ގާސިމް އިބްރާހިމް

ގާސިމުގެ ފާޑު ވިދާޅުވުން އެމްޑީޕީއާއި ޑިމޮކްރެޓުންނަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން ނިންމުމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލި ދާއިރާގެ މެންބަރު ގާސިމު އިބްރާހީމު އެ ދެ ޕާޓީގެ ނިންމުމާމެދު ހިތްހަމަޖެހިވަޑައިނުގަނެ ފާޑުވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމު އިބްރާހީމު ވަނީ ވަޒީރުންނަށް ރުހުންދޭން ނުޖެހޭ ސަބަބެއް މައްސަލަ ދިރާސާކުރި މަޖިލީހުގެ ކޮމިޓީން ފާހަގަކޮށްފައިނުވާ ކަމަށް ވިދާޅުވެފަ އެވެ.

"(ކޮމިޓީން) އެއްވެސް ވަޒީރަކަށް ރުހުންދޭން ނުޖެހޭނެ ސަބަބެއް އޮތްކަމަށް ފެނިވަޑައިނުގަތުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެންމެހާ މެންބަރުން (ވަޒީރުންނަށް) ރުހުންދޭންޖެހޭނެ ސަބަބެއް،" ގާސިމު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުތަކުގައި ރައީސުން ފުރަތަމަ ފޮނުއްވެވި ވަޒީރުންނަށް މަޖިލީހުން ރުހުންދިންކަން ގާސިމު ފާހަގަކުރެއްވި އެވެ. އެގޮތުން 2008 ވަނަ އަހަރާއި 2013 ވަނަ އަހަރާއި 2018 ވަނަ އަހަރު ފުރަތަމަ ފޮނުއްވެވި ހުރިހާ ވަޒީރުންނަށް ރުހުން ދިން ކަމަށް ވިދާޅުވި އެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދޭން އުޅޭ ކަމަށް އަޑު އިވިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ގާސިމު ވަނީ އެ ވަޒީރުންނަށް ރުހުން ނުދެނީ ގާނޫނުއަސާސީގައި ބަޔާންކުރާ ޝަރުތު ހަމަނުވާތީތޯ ނޫނީ ތައުލީމީ ގޮތުން ގާބިލުނުވުމުންތޯ ސުވާލު ކުރައްވާފަ އެވެ.

ގާސިމު ވިދާޅުވި ގޮތުގައި ރައްޔިތުން އެހެން ރައީސަކު އިންތިހާބުކުރީ ކުރީގެ ސަރުކާރު ކަމުނުދާތީ އެވެ.

"ކުރީގައި އޮތް ސަރުކާރު ކަމުނުދާތީ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ނަމަވެސް ކަމުނުދާތީތާ ރައްޔިތުން އެހެން ގޮތަކަށް ބަދަލުކުރީ،" ގާސިމު ވިދާޅުވި އެވެ.

ދަރަނި ބޮޑުވެފައިވާއިރު މިގޮތަށް ކުރާ ޖެއްސުންތަކުން ރައްޔިތުންނަށް ކުރިއެރުން ނުލިބޭނެ ކަމަށްގެސް ގާސިމު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ބޭފުޅަކަށް ރުހުން ނުދިނުމަކީ ގައުމު އިނދަ ޖައްސާލުމާއި ގައުމު ހަލާކުކޮށްލުމަށް ތިބޭފުޅުން ކުރައްވާ މަސައްކަތް. ތިބޭފުޅުންގެ އަމިއްލަ އެދުން ކުރިއަށް ނެރުއްވައިގެން ކުރައްވާ މަސައްކަތްކަން ޔަގީން،" ގާސިމު ވިދާޅުވި އެވެ.