ރައްޔިތުންގެ މަޖިލިސް

އަތޮޅު ކައުންސިލްގެ އެކުލެވުމަށް މެންބަރުންގެ ތަފާތު ހިޔާލުތަކެއް!

ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މުޅި ކޮމިޓީން ބަހުސްކޮށް، އަތޮޅު ކައުންސިލްތަކުގެ އެކުލެވުމާމެދު މެންބަރުންގެ މެދުގައިވާ ތަފާތު ހިޔާލުތައް ހުށަހެޅުއްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގާނޫނު އާސާސީއަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރުމުގެ ގޮތުން މުޅި މަޖިލީހުގެ ކޮމިޓީއެއް ހުޅުވާލި އެވެ. އެ ކޮމިޓީގެ ތެރެއިން ހޮވި ސަބް ކޮމިޓީގެ ރިޕޯޓް ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅާފަ އެވެ.

ބިލުގައިވާ ގޮތުން އަތޮޅު ކައުންސިލްތައް އެކުލެވޭނީ އެ އަތޮޅުއްގައި ހިމެނޭ ރަށު ކައުންސިލްތަކުގެ ރައީސުންނާއި މުޅި އަތޮޅުގެ ރައްޔިތުންގެ ވޯޓަކުން އިންތިހާބު ކުރާ ކައުންސިލްގެ ރައީސްއެއް ހިމެނޭ ގޮތަށެވެ. މިހާރު އަތޮޅު ކައުންސިލް އެކުލެވިފައި ވަނީ އެ އަތޮޅެއްގައި ހިމެނޭ ކޮންމެ އިދާރީ ދައިރާއިން އިންތިހާބު ކުރާ މެންބަރުން ތިއްބަވާ ގޮތަށެވެ.

އޭގެ އިތުރަށް ކޮންމެ ރަށެއްގެ ރައްޔިތުންގެ ސީދާ ވޯޓަކުން އެ ރަށެއްގެ ކައުންސިލްގެ ރައީސް އާއި ކޮންމެ ސިޓީއެއްގެ ރައްޔިތުންގެ ސީދާ ވޯޓަކުން އެ ސިޓީ ކައުންސިލެއްގެ މޭޔަަރު އިންތިހާބު ކުރާ ގޮތަށް ބިލަށް އިސްލާހު ގެނެސްފައިވެ އެވެ. ބިލްގައި ފުރަތަމަ އޮތީ ސިޓީ ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރުންނާއި ރަށު ކައުންސިލްތަކުގެ ނައިބު ރައީސުން ވެސް ސީދާ އެ ކައުންސިލްގެ ރައްޔިތުންގެ ވޯޓުން އިންތިހާބު ކުރާށެވެ. ނަމަވެސް ސަބް ކޮމިޓީން ބިލުން އެ ބައި އުނި ކުރި އެވެ.

ބިލަށް ބަހުސް ކުރެއްވި މެންބަރުންގެ ވާހަކަތަކަށް ބަލާއިރު މައިގަނޑު ދެ ކަމެއްގައި މެންބަރުންގެ ހިޔާލު ތަފާތުވުންތައް ހުއްޓެވެ. އެއް ކަމަކީ މުޅި އަތޮޅުގެ ރައްޔިތުންގެ ވޯޓުން ހޮވައިގެން އަތޮޅު ކައުންސިލްގެ ރައީސަކު ބަހައްޓާ ގޮތަށްތޯ ކައުންސިލްގެ އެކުލެވުން ބަހައްޓާނީތޯ ނުވަތަ ކައުންސިލްގެ މެންބަރުންގެ މެދުގައި ވޯޓެއް ނަގައިގެން ރައީސަކު ބަހައްޓާ ގޮތަށްތޯ އެވެ. ދެން ހިޔާލު ތަފާތުވީ އަތޮޅު ކައުންސިލްގެ މެންބަރަކަށް ކިޔާނެ ނަމަކާ މެދުގަ އެވެ.

މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވީ ސިޓީ ކައުންސިލްތަކުން މޭޔަރުން އިންތިހާބު ކުރާ ގޮތަށް އަދި އަތޮޅު ކައުންސިލްތަކުން އަތޮޅު ކައުންސިލްގެ ރައީސްއަކު އިންތިހާބު ކުރާ ގޮތަށް އޮތްއިރު ބައެއް އަތޮޅުތަކުގެ އާބާދީއަކީ 10،000 އަށްވުރެ މަތީ އާބާދީތަކެއް ކަމަށެވެ. އެހެންކަމުން އަތޮޅުތަކުން އިންތިހާބު ކުރާ ފަރާތަށް ވެސް މޭޔަރު ކިޔާ ގޮތަށް އޭނާ ތާއީދު ކުރެއްވި އެވެ.

ޓޮމްގެ ހިޔާލަށް ތާއީދު ކުރައްވަމުން ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ވިދާޅުވީ އިންތިހާބު ކައުންސިލަރުގެ ނަން އެއްގޮތް ނުކުރި ނަމަވެސް މުސާރައާއި ފުރުސަތުތައް ހަމަހަމަވާން ޖެހޭ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވެސް ފާހަގަކުރެއްވީ ބައެއްް އަތޮޅުތަކުގެ އާބާދީ 10،000 އަަށްވުރެ އިތުރުވުމެވެ.

"އަތޮޅު ކައުންސިލްގެ ރައީސްތޯ ނޫނީ މޭޔަރުތޯ ކިޔަން ރަނގަޅު ވާނީ ވިސްނާލަން އެބަ ޖެހޭ. އެހެންވިޔަސް ކިޔާ ނަމެއްގައި މާ ބޮޑު މައްސަލައެއް ނެތް، އެހެންވިޔަސް މޭޔަރާއި އަތޮޅު ކައުންސިލްގެ ރައީސްއަށް ލިބޭ މުސާރަ އެބަޖެހޭ ހަމަހަމަވާން،" އަހްމަދު ވިދާޅުވި އެވެ.

ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ހުށަހެޅުއްވީ 10،000 މީހުން ހަމަވާ ކޮންމެ އަތޮޅަކީ ސިޓީ ކައުންސިލަކަށް ހެދުމަށެވެ. އަދި އެ އަތޮޅަކުން މޭޔަރަކު އިންތިހާބު ކުރުމަށެވެ. އޭނާ ވިދާޅުވާ ގޮތުގައި ސިޓީއަކަށް ވުމަށް ކޮންމެހެން އެއް ފަސްގަނޑަކަށް ވުން ލާޒިމެއް ނޫނެވެ.

މެންބަރު ޝަހީމްގެ ވާހަކައާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ގާނޫނުގައި އެ ފުރުސަތު މިހާރު ވެސް އޮންނަ ކަމަށެވެ. ގާނޫނުގައިވާ ގޮތުން ސިޓީއެއް ކަނޑައެޅެނީ އެ ސަރަހައްދެއްގައި 10،000 މީހުން ހަވަމުންނެވެ. އެ ގޮތުން އެކި ކައުންސިލްތައް ގުޅިގެން އެ ކައުންސިލްތައް ހިމެނޭ ސަރަހައްދުގައި 10،000 މީހުން ހަމަވާނަމަ ސިޓީއެއް އުފެދޭނެ އެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިޔްލާސް ލަބީބް ވެސް ތާއީދު ކުރެއްވުމަށް އެއީ ކައުންސިލްތަކުގެ އިހްތިޔާރެއްގެ ގޮތުގައި ބޭއްވުމަށެވެ. ކައުންސިލްތައް ގުޅިގެން 10،000 މީހުން ހަމަވާނަމަ އެ ކައުންސިލްތަކަކީ އެއް ސިޓީ ކައުންސިލެއްގެ ގޮތުގައި އުފެދޭ ގޮތަށް ކައުންސިލްތަކަށް އެ އިހްތިޔާރު ދޫކޮށްލުމަށެވެ.

އެކަމަކު ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު ތާއީދު ކުރެއްވީ މުޅި އަތޮޅުގެ ރައްޔިތުން ވޯޓުލައިގެން އަތޮޅު ކައުންސިލްގެ ރައީސް އަކު އިންތިހާބު ކުރުމުގެ ބަދަލުގައި އަތޮޅު ކައުންސިލްގައި ހިމަނާ ރަށުގެ ކައުންސިލްތަކުގެ ރައީސުންގެ މެދުގައި ވޯޓެއް ލައިގެން ރިޔާސަތު ބަލަހައްޓާނެ މީހަކު ކަނޑައެޅުމަށެވެ.

އެ ހިޔާލަށް ތާއީދު ކުރައްވަމުން ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ ކުރިން ވެސް ދިމާވި އެންމެ ބޮޑު މައްސަލައަކީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް ވަކިން އޮތުން ކަމަށެވެ. އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްގެ ރައީސް ހިމަނައިގެން އަތޮޅު ކައުންސިލް އެކުލަވާލަން އުޅޭއިރު، އެ ކައުންސިލްގެ ރައީސަކީ ދައުރުގެ ތެރޭގައި ހުރިހާ މެންބަރުންނަށް ލިބޭނެ ގޮތަށް ހަމަޖެހޭ އުސޫލަކަށް ތާއީދު ކުރައްވާ ކަމަށެވެ.

"ކައުންސިލްގައި ހިމެނޭ މެންބަރުންގެ މެދުގައި ރޮޓޭޓްވާ އުސޫލެއްގެ ތެރެއިން އެ ކަން ކުރުމަށް، އޭރުން ދައުރުގެ ތެރޭގައި އެ ކައުންސިލްގެ ރައީސަކަށް ކުދި އާބާދީތަކުގެ ރަށެއްގެ ރައީސަކަށް ވާން ވެސް ފުރުސަތު ލިބޭނެ،" މެންބަރު ސަލީމް ވިދާޅުވި އެވެ.

މީގެ އިތުރަށް ބައެއް މެންބަރުން ވިދާޅުވެފައި ވަނީ އަތޮޅުގެ ހުރިހާ ރައްޔިތުން ވޯޓު ލައިގެން އަތޮޅު ކައުންސިލްގެ ރައީސަކު އިންތިހާބު ކުރާނަމަ އެ ކައުންސިލްގެ ރައީސްގެ އިތުބާރު ގެއްލޭ ހާލަތެއްގައި އަމަލު ކުރާނެ އުސޫލެއް ވެސް ހަމަޖެހިފައި އޮންނަން ޖެހޭނެ ކަމަށެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވީ އަތޮޅު ކައުންސިލް ކޮންމެ ގޮތަކަށް އެކުލަވާލި ނަމަވެސް އެއީ އޮންނަން ޖެހޭ ކައުންސިލެއް ކަމަށެވެ. އަދި އަތޮޅެއްގެ ތެރެއިން ވަކި ސިޓީ ކައުންސިލެއް ހޮވި ނަމަވެސް އެ ކައުންސިލެއް ވެސް އަތޮޅާ ވަކިިނުވެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ އަތޮޅުގެ ގުދުރަތީ ވަސީލަތްތައް އަތޮޅުގެ ހުރިހާ ރަށަކަށް ވެސް ލިބޭނެ ގޮތަށް މަސައްކަތް ކުރުމަކީ ޒަމާނުއްސުރެން އަމަލު ކުރަމުން އައި އުސޫލު ކަމަށެވެ. އަދި ވިދާޅުވީ ރަށްރަަށް ތަރައްގީ ކުރެވޭނީ ވެސް ގުޅިލާ މެހިގެން ކަމަށެވެ.