ވިޔަފާރި

އެނބޫދޫ ފަޅުގެ މިއުޒިކީ ފުށި: މިއުޒިކު ރިސޯޓެއް!

Mar 19, 2019
1

މާލެ އަތޮޅު އެނބޫދު ފަޅުގައި ހަދާ "ހާޑްރޮކް" ހޮޓެލްގެ ރިސޯޓަށް "މިއުޒިކީ ފުށީ" ގެން ނަން ދީ، މި އަހަރުގެ ޖޫން މަހު ހުޅުވާނެ ކަމަށް ރަސްމީކޮށް އިއުލާނުކޮށްފި އެވެ.

ޒުވާން ޓޫރިސްޓުންނަށް ހާއްސަކޮށް، ހާއްސަ ކުޅިވަރުގެ ހަރަކާތްތައް ހިމެނޭ ގޮތަށް ގިނަ ހޮޓާތަކެއް ހިންގާ ހާޑްރޮކް ހޮޓެލްސް އިން ބުނެފައިވާ ގޮތުގައި އެނބޫދޫ ފަޅު ހިއްކައިގެން ހަދާ ކްރޮސްރޯޑް މަޝްރޫއުގައި ހިމެނޭ ހާޑްރޮކް ހޮޓެލް މޯލްޑިވްސް ގައި ގިނަ ވަސީލަތްތަކެއް ހުންނާނެ އެވެ.

ހާޑްރޮކް ހޮޓެލްސް މޯލްޑިވްސްގެ ވެބްސައިޓުގައިވާ ގޮތުން މިއުޒިކީ ފުށީގެ ނަން ދީފައިވާ މި ރިސޯޓުގައި ހާއްސަ ޝެޑިއުލްއެއްގެ ދަށުން ލައިވް މިއުޒިކް ކުޅެވޭނެ ވަސީލަތް ގާއިމް ކޮށްފައިވާނެ އެވެ. އެ ކުންފުނިން ކުރިން ވަނީ މި ރިސޯޓުގައި ދިވެހިން ފަންނާނުންނަށް ވެސް ފުރުސަތު ލިބިގެންދާނެ ކަމަށް ބުނެފަ އެވެ.

އެ ރިސޯޓުން ބުނެފައިވާ ގޮތުގައި މިތަނުގައި ހުންނަ "ރޮކްސްޕާ" ވެގެންދާނީ މުޅިން ތަފާތު ޓްރީޓްމަންޓެއް ލިބިގެންދާނެ ތަނަކަށެވެ. މި ސްޕާ އިން ހިދުމަތް ހޯދުމަށް އަންނަ މީހުންނަށް ތަފާތު މިއުޒިކްތައް ހިމެނޭ ގޮތަށް ހާއްސަ ޓްރީޓްމަންޓް ތަކެއް ލިބިގެންދާނެ އެވެ. މީގެ އިތުރުން މީޓިންތަކާއި އެކި ހަފުލާތައް އަދި ކައިވެނީގެ ހަފުލާތައް ބާއްވާނެ ޖާގަ ވެސް މި ރިސޯޓުގައި ލިބެން ހުންނާނެ ކަމަށް ބުނެފައިވެ އެވެ.

ހާޑްރޮކް މޯލްޑިވްސް އިން އާއްމުކޮށްފައިވާ ވީޑިއޯ

ހާޑްރޮކް މޯލްޑިވްސް އިން ބުނެފައިވާ ގޮތުގައި މި ރިސޯޓުގައި ސްޓޫޑިއޯ އެންޑް ސުއިޓް އާއި ވިލާގެ ނަމުގައި ހާއްސަ އެކޮމޮޑޭޝަން ފެސިލިޓީތައް ލިބެން ހުންނާނެ އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ 45 އަހަރުވީ ތާރީހުގައި ހިންގާ ޓޫރިޒަމްގެ އެންމެ ބިޔަ މަޝްރޫއުގެ ދަށުން ފަޅު ހިއްކައިގެން ނުވަ ރިސޯޓެއް ހެދުމުގެ މަސައްކަތް ފަށާފައިވަނީ މީގެ ތިން އަހަރު ކުރިންނެވެ.

"ކްރޮސްރޯޑްސް މޯލްޑިވްސް" ގެ ނަމުގައި މި މަޝްރޫއު ކުރިއަށް ގެންދަނީ ތައިލެންޑުގެ ތިން ވަނަ އަށް އެންމެ ބޮޑު ކުންފުނިންނެވެ. ފިޔަވަހިތަކަކަށް ބަހާލައިގެން ހުޅުވަމުން ގެންދާ މި ރިސޯޓުތަކުގެ ތެރެއިން ހާޑް ރޮކްގެ ރިސޯޓާއި ހިލްޓަން ކުންފުނީގެ ސައި ލެގޫން މި އަހަރު ހުޅުވާނެ ކަމަށް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ވެސް 15 ބްރޭންޑެއްގެ ރިސޯޓް މި ރަށުގައި ހުޅުވާނެ އެވެ.

އެނބޫދޫ ފަޅުގައި ލައިފް ސްޓައިލް ތަފާތު އެކްޓިވިޓީސްތަކާއި ޑިއުޓީ ފްރީ ރިސޯޓުތައް ހުންނާނެ އެވެ. މި ތަންތަނުގެ މަސައްކަތުގެ ބޮޑުބައިގެ މަސައްކަތް ކުރަނީ ދިވެހި ކުންފުނިތަކުންނެވެ. މިތަނުގައި އެންޓަޓެއިންމަންޓް ހަބް ގެ ގޮތުގައި ގާއިމުކުރެވޭ ދަ ޓައުންޝިޕް ގައި ބައިނަލްއަގުވާމީ ރެސްޓޯރަންޓްތަކާއި ރީޓޭލް އައުޓްލެޓްތަކާއި ދުނިޔޭގެ ފެންވަރުގެ ވެލްނަސް ސްޕާއަކާއެކު، ފަރުތަކުގެ މާހައުލާއި ގައުތައް ރައްކާތެރިކުރުމަށް ހާއްސަ، "މޯލްޑިވްސް ޑިސްކަވަރީ ސެންޓަރެއް" އެއްގެ އިތުރުން ޑައިވް ސެންޓަރަކާއި، މަލްޓި ޕާޕަސް ހޯލްއަކާއި ކިޑްސް ކްލަބްއަކާއި ކަލްޗަރަލް ސެންޓަރެއް ހުންނާނެ އެވެ. އަދި ދުނިޔެ އަށް މަޝްހޫރު ބްރޭންޑްތައް ކަމުގައިވާ ހާޑް ރޮކް ކެފޭ އާއި ކެފޭ ޑެލްމާ ގެ އިތުރުން، އޭޝިއާގެ އެންމެ ރަނގަޅު 50 ރެސްޓޯރަންޓްގެ ތެރޭގައި ހިމެނޭ ދެ ރެސްޓޯރަންޓް ކަމުގައިވާ މިނިސްޓްރީ އޮފް ކްރޭބް އާއި ނިހޮންބާޝީ ވެސް މިތަނުގައި ހުޅުވަ އެވެ. އަދި މި ތަނުގައި ޔޫއޭއީގެ ޖަލްބޫޓް ހޯލްޑިންގްސް އިން ޔޮޓް މެރީނާއެވެސް ވަނީ ހަދާފަ އެވެ.

އެނބޫދު ފަޅު މަޝްރޫއު

  • މަޝްރޫއުގެ އަގު އެއް ބިލިއަން ޑޮލަރަށްވުރެ މަތި
  • ފަޅު ހިއްކައިގެން ނުވަ ރިސޯޓެއް ހަދާނެ
  • ރިސޯޓުތައް ހުޅުވާނީ ފިޔަވަހި ތަކަށް
  • ފުރަތަމަ ހުޅުވަނީ ހާޑްރޮކް އާއި ސައި ލެގޫން
  • ތަރައްގީ ކުރަނީ އެންޓަޓެއިންމަންޓް ހަބެއްގެ ގޮތުގައި
  • ޑިއުޓީ ފްރީތައް ވެސް މިތަނުގައި ހުރޭ
  • މަޝްރޫއު ރެސްޓޯރެންޓްތައް ހުޅުވާނެ
  • ބޮޑޮ ޔޮޓު މެރީނާއެއް ހުންނާނެ

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި އެކަނި ތިން ރަށެއް ތަރައްގީކުރާއިރު މި ތަންތަނަށް 311.5 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާ) އިންވެސްޓް ކުރާނެ އެވެ. މި މަޝްރޫއުގެ ދަށުން ހިންގާ ރިސޯޓުތަކުގައި ޖުމުލަ 1،300 ކޮޓަރި ހުންނާނެ އެވެ. އަދި މި މަޝްރޫއާއެކު 7،000 ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސްޕީޑް ލޯންޗުގައި 10 މިނެޓުން ދެވޭ ރާސްތާގައި ތަރައްގީ ކޮށްފައިވާ އެނބޫދޫ ލެގޫން ނިމޭއިރު ޖުމްލަ 3،000 ކޮޓަރި ހުންނާނެ އެވެ.