ދުނިޔެ

ވިހި އަހަރު ތެރޭ އަލަށް އެމެރިކާ އާއި ވިއެޓްނާމްގެ ވެރިން ބައްދަލުކުރައްވައިފި

Jul 8, 2015

ފާއިތުވެ ދިޔަ 20 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެމެރިކާ އާއި ވިއެޓްނާމްގެ އެންމެ އިސް ވެރިން ބައްދަލުކުރައްވައިފި އެވެ.

އެމެރިކާ އަށް މިހާރު ވަޑައިގެން އުޅުއްވާ ވިއެޓްނާމްގެ ކޮމިއުނިސްޓް ޕާޓީގެ ވެރިޔާ ގުޔެން ފޫ ޓްރޮންގާ އެކު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ އިއްޔެ ވައިޓް ހައުސްގައި ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަވާފަ އެވެ. މިއީ އެއް އިރެއްގައި ހަތުރުންގެ ގޮތުގައި ތިބި އެމެރިކާ އާއި ވިއެޓްނާމުން ގުޅުން ރަނގަޅުކުރަން މީގެ 20 އަހަރު ކުރިން ނިންމި ފަހުން ބޭއްވި މިފަދަ ފުރަތަމަ ބައްދަލުވުމެވެ.

އެ ބައްދަލުވުމަށް ފަހު، އޮބާމާ ވިދާޅުވީ ވެރިކަމުގެ ނިޒާމާއި އެ ނޫން ވެސް ސިޔާސީ ހިޔާލު ތަފާތުވުންތައް ހުއްޓަސް ދެ ގައުމުން ވެސް ގުޅުން ބަދަހިކުރަމުންދާ ކަމަށެވެ. އެ ކަމުގެ ސަބަބުން އިހުތިރާމްގެ މައްޗަށް ބިނާވެފައިވާ ވަރަށް ގާތް، ބިނާކުރަނިވި ގުޅުމެއް އުފެދިފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ޓްރޮންގް ވެސް ވިދާޅުވީ އޮބާމާ އެކު ބޭއްވެވީ ވަރަށް ރަނގަޅު، ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ކުރިން އޮތް ރުޅިވެރިކަމާއި ނަފްރަތު ނައްތާލައި އެމެރިކާ އާއި ވިއެޓްނާމުން ގާތް ރަށްޓެހިންގެ ގޮތުގައި މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.

"މި ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެން ދާނެ ކަމަށް ޔަގީންކުރަން،" ވިއެޓްނާމަށް ވަޑައިގަތުމަށް ދެއްވި ދައުވަތު އޮބާމާ ގަބޫލުފުޅު ކުރެއްވުމާ އެކު، ޓްރޮންގް ވިދާޅުވި އެވެ.

ވިއެޓްނާމްގެ ކޮމިއުނިސްޓް ޕާޓީގެ ލީޑަރު ފުރަތަމަ ފަހަރަށް އެމެރިކާ އަށް ވަޑައިގެންފައި މި ވަނީ ވިއެޓްނާމް ހަނގުރާމަ އަށް 50 އަހަރު ފުރޭ މުނާސަބަަތާ ވެސް ގުޅުވައިގެންނެވެ.

އެމެރިކާ އާއި ވިއެޓްނާމުން ގުޅުން ބަދަހިކުރަން ފަށާފައި މި ވަނީ ޗައިނާ އިން އޭޝިއާ ސަރަހައްދުގައި ނުފޫޒު ގަދަކުރަމުން ދާތީ އެމެރިކާ އިން ފާޑުކިޔަމުންދާ ދުވަސްވަރެއްގަ އެވެ. ހާއްސަކޮށް މިލްކުވެރިކަމުގެ މައްސަލަ ބޮޑު ސައުތު ޗައިނާ ކަނޑުގައި ޗައިނާ އިން ކުރިއަށް ގެންދާ ބިން ހިއްކުމުގެ މަޝްރޫއުތަަކާ ގުޅިގެން އެމެރިކާ އާއި ވިއެޓްނާމުން ވެސް ކަންބޮޑުވެ އެވެ.

ސައުތު ޗައިނާ ކަނޑުގައި ހުރި ރަށްތަކުގެ މިލްކުވެރިކަމުގެ މައްސަލައިގައި ޗައިނާ އާއި އަވަށްޓެރި ގިނަ ގައުމުތަކެއްގެ އިތުރަށް ހުޅަނގާ ދެމެދު ވެސް ބޮޑެތި މައްސަލަތަކެއް ވަނީ އުފެދިފަ އެވެ. އެ ގޮތުން، ވިއެޓްނާމާއި ފިލިޕިންސާއި މެލޭޝިއާ އަދި ބުރޫނާއީން ވެސް މިލްކުވެރިކަމަށް ދައުވާކުރާ އެ ޖަޒީރާ ރަށްތަކުގައި ޗައިނާ އިން ބިޔަ މަޝްރޫއުތައް ހިންގުމާއި އެ ސަރަހައްދު ހިއްކައިގެން "ރަށްތަކެއް" ހަދާ މައްސަލަ ވަނީ ބޮޑުވެފަ އެވެ.

ޗައިނާގެ ބޭނުމަކީ ސައުތު ޗައިނާ ކަނޑުގައި އަސްކަރީ ބާރު ގަދަކުރުން ކަމަށް އެ ސަރަހައްދުގެ ގައުމުތަކާއި ޗައިނާއާ ވާދަވެރި ގައުމުތަކުން ބުނެ އެވެ. އެހެން ނަމަވެސް، އެ ރަށްތައް ޗައިނާގެ ކޮންޓްރޯލްގެ ދަށުގައި ހުރުމަކީ ޗައިނާގެ ސަލާމަތަށް ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ޗައިނާ އިން ދެކެ އެވެ. އަދި ސައުތު ޗައިނާ ކަނޑުގެ ވަސީލަތްތައް ތަރައްގީކުރުމަކީ ޗައިނާ އިން ކުރަންޖެހޭނެ ކަމެއް ކަމަށް ވެސް ބުނެ އެވެ.