ހަބަރު

މާލިއްޔަތާ ގުޅޭ އިސްލާހުތައް މެންބަރުންނަށް ހުށަހެޅޭ ގޮތް ހަދައިފި

ދައުލަތުގެ މާލިއްޔަތާ ގުޅޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށް ވެސް ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވައިދު ބަދަލުކޮށްފި އެވެ.

ރައްޔިތުން މަޖިލީހުގެ ގަވައިދުގެ 71 ވަނަ މާއްދާގެ (ށ) ގައި އޮންނަ ގޮތުން ޓެކްސް ނެގުމަށް ނުވަތަ ޓެކްސް އުނި ކުރުމަށް ހުށާހަޅާ ބިލުތައް ހުށަހަޅާނީ ސަރުކާރު ފަރާތުންނެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މާލިއްޔަތުން ވަކި ކަމަކަށް ފައިސާ ހަރަދު ކުރުމަށް ނުވަތަ އުނި ކުރުމަށް ހުށަހަޅާނީ ސަރުކާރުން ކަމަށް ބުނާ ބައި އުނިކޮށްފަ އެވެ. އަދި މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ 36 މެންބަރުންގެ ވޯޓާއެކު އެ އިސްލާހު ފާސްކޮށްފަ އެވެ. ނަމަވެސް އެމްޑީޕީގެ 15 މެންބަރުން ވަނީ އެކަމާ ދެކޮޅާށް ވޯޓު ދީފަ އެވެ.

މަޖިލީހުގެ ޖަލްސާ އަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރު މުހައްމަދު އަސްލަމް ވަނީ މި ގަވައިދާ މެދު ކަންބޮޑުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ފަދަ އިސްލާހުތައް ފާސް ކުރަނީ ސަރުކާރަށް މާލީ ގޮތުން ޖެއްސުން ކުރުމުގެ ބޭނުމުގައި ކަމަށް އަސްލަމް ވަނީ ތުހުމަތުކޮށްފަ އެވެ.