ޔުވެންޓާސް

ޔުވެންޓަސްގެ ރޭސް ނިމުމަކަށް، މިލާން ޑާބީ އިންޓައަށް

އިޓާލިން ސޭރިއާ ގައި، އެއްވެސް މެޗަކުން ބަލި ނުވެ، ޔުވެންޓަސްއިން ދެމެހެއްޓި ރޭސް، ޖެނާއޯ އިން ނިމުމަކަށް ގެނެސްފި އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު، ޖެނޯއާއިން، މެޗު ކާމިޔާބު ކުރީ 2-0 ންނެވެ. އެ ޓީމުގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ، މެޗުގެ އެންމެ ފަހު 20 މިނެޓްގަ އެވެ.

ޖެނޯއާ މެޗަށް، ޔުވެންޓަސްގެ ކޯޗް މެސިމިލިއާނޯ އެލެގްރީ ނިކުތީ، ކްރިސްޓިއާނޯ ރޮނާލްޑޯއަށް ރެސްޓް ދިނުމަށް ފަހު އެވެ. ރަށުން ބޭރުގައިވި ބައްޔަކީ، ނޮވެންމްބަރު 2017 ގެ ފަހުން އިޓާލިއަން ލީގްގައި އަވޭ މެޗެއްގައި ޔުވެންޓަސް ބަލިވި ފުރަތަމަ މެޗެވެ.

ޖެނޯއާގެ ފުރަތަމަ ލަނޑު، 72 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސްޓެފާނޯ ސްޓްރާރޯ އެވެ. އޭނާ އަކީ ކުރިން ޔުވެންޓަސްއަށް ކުޅުނު ކުޅުންތެރިޔެކެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން، އެލެގްރީ ވަނީ ސްޓްރާރޯއަށް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ ސްޓްރާރޯއަށް އެކަން ހައްގު ކަމަށާއި ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށް ފަހު އަލުން ފޯމަށް އަންނަން އޭނާ ބުރަ ކޮށް މަސައްކަތް ކުރި ކަމަށެވެ.

ދެ ވަނަ ލަނޑު އޭގެ 10 ވަރަކަށް މިނެޓް ފަހުން ކާމިޔާބު ކުރީ، ގޯރަން ޕަންޑޭވް އެވެ. ޔުވެންޓަސް އެއް ވަނައިގައި އޮތީ 75 ޕޮއިންޓާއެކު އެވެ. ޖެނޯއާ އޮތީ 12 ވަނައިގަ އެވެ.

އިޓަލީގެ އެންމެ ފޯރިގަދަ ކުރިމަތިލުމުގެ ގޮތުގައި ޒަމާނުންސުރެ މަޝްހޫރވެފައިވާ މިލާންގެ ދެ ކުލަބު ކަމަށްވާ އޭސީ މިލާން އާއި އިންޓަ މިލާން ރޭ ކުޅުނު މެޗު ކާމިޔާބު ކޮށް އިންޓަ އަލުން ވަނީ ތާވަލުގައި، އޭސީ މިލާނަށް ވުރެ ކުރިއަށް ޖެހިލާފަ އެވެ.

އޭސީ މިލާންގެ ދަނޑުގައި ކުޅުނު މެޗު އިންޓައިން ކާމިޔާބު ކުރީ، 3-2 ން ނެވެ. ފުރަތަ ދެ ލަނޑ ޖަހައި ލީޑް ފުޅާ ކުރީވެސް އިންޓައިންނެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު މެޗު ފެށިގެން ތިން ވަނަ މިނެޓްގައި ކާމިޔާބު ކުރީ މެޓިއަސް ވެސީނޯ އެވެ. ދެ ވަނަ ލަނޑު މެޗުގެ 53 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސްޓޭފަން ޑީ ފްރޭ އެވެ.

މިލާންގެ ފުރަތަމަ ލަނޑު ޓިމޯ ބަކަޔޯކާ ކާމިޔާބު ކުރީ 57 ވަނަ މިނެޓްގަ އެވެ. އިންޓަގެ ތިން ވަނަ ލަނޑު އޭގެ 10 މިނެޓް ފަހުން ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ލައުޓާރޯ މާޓީނޭޒް އެވެ. މިލާންގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ މަޓެއޯ މުސަޗިއޯ އެވެ.

މެޗުން މޮޅުވެ ތާވަލުގެ ތިން ވަނަ އަށް އިންޓަ ޖެހީލީ، މިލާންއަށް ވުރެ އިތުރަށް ދެ ޕޮއިންޓް ހޯދައިގެންނެވެ. މިލާން އޮތީ ހަތަރު ވަނައިގަ އެވެ.