ހަބަރު

ލާމަރުކަޒީ އިސްލާހުތައް ބަލައިގަނެ ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވައިފި

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ބަލައިގަންނަން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު ހުށަހެޅުއްވި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ތަޅުމަށް ބަލައިގަންނަން ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 82 މެންބަރުންގެ ވޯޓުންނެވެ. އެ ބިލް ދިރާސާ ކުރުމަށް ފޮނުވީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށެވެ.

މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުގެ ތަޅުމަށް ބަލައިގަންނަން ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 82 މެންބަރުންގެ ވޯޓުންނެވެ.

އެއީ ގާނޫނު އަސާސީއަށް ގެންނަ އިސްލާހަކަށް ވާތީ، އެ އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރުމަށް މަޖިލީހުގެ ލާމަޒުކަޒީ ކޮމިޓީއަށް ފޮނުވުމުގެ ބަދަލުގައި މުޅި މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވި އެވެ.

ރައީސް ނަޝީދުގެ ނިންމެވުމާ ގުޅިގެން މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވަނީ ބިލް ދިރާސާ ކުރުމުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން މުޅި މަޖިލީހުގެ ކޮމިޓީގެ ތެރެއިން ކުޑަ ކޮމިޓީއެއް އެކުލަވާލުމަށް ހުށަހަޅުއްވައިފަ އެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެ ކަމާ ގުޅިގެން އިތުރު ނިންމުމެއް ނިންމާނީ މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމަށް ފަހުގައި، މެންބަރުންނަށް އެ ގޮތަށް ފެނިވަޑައިގަންނަވާނަމަ އެވެ.

ގާނޫނު އަސާސީގެ ލާމަޒުކަޒީ ބާބަށް އިސްލާހު ގެނައުމުގެ ބިލުގައި މައިގަނޑު ގޮތެއްގައި ވަނީ ކައުންސިލްތަކުގެ އެކުލެވުމަށް ބަދަލުތަކެއް ގެނައުމަށެވެ. އެ ގޮތުން ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރުމާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި ރަށު ކައުންސިލްތަކުގެ ރައީސުން ސީދާ ރައްޔިތުން ވޯޓަކުން އިންތިހާބު ކުރާ ގޮތަށް ބިލްގައިވެ އެވެ. އަދި ކައުންސިލްތަކުގެ އުމުރު ތިން އަހަރުން ފަސް އަހަރަށް ބަދަލު ކުރުމަށް ވެސް ވެ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމުގެ ކަންކަމެވެ. އެ ގޮތުން ދައުލަތުގެ ބަޖެޓްގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދޭއިރު، ރަށްރަށާއި ފަޅުތަކުގެ ކުލިން ލިބޭ އާމްދަނީގެ 40 ޕަސެންޓް ކައުންސިލްތަށް ލިބޭ ގޮތަށް ހަދަން ބިލްގައިވެ އެވެ. އަދި މީހުން ދިރުއުޅޭ ރަށްރަށުގައި ހުންނަ ބިންތަކުގެ ކުލީގެ ސައްތައިން ސައްތަ އެ ރަށެއްގެ ކައުންސިލަކަށް ލިބޭ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ.