ހަބަރު

މިދިޔަ މަހު އެންމެ ގިނައިން ހުށަހެޅީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަ: ޖެންޑާ

މިދިޔަ ފެބްރުއަރީ މަހު ޖެންޑާއަށް ހުށަހެޅި މައްސަލަ ތަކުގެ 49 އިންސައްތައަކީ ކުޑަ ކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާގެ މައްސަލަތައް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން ފެބްރުއަރީ މަހު އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސް ހިސާބު އާންމުކޮށްފައިވާ އިރު، އެ ތަފާސް ހިސާބުތައް ތައްކާ ގޮތުނުް މިދިޔަ މަހު ޖެންޑާއަށް ޖުމުލަ 213 މައްސަލަ ހުށަހަޅާފައިވެއެވެ. ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު، އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ގެ މައްސަލަ އެވެ. އެގޮތުން، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 105 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ. އެއީ ފެބުރުވަރީ މަހު ރިޕޯޓުކޮށްފައިވާ ޖުމުލަ މައްސަލަތަކުގެ 49 އިންސައްތައެވެ.

އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތައް ކަމަށާއި، އެ ގޮތުން އެ ބާވަތުގެ 32 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށެވެ. އޭގެ އިތުރުން، ޖިސްމާނީ ހާނީއްކައިގެ 26 މައްސަލައާއި، ޖިންސީ ހާނީއްކައިގެ 22 މައްސަލައާއި، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 8 މައްސަލައާއި، ނަފްސާނީ ހާނީއްކައިގެ 5 މައްސަލަ ހުށަހަޅާފައިވާ ކަމަށް ޖެންޑާއިން ވަނީ ބުނެފަ އެވެ.

ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 5 މައްސަލައާއި، އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާލިބުމުގެ 3 މައްސަލައާއި، ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ 2 މައްސަލަ އަދި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުންކުރުމުގެ 1 މައްސަލަ އަދި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ ހިމެނޭ ކަމަށް ޖެންޑާއިން ވަނީ ބުނެފަ އެވެ.

ޖެންޑާއިން ބުނީ ކުޑަކުއްޖެއްގެ ތައުލީމަށް ހުރަސް އެޅުމުގެ 1 މައްސަލައާއި، އާއިލީ މައްސަލަތަކުގެ ގޮތުގައި 26 މައްސަލައެއް ފެބްރުއަރީގައި ހުށަހެޅި ކަމަށާއި، އެ ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 12 މައްސަލައާއި، ކުދިން ބެލުމުގައި ދިމާވާ 9 މައްސަލަ އަދި ދަރިންގެ ހަރަދު ދިނުމުގައި ދިމާވާ 2 މައްސަލަ ހިމެނޭ ކަމަށެވެ. އަދި އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 6 މައްސަލަ ހުށަހަޅާފައިވާއިރު، އެ ފަދަ މައްސަލަތަކުގެ ތެރޭގައި ތަންތަނަށާއި ތަކެއްޗަށް ގަސްދުގައި ގެއްލުންދިނުމުގެ 5 މައްސަލަ އަދި ވައްކަންކުރުމުގެ 1 މައްސަލަ އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.

މީގެ އިތުރުން، ކުޑަކުދިންގެ އަހުލާގާއި ގުޅުން ހުރި 15 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައިކަމަށާއި، އެ ފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނުކުމެގެން ދިޔުމުގެ 4 މައްސަލައާއި، ސްކޫލަށް ދާން ބޭނުންނުވުމުގެ 3 މައްސަލަ އަދި އެހެން ކުދިންނަށް ގަނާކުރުމާއި ފުރައްސާރަ ކުރުމުގެ 1 މައްސަލަ ހިމެނޭކަމަށާއި، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 25 މައްސަލަ މިދިޔަ މަހު ހުށަހެޅި ކަމަށެވެ. އަދި އެ ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތައް ކަމަށާއި، އެ ބާވަތުގެ 12 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ޖެންޑާއިން ވަނީ ބުނެފަ އެވެ.

ޖެންޑާއިން އިތުރަށް ބުނީ އެ މިނިސްޓްރީއަށް މިދިޔަ މަހު ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 7 މައްސަލައާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ 2 މައްސަލައާއި، އިހުމާލުވުމުގެ 1 މައްސަލަ އަދި ޖިންސީ ހާނީއްކަކުރުމުގެ 1 މައްސަލައާއި، ޖިންސީ ފުރައްސާރަކުރުމުގެ 1 މައްސަލަ އަދި ބާރާއި ނުފޫޒު ފޯރުވުމުގެ 1 މައްސަލަ ހިމެނޭ ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 30 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، އެއީ އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 16 މައްސަލައާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 14 މައްސަލަކަމަށެވެ.