތު ކުރަން ނިންމައިފި އެވެ.

އޮސްޓްރޭލިއާއަށް ނިސްބަތްވާ 28 އަހަރުގެ ބްރެންޓަން ޓަރަންޓްގެ ސިކުނޑީގެ އުނިކަމެއް ހުރި ކަމަށް ނުބެލެވޭ ކަމަށް، އޭނާގެ ކުރީގެ ވަކީލު ވަނީ ބުނެފަ އެވެ.

ވަކީލު ވަކިކުރަން ނިންމީ، ކޯޓުގައި އޭނާގެ ކަނާތު ފިޔައިގެ ހަރުކަށި ހިޔާލުތަކާއި ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ހޯދުމަށްކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ދެ މިސްކިތަށް ދިން ހަމަލާގައި މިހާތަނަށް 50 މީހުން މަރުވެފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައި ނިއު ޒީލެންޑުގައި ހިންގި އެންމެ ނުރައްކާތެރި ހަމަލާ އެވެ.

އެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި އިތުރު ތިން މީހަކު، އެ ހަމަލާގައި ބައިވެރިވެފައިނުވާކަމަށް ފުލުހުން މިހާރު ވަނީ ބުނެފައި އެވެ.

ބްރެންޓަންއަށް ވަނީ ގަސްދުގައި މީހަކު މަރާލުމުގެ އެއް ދައުވާކޮށްފަ އެވެ. ދެން އޭނާ ކޯޓަށް ހާޒިރުވާން ތާވަލުކުރެވިފައިވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ.

އިބްތިދާއީ އަޑުއެހުމުގައި އޭނާއަށް ކޯޓުން އައްޔަނުކޮށްދިން ވަކީލު ރިޗަޑް ޕީޓާސް ބުނީ، ވަކީލަކު ބޭނުންވާ ނުވާކަމަށް ބްރެންޓަން ބުނެފައިވާކަމަށެވެ.

"އޭނާ ބޭނުންވަނީ ދިފާއުގައި އަމިއްލައަށް ވަކާލާތުކުރަން،" ޕީޓާސް ބުނެފައިވެ އެވެ.

ފުރަތަމަ ދުވަހު ކޯޓަށް ހާޒިރުކުރިއިރު، ބްރެންޓަންގެ މޫނުމަތިން ފެނުނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. ހަރުކަށި ހިޔާލަތުގެ އިތުރުން، ބްރެންޓަންގެ ސިކުނޑީގެ އެއްވެސް އުނިކަމެއް ހުރިކަމަށް ނުބެލެވޭކަމަށް، ޕީޓާސް އިތުރަށް ބުނެފައިވެ އެވެ.

"އޭނާގެ އަމަލުތައް ހުރި ގޮތުން ހިޔެއް ނުވޭ އޭނާގެ ސިކުނޑީގެ އެއްވެސް އުނިކަމެއް ނޫނީ ނުކުޅެދުންތެރިކަމެއް ހުރި ހެނެއް، އޭނާއަށް ވާނުވާ އެނގޭ،" ނިއު ޒީލެންޑު ހެރަލްޑް ނޫހަށް ދިން އިންޓަވިއުއެއްގައި ޕީޓާސް ބުނެފައިވެ އެވެ.

އެ ރަހުމްކުޑަ ހަމަލާގައި، އިތުރު 34 މީހަކަށް އަދިވެސް ފަރުވާ ދެމުން އަންނައިރު، އޭގެ ތެރެއިން ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖެއް އަދިވެސް އޮތީ ސީރިއަސް ހާލުގަ އެވެ.