ޕީއެސްއައިޕީ

ދަށް އަގުތަކުގެ ޕީއެސްއައިޕީ މަޝްރޫއުތައް ކައުންސިލްތަކަށް ދެނީ

ސަރުކާރުން ހިންގާ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓް (ޕީއެސްއައިޕީ) މަޝްރޫއުތަކުގެ ތެރެއިން ފަސް މިލިއަން ރުފިޔާއަށްވުރެ ދަށް އަގުގެ މަޝްރޫއުތައް އެ މަޝްރޫއެއް ހިންގާ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލަކާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނައިފި އެވެ.

ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހުށަހެޅުއްވި ބިލުގައި ވަނީ، ސަރުކާރުގެ އިދާރާއަކުން ސިޓީއެއްގައި ނުވަތަ ރަށެއްގައި ހިންގުމަށް ކަނޑައަޅާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އެ މަޝްރޫއެއްގެ އަގު ފަސް މިލިއަން ރުފިޔާއަށްވުރެ ދަށުގެ މަޝްރުއުތައް ހިންގަން ވާނީ އެ ސިޓީއެއްގެ ނުވަތަ ރަށެއްގެ ކައުންސިލަކާ ހަވާލުކޮށްގެން ކަމަށެވެ.

ފަސް މިލިއަން ރުފިޔާއަށްވުރެ ދަށް އަގުގެ މަޝްރޫއުތައް ކައުންސިލްތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ގޮތަށް ބިލުގައި ލާޒިމުކޮށްފައިވާއިރު، ފަސް މިލިއަން ރުފިޔާއަށްވުރެ ބޮޑެތި އަގުތަކުގެ ޕީއެސްއައިޕީ މަޝްރޫއުތައް ވެސް މަޝްރޫއު ހިންގާ ސަރުކާރުގެ އިދާރާއަކުން ކަނޑައަޅާ އުސޫލެއްގެ ދަށުން ހިންގުމަށް ކައުންސިލަށް ހަވާލު ކުރެވިދާނެ ކަމަށް ބިލުގައިވެ އެވެ.

މަޝްރޫއު ހިންގުމަށް ކަނޑައެޅި އިދާރާއަކުން ކައުންސިލާ ހަވާލުކޮށްގެން ހިންގާ ޕީއެސްއައިޕީގެ މަޝްރޫއުތަކުގައި އެ މަޝްރޫއުތައް ހިންގަން ބޭނުންވާ ޕްލޭންތަކާއި ބަޖެޓް އެ އިދާރާއަކުން ތައްޔާރު ކުރުމަށްފަހު، އެ ކަމަށް ބޭނުންވާ ފައިސާ ކައުންސިލަށް ދޭން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ކައުންސިލާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ޕީއެސްއައިޕީ މަޝްރޫއުތައް އެ ކައުންސިލަކުން ހިންގަން ވާނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލެވިފައިވާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އަދި އެ ނޫން ވެސް އެފަދަ މަޝްރޫއުތައް ހިންގުމުގެ އުސޫލުތައް ބަޔާން ކުރާ ހުރިހާ ގާނޫނަކާއި ގަވާއިދަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް ބިލުގައިވެ އެވެ.

އޭގެ އިތުރުން ސަރުކާރުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ނުވަތަ މަދަނީ ޖަމިއްޔާއަކުން ނުވަތަ އެހެންވެސް ފަރާތަކުން ރަށެއްގައި ނުވަތަ ސިޓީއެއްގައި އެއްވެސް ޕްރޮޖެކްޓެއް ހިންގުމުގެ ކުރިން އެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލަކާ މަޝްވަރާ ކުރަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

އެ ޕްރޮޖެކްޓެއް ހިންގުމުގެ ކުރިން އެ ކަމުގެ ސަބަބުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓެއް ހަދަން ޖެހޭނަމަ، އެ ރިޕޯޓް ހެދުމަށްފަހު، އެ ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދައަށް އެދުމުގެ ކުރިން އެ ޕްރޮޖެކްޓެއް ހިންގޭ ރަށް ނުވަތަ ސިޓީ ކައުންސިލަކާ ހިއްސާ ކުރަން ޖެހެ އެވެ. އަދި ތިމާވެއްޓަށް ކޮށްފާނެ ނޭދެވޭ އަސަރު ކުޑަކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތައް ކައުންސިލްތަކާ އެކު ހިއްސާ ކުރަން ޖެހެ އެވެ.

ގައުމީ އިދާރާއަކުން ފޯރުކޮށްދޭ ހިދުމަތެއް އެއްވެސް ކައުންސިލެއް މެދުވެރިކޮށް ފޯރުކޮށްދޭން ނިންމައިފިނަމަ، އެ ހިދުމަތެއް ކައުންސިލުން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ އެ އިދާރާތަކުން ކައުންސިލަށް ދޭން ޖެހޭ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އަދި ކާރިސާއެއް ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ތަދުމަޑުކަމެއް ނުވަތަ ބަލިމަޑުކަމެއް މެދުވެރިވެއްޖެނަމަ، ސަރުކާރުގެ ކަމާ ބެހޭ އިދާރާއަކުން މާލީ، ފަންނީ، ނުވަތަ އެހެނިހެން އެހީ ކައުންސިލްތަކަށް ފޯރުކޮށްދޭން ޖެހޭ ކަމަށް ބިލުގައި ބުނެފައިވެ އެވެ.