ހަބަރު

ސަރުކާރަށް ޕްރެޝަރު ކުރަން ގާސިމް ފުރުސަތު ދޭ: އެމްޑީޕީ

ސަރުކާރަށް ޕްރެޝަރު ކުރަން އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފުރުސަތު ދެއްވާ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕެއް ގޮތުގައި މަސައްކަތް ކުރަމުން އަންނަ އިރު ސަރުކާރާއި ގުޅިފައިވާ ޕާޓީތަކާއެކު މަޝްވަރާކޮށްގެން ބޮޑެތި ކަންކަން ނިމިގެން ދިޔުމުގެ ޖާގަ ނުލިބޭ ކަމަށެވެ. އަދި ނިންމުންތައް ނިންމުމުގައި ކުރިން އޮންނަ ގޮތަށް ޕާޓީތަކުގެ ތެރޭގައި މަޝްވަރާ ކުރުމެއް ވެސް ނުފެންނަ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ފެންނަނީ ސަރުކާރަށް ޕްރެޝަރު ކުރުމުގެ މަސައްކަތްތަކާއި ޖެއްސުން ކުރުމުގެ މަސައްކަތް މަޖިލީހުގައި ހިންގުން ކަމަށާއި އެކަމަށް މަޖިލީހުގެ ރައީސް ގާސިމް ވެސް ފުރުސަތު ދެއްވާތަން ފެންނަ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ފެނިގެން ދަނީ ކަނޑައެޅިގެން ސަރުކާރަށް ދަތި ކުރުމަށް ސަރުކާރަށް ޕްރެޝަރު ކުރުމަށް ސަރުކާރަށް ބިރު ދެއްކުމަށް ރޭވިގެން ބައެއް ކަންކަން ގެންދާތަން. މިކަންކަން ރައްޔިތުން މަޖިލީހުގެ ރައީސްއަށް އެނގިވަޑައިގަންނަވާ ކަމަށް ވެދާނެ، އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް ވެދާނެ. ނަމަވެސް މަޖިލިސްގެ ރައީސް މި ފުރުސަތު ކޮންމެވެސް ވަރަކަށް ދެއްވަމުންދާތަން ވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ،" އަސްލަމް ވިދާޅުވި އެވެ.