ދުނިޔެ

ނިއު ޒީލެންޑުގައި ބަޑި ގެންގުޅުމުގެ ގާނޫނު ބަދަލުކުރަން ނިންމައިފި

Mar 18, 2019

ކްރައިސްޓްޗާޗު (މާޗް 18) - ނިއު ޒީލެންޑުގެ ކްރައިސްޓްޗާޗުގައި ހުންނަ ދެ މިސްކިތަކަށް މިދިޔަ ހުކުރު ދިން ހަމަލާއާ ގުޅިގެން، އެގައުމުގައި އަމިއްލަ ފަރުދުންނަށް ބަޑި ގެންގުޅެވޭ ގާނޫނު ބަދަލުކުރަން އެ ގައުމުގެ ކެބިނެޓުން ނިންމައިފި އެވެ.

ދެ މިސްކިތަށް ދިން ހަމަލާގައި މިހާތަނަށް 50 މީހުން މަރުވެފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައި ނިއު ޒީލެންޑުގައި ހިންގި އެންމެ ނުރައްކާތެރި ހަމަލާ އެވެ.

އޮސްޓްރޭލިއާއަށް ނިސްބަތްވާ 28 އަހަރުގެ ބްރެންޓަން ޓަރަންޓަށް ވަނީ ގަސްދުގައި މީހަކު މަރާލުމުގެ އެއް ދައުވާކޮށްފަ އެވެ.

ކެބިނެޓު ބައްދަލުވުމަށްފަހު، ނިއު ޒީލެންޑުގެ ބޮޑުވަޒީރު ޔަސިންޑާ އާޑާން ވިދާޅުވީ، ބަޑި ގެންގުޅުމުގެ ގާނޫނުތައް ހަރުކަށިކޮށް ގެންނަން އެއްބަސްވި އިސްލާހުތައް އަންނަ ހޯމަ ދުވަހު ހާމަކުރައްވާނެ ކަމަށެވެ.

އެ ރަހުމްކުޑަ ހަމަލާގައި، އިތުރު 34 މީހަކަށް އަދިވެސް ފަރުވާ ދެމުން އަންނައިރު، އޭގެ ތެރެއިން ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖެއް އަދިވެސް އޮތީ ސީރިއަސް ހާލުގަ އެވެ.

ބްރެންޓަން އަތުގައި ބަޑި ގެންގުޅުމުގެ ލައިންސެންސެއް އޮތް ކަމަށާއި، އެ ހަމަލާ ދިނުމަށް އޭނާ ފަސް ބަޑިއެއް ގެންދިޔަކަމަށް ފުލުހުން ބުނެފައިވެ އެވެ.