ހަބަރު

ސުޝްމާ، ރައީސް ސޯލިހާ ބައްދަލު ކުރައްވައިފި

Mar 18, 2019

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރޭޖް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލު ކުރެއްވުމުގައި ރައީސް ސޯލިހާއި ސުޝްމާ ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

ސުޝްމާ، ރައީސް ސޯލިހާ ބައްދަލު ކުރެއްވީ އެކަމަނާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުގެ އެންމެ ފަހުގެ ބައްދަލުވުމުގެ ގޮތުގަ އެވެ.

އިއްޔެ ސުޝްމާ ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާ ބައްދަލު ކުރައްވާފަ އެވެ. އަދި މިއަދު ހެނދުނު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ބައްދަލު ކުރެއްވި އެވެ.

އިއްޔެ ސުޝްމާ ވަނީ އައިޖީއެމްއެޗަށް ޒިޔާރަތްކުރައްވައި އެތަން އާބާތުރަފިލުވުމުގެ މަޝްރޫއު ވެސް ފައްޓަވައިދެއްވާފަ އެވެ. އޭގެ އިތުރުން ދަތުރުގައި ދެ ގައުމުގެ ދެމެދު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. އެއީ އެއީ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް އޮންނަ މީހުންގެ ވިސާ ފަސޭހަ ކުރުމުގެ އެއްބަސްވުމާއި ތަރައްގީ އާއި އިއާދަކުރަނިވި ހަކަތައިގެ އެއްބަސްވުމެކެވެ.