ކުޅިވަރު

ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއަށް ފަހުރުވެރި ވަނައެއް

ސްޕެޝަލް އޮލިމްޕިކްސްގައި ވާދަ ކުރަމުން އަންނަ ރާއްޖޭގެ ޓީމުން ފަހުރުވެރި ކާމިޔާބެއް ހޯދައިފި އެވެ.

އަރަބި އެމިރޭޓްސްގައި މިހާރު ކުރިއަށްދާ، އަބޫދާބީ ސްޕެޝަލް އޮލިމްޕިކްސް ހޫނު މޫސުމުގެ ގޭމްގައި، ރާއްޖޭގެ ސިފްނާ އިބްރާހިމް ވަނީ 100 މީޓަރު ދުވުމުގެ އިވެންޓުން ރަން މެޑަލް ހޯދާފަ އެވެ.

އޭނާ ރޭސް ނިންމީ 18.1 ސިކުންތުންނެވެ. ރިހި މެޑަލް ހޯދީ 18.7 ސކުންތުން ރޭސް ނިންމި އިކްއެޓޯރިއަލް ގިނީގެ މާރިއާ މެގްޑަލޭނާ އެވެ. ލޯ މެޑަލް ހޯދީ ބުރުންޑީގެ ނިޝްމާ ގިޒާވީ އެވެ. އޭނާ ރޭސް ނިންމީ 19.31 ސިކުންތުންނެވެ.

މިދިޔަ އާދިއްތަ ދުވަހު، ފިރިހެނުންގެ 200 މީޓަރު ދުވުމުގެ އިވެންޓްގައި ވާދަ ކުރި، ރާއްޖޭގެ ވަސްމީ ވަހީދު ވަނީ ރިހި މެޑަލް ހޯދާފަ އެވެ. އޭނާ ރޭސް ނިންމީ 27.25 ސިކުންތުންނެވެ. އެ ކެޓަގަރީގެ ރަން މެޑަލް ހާސިލު ކުރީ 26.23 ސިކުންތުން ރޭސް ނިންމި، ކޭޕް ވާޑޭގެ އެންޓޯނިއޯ މޮރިއޭރާ ޑޮސް ސަންޓޯސް އެވެ. ލޯ މެޑަލް ހޯދީ، ނައިޖާގެ ޔަމްބޮއާނީ އެވެ. އޭނާ ރޭސް ނިންމީ 27.46 ސިކުންތުންނެވެ.

ސްޕެޝަލް އޮލިމްޕިކްްސް އަކީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށް ބާއްވާ ގޭމްސްއެކެވެ. މިއީ ރާއްޖެއިން މި ގޭމްސްގައި ވާދަ ކުރި ފުރަތަމަ ފަހަރެވެ.