ލާމެހޭ ރަށްތައް

ބަޖެޓް ޕްލޭން ކުރަން ކައުންސިލްތަކަށް އެއް މަސް ދޭން ފާސްކޮށްފި

ރަައްޔިތުންގެ މަޖިލީހުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ފާސް ކުރާތާ އެއް މަސް ދުވަހުގެ ތެރޭގައި ކައުންސިލްތަކަށް ލިބޭ އާމްދަނީ ބޭނުން ކުރާނެ ގޮތުގެ ޕްލޭން ބަޖެޓް އެކުލަވާލައި ފިނޭންސް މިނިސްޓްރީއަށް ހިއްސާ ކުރަން ބަޖެޓްގެ ރެކޮމެންޑޭޝަންއެއްގެ ގޮތުގައި މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީން ފާސްކޮށްފި އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގެ ފަސް ޕަސެންޓް ވަނީ ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓްގެ ފައިސާގެ ގޮތުގައި ހަމަޖައްސައިފަ އެވެ. އަދި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް ގެންނަ އިސްލާހާއެކު އިތުރު އާމްދަނީ ވެސް ކައުންސިލްތަކަށް ލިބިގެން ދާނެ އެވެ.

ބަޖެޓް ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވަނީ ބަޖެޓާ ގުޅޭ ތިން ރެކޮމެންޑޭޝަނެއް ދިނުމަށް ހުށަހެޅުއްވައިފަ އެވެ. ފުރަތަމަ ކަމަކީ ކައުންސިލްތަކަށް ލިބޭ އާމްދަނީ ހަރަދު ކުރާނެ އުސޫލެއް ފިނޭންސް މިނިސްޓްރީން އެކުލަވާލައި ކައުންސިލްތައް އެންގުމެވެ. ދެވަނަ ކަމަކީ ކައުންސިލްތަކުގެ ބަޖެޓް ޕްލޭން އެކުލާވަލައި ފިނޭންސް އަށް އެންގުމަށެވެ.

ބަޖެޓް ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސް ކުރީ އެ ދެ ކަންތައް އެއް މަސް ދުވަހުގެ ތެރޭގައި ކުރުމަށް ފިނޭންސް މިނިސްޓްރީއަށާއި ކައުންސިލްތަށް ރެކޮމެންޑް ކުރުމަށެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި އޮތީ ކައުންސިލްތަކުން ބަޖެޓް ޕްލޭން ފޮނުވުން، ފިނޭންސް މިނިސްޓްރީން އެކުލަވާލާ އުސޫލާ އެއް ގޮތަށް އެ ބަޖެޓް ތައްޔާރުކޮށް ކައުންސިލްތަކަށް އެންގުމެވެ. އަދި ކައުންސިލްތަކުން އާމްދަނީ ހޭދަ ކުރާ ގޮތް ފިނޭންސް މިނިސްޓްރީން މޮނިޓާ ކުރުމެވެ. ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން އެ ހުށަހެޅުން ވެސް ފާސްކުރި އެވެ.

ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބަޖެޓުތަކާ ގުޅޭ ގޮތުން ރޭ ބޭއްވި ކޮމިޓީގައި މަޝްވަރާ ކުރެއްވިއިރު، ބައެއް މެންބަރުން ވަނީ ބްލޮކް ގްރާންޓް ބަޖެޓްގެ ފައިސާ ކައުންސިލްތަކުގެ މެދުގައި ބެހިފައިވާ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެ ކަން ފިނޭންސް މިނިސްޓަރުގެ އަރިހުން އޮޅުން ފިއްލެވުމަށް ހަސަން އަފީފް ހުށަހެޅުއްވި އެވެ.

ނަމަވެސް އިތުރު މެންބަރަކު އެ ހުށަހެޅުއްވުމަށް ތާއީދު ނުކުރެއްވުމުން އެ ހުށަހެޅުއްވުމަށް ވޯޓަކަށް ނާހަ އެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، ކޮމިޓީއަށް ހުށަހަޅާ ކަމަކަށް ވޯޓަށް އެހޭނީ އިތުރު މެންބަރަކު އެ ހުށަހެޅުމަށް ތާއީދު ކޮށްފިނަމަ އެވެ.