ދުނިޔެ

ނެދަލޭންޑްސްގައި ބަޑިން ހަމަލާދިން މީހާ ހައްޔަރުކޮށްފި

Mar 19, 2019
1

ޔޫޓްރެކްޓް (މާޗް 19) - ނެދަލަންޑްސްގެ ޔޫޓްރެކްޓް ސިޓީގައި ޓްރޭމެއްގައި ބަޑިން ހަމަލާދީ ތިން މީހަކު މަރާލައިފި އެވެ.

އެ ހަމަލާއާ ގުޅިގެން، 37 އަހަރުގެ ތުރުކީ މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ގޯކްމެން ތެނިސް ނަމަކަށް ކިޔާ އެ މީހާ ހައްޔަރުކޮށްފައިވަނީ، ހަމަލާދިން ސަރަހައްދުގެ ތިން ކިލޯމީޓަރު ދުރުގައި ހުރި އިމާރާތެއްގެ ތެރޭގައި ފިލައި އޮއްވަ އެވެ.

އެ ހަމަލާގައި އިތުރު ފަސް މީހަކު ޒަހަމްވެފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުން ތިބީ ސީރިއަސް ހާލަތުގައިކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޔޫޓްރެކްޓުގައި ދަތުރުކުރަމުންދިޔަ ޓްރޭމެއްގެ ތެރޭގައި ހަމަލާދިން ސަބަބެއް އަދި ސާފުނުވާކަމަށް ފުލުހުން އިތުރަށް ބުނެފައިވެ އެވެ. ނަމަވެސް، އެކަމުގައި ހައްޔަރުކޮށްފައިވާ މީހާއަކީ ދީނީ ހަރުކަށި ވިސްނުމުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށްވެ އެވެ. ނަމަވެސް، އޭނާ ވަނީ ފަހުން ދޫކޮށްލައިފަ އެވެ.

އެ ހަމަލާއާ ގުޅިގެން، އެ ސަރަހައްދުގައި ހުރި ސްކޫލްތައް ބަންދުކޮށްފައިވާއިރު، މިސްކިތްތަކާއި އެއާޕޯޓްތަކުގެ ސެކިޔުރިޓީ ވަނީ ވަރުގަދަކޮށްފައި އެވެ.