ހަބަރު

ސަސްޕެންޑު ކުރުމެއް ނޯވޭ، މަހުލޫފް ވަކިކުރަން ޖެހޭ: ރިޔާޒް

ސަސްޕެންޑު ކުރުމަކީ ގާނޫނުގައި ކުރެވެން އޮތް ކަމެއް ނޫން ކަމަށާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އެ މަގާމުން ވަކި ކުރަން ޖެހޭ ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.

ވަޒީރުން ވަކި ކުރެވޭނެ ގޮތުގެ ގަވައިދަށް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ރިޔާޒް ވިދާޅުވީ ގާނޫނު އަސާސީގައި ވަޒީރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަތައް ކުރިޔަށް ގެންދާނެ ގޮތުގެ އުސޫލު ތަފްސީލުކޮށް ލިޔެފައި ނެތުމުން އެ އުސޫލު އެކުލަވާލަން ތާއީދު ކުރައްވާ ކަމަށެވެ. އަދި ވަޒީރުންނަކީ މަޖިލީހަށް ޖަވާބު ދާރީ ކުރުވޭނެ ބަޔަކަށް ވާން ޖެހޭނެ ކަމަށާއި ނަމަވެސް މިއަދު ޔޫތު މިނިސްޓަރު ޖަވާބު ދާރީ ކުރުވޭނެ ގޮތެއް ނެތް ކަމަށެވެ.

ރިޔާޒް ވިދާޅުވީ ވަޒީރަކު ސަސްޕެންޑު ކުރެވޭނެ ގޮތެއް ގާނޫނު އަސާސީގައި ބުނެފައި ނުވާ ކަމަށާއި އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށެވެ. އޭގެ ބަދަލުގައި މަހުލޫފް މިވަގުތު ހުންނަން ޖެހޭނީ ވަޒީރު ކަމުގެ މަގާމުން ދުރުކޮށްފައި ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

"ގާނޫނު އަސާސީން ބާރު ލިބިގެން ކުރަން ޖެހޭ ކަންތައްތައް ކުރުމުގައި ހަމަތައް އޮންނަ ޖެހޭ މި ސަރުކާރުގެ ޔޫތު މިނިސްޓަރު ކޮބާތޯ، އަޅުގަނޑުމެންގެ ގާނޫނު އަސާސީ ނުދެނޭ މީހުން ސަސްޕެންޑު ކުރާ ގޮތެއް، އޭނަގެ މައްޗައް ކަމެއް ހުށަހެޅިއްޖެ ކަމަށްވެއްޖެ ކަމަށް ވަންޏާ އޭނާ ވަކި ކުރަން ޖެހޭނީ ސަސްޕެންޑުކޮށްފައި ނުބެހެއްޓޭނެ. މިއީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފުކަމެއް،" ރިޔާޒް ވިދާޅުވި އެވެ.

މަހުލޫފް ގޭގައި މަޑު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައި ވަނީ އެމްއެމްޕީއާރްސީއާއެކު އޭނާ މުއާމަލާތް ކުރި ކަމަށް އޭސީސީ އިން ތަހުގީގު ކުރި ރިޕޯޓުން ހާމަވުމާ ގުޅިގެނެވެ. ނަމަވެސް ފަހުން އެ ކޮމިޝަނުން ފަހުން ވަނީ މަހުލޫފްއާ ގުޅޭ ހިޔާނާތުގެ ކަމެއް ނެތް ކަމަށް ބުނެފަ އެވެ.