ހަބަރު

މާލެ މީހުންނަށް ގެދޮރު ލިބޭ ބޮޑު މަޝްރޫއުއެއް އިއުލާން ކުރަނީ

މާލޭގެ ރައްޔިތުންނަށް ގެދޮރު ހޯދައިދިނުމަށް ހައުސިންގެ ބޮޑު މަޝްރޫއުއެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު އެކަން ހާމަ ކުރެއްވީ މިރޭ އެމްޑީޕީއިން މާލޭގައި ބޭއްވި ދެ ކެމްޕެއިން ޖަލްސާގަ އެވެ. އެއީ މާފަންނު އުތުރު ދާއިރާގެ ކެންޑިޑޭޓް އިމްތިޔާޒު ފަހުމީގެ ޖަލްސާ އާއި ގަލޮޅު އުތުރު ދާއިރާގެ ކެންޑިޑޭޓް އީވާ އަބްދުﷲގެ ޖަލްސާގަ އެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މާލޭ މީހުންގެ ތެރެއިން ގެދޮރު ނެތް މީހުންނަށް ގެދޮރު ހޯދައިދިނުމަށް ހިންގާ މަޝްރޫއު ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ. މަޝްރޫއުގެ އިތުރު އެއްވެސް ތަފްސީލެއް އެމަނިކުފާނު ނުދެއްވަ އެވެ.

އެހެންނަމަވެސް ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ވެރިކަން ނިމޭއިރު ގެދޮރު ނެތް މީހަކު ނުހުންނާނެ ކަމަށެވެ.

ރައީސް ސޯލިހު ވަނީ މީގެކުރިން ވެސް ހައުސިން މަޝްރޫއެއް އިއުލާން ކުރައްވާފަ އެވެ. އެއީ ހުޅުމާލޭގައި ހިންގަން ހަމަޖެހިފައިވާ 4،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު އެވެ. އެ މަޝްރޫއު ރައީސް އިއުލާން ކުރެއްވީ ފުރަތަމަ ރިޔާސީ ބަޔާން އިއްވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ މާލެއަކީ މީހުން ދިރިއުޅެން ކަމުނުދާނެ ހުރިހާ ސިފައެއް ޖެހިފައިވާ ތަނެއް ކަމަށެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދަތިކަމާއި ޓްރެފިކްގެ މައްސަލަ ރައީސް ފާހަގަކުރެއްވި އެވެ. އެކަންކަން ހައްލު ކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއްކަން ވެސް ފާހަގަކުރެއްވި އެވެ.

މިރޭ ރައީސް ސޯލިހު ވިދާޅުވީ މާލެއަކީ ހިތްފަސޭހަ ތަނަކަށް އެމަނިކުފާނު ހައްދަވައިދެއްވާނެ ކަމަށެވެ. އެކަމަށް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކޮމާޝަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ރައީސް ފާހަގަ ކުރެއްވި އެވެ.

"އޭގެ ނަތީޖާއަކަށް ވާނީ މުޅި މާލެއަށް ބޮޑު ބަދަލެއް އައުން، މިއީ މި ފަސް އަހަރު ތެރޭގައި ކޮށް ނިމާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.