ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ނިންމައިފި އެވެ.
ކައުންސިލްތަކުގެ ގިނަ ބާރުތައް ހައުސިން މިނިސްޓްރީއަށް ނެގުމާއެކު 2015 ވަނަ އަހަރުން ފެށިގެން ސިޓީ އެއްެ މޭޔަރަކަށް ލިބެނީ 18،000 ރުފިޔާ އެވެ. ޑެޕިއުޓީ މޭޔަރަކަށް 14،000 ރުފިޔާ ލިބޭއިރު އެހެން މެންބަރުންނަށް ދެނީ 11،500 ރުފިޔާ އެވެ.
ނަމަވެސް މި ސަރުކާރުން އަލުން ސިޓީ ކައުންސިލްގެ ބާރުތައް ދިނުމާއެކު ކައުންސިލް މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް މުރާޖާ ކުރުމުގެ މައްސަލައެއް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލަ ހުށަހެޅީ ފުވަމުލަކު އުތުރު ދާއިރާގެ މެންބަރު އަަލީ ޝާހު އެވެ.
އެގޮތުން ކޮމިޓީގައި މަޝްވަރާ ކުރުމަށް ފަހު ނިންމެވީ މޭޔަރު މުސާރަ 30،000 އަދި ލިވިން އެލަވަންސްގެ ގޮތުގައި އިތުރު 10،000 ހަމަޖައްސާފަ އެވެ. އަދި ޑެޕިއުޓީ މޭޔަރަކަށް ލިވިން އެލަވަންސްއާއެކު 35،000 ރުފިޔާގެ މުސާރައެއް ދޭން ނިންމި އިރު އެހެން މެންބަރުންނަށް މަހަކު 30،000 ރުފިޔާގެ މުސާރަ ދިނުމަށް ކޮމިޓީ އިން ވަނީ ނިންމައިފަ އެވެ.
މުސާރަ ބޮޑު ކުރުމަށް ކޮމިޓީ އިން ނިންމެވި ނަމަވެސް އެކަން ތަންފީޒު ކުރާނީ މަޖިލީހުގެ ތަޅުމަށް މައްސަލަ ފޮނުވައި ފާސް ކުރުމަށް ފަހުގަ އެވެ.