ހަބަރު

ކްރިކެޓް ސްޓޭޑިއަމް އަޅަން އިންޑިއާގެ އެހީއަށް އެދެފި

Mar 18, 2019
2

ރާއްޖޭގައި ކްރިކެޓު ސްޓޭޑިއަމެއް ގާއިމުކުރަން އިންޑިއާ ސަރުކާރުގެ އެހީތެރިކަމަށް އެދިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޝުޝްމާ ސުވަރާޖް މިހާރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅޭ ގޮތުން ދެ ގައުމު ގުޅިގެން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓްގައި ބުނީ ކުޅިވަރާއި ޒުވާނުންނާއި ގުޅޭ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކުގައި، ކްރިކެޓް ސްޓޭޑިއަމެއް އެޅުމަށް އިންޑިއާގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ.

އަދި އެކަން ބައްލަވާ ދެއްވާނެ ކަމަށް އިންޑިއާގެ ވަފުދުން ބުނެފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މިހާރު ކްރިކެޓު ކުޅުމަށް ބޭނުންކުރާ އެކުވެނި ދަނޑު، އާންމުން ބޭނުންކުރާތީ ކްރިކެޓު ކުޅުމަށް ދަތިތައް ކުރިމަތިވާކަމަށް ތަކުރާރުކޮށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ދަނީ ބުނަމުންނެވެ. އެ ޝަކުވަތަކާއި ގުޅިގެން، ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމެއް އަޅާ ވާހަކައެއް މިދިޔަ ސަރުކާރުގެ ދުވަސްވަރު ދެކެވުނެވެ.

ވަސީލަތްތަކުގެ ދަތިތަކާއެކު ވެސް، ދިވެހި ގައުމީ ކްރިކެޓު ޓީމުން ވަނީ ގިނަ ކާމީޔާބީތަކެއް ހޯދައިފަ އެވެ. ރާއްޖޭން ވަނީ އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) ގެ މުބާރާތްތަކުގައި ވާދަކޮށް 2005، 2006 އަދި 2010 ވަނަ އަހަރު އިމާޖިން ނޭޝަންސް ކްރިކެޓް މުބާރާތް ކާމިޔާބުކޮށް ސަރަހައްދީ ލެވެލްގައި ރަނގަޅު ހިސާބަކަށް ގޮސްފަ އެވެ.

ކްރިކެޓް ކުރިއަރުވަން އިންޑިއާގެ އެހީތެރިކަމަށް އެދިފައިވާއިރު، މިދިޔަ މަހުގެ ތެރޭގައި، "މޯލްޑިވްސް އިންޑިއާ ކްރިކެޓް ސީރީޒް" ގެ ނަމުގައި ސްޕޯޓްސް މިނިސްޓްރީ އާއި އިންޑިއާ އެމްބަސީ އަދި ކްރިކެޓް ބޯޑް ގުޅިގެން ހަރަކާތެއް ބޭއްވި އެވެ.