ބޭރު ކުޅިވަރު

އޭސީ މިލާނުން އާ ސްޓޭޑިއަމެއް އަޅަނީ

Jul 8, 2015

އިޓަލީގެ މަޝްހޫރު ސެންސީރޯ ސްޓޭޑިއަމް ދޫކޮށް އޭސީ މިލާނުން އައު ސްޓޭޑިއަމެއް އަޅަން ނިންމައިފި އެވެ.

މިލާނުގެ ބޯޑުން މިކަން ނިންމިކަން އިއުލާނުކުރީ ސީއީއޯ ބާބަރާ ބާލުސްކޯނީ އެވެ. އޭނާ ވިދާޅުވީ އަލަށް ބިނާކުރާ ސްޓޭޑިއަމް ނިމޭނީ 2018 ވަނަ އަހަރުގެ ސީޒަނަށް ކަމަށެވެ.

އޭނާ އަދި ބުނީ މިއީ ތާރީހީ ކަމެއް ކަމަށާއި މި ސްޓޭޑިއަމަކީ އިނގިރޭސިވިލާތުގެ ލަންޑަން ފަދައިން އިޓަލީ މިލާންވެގެންދިއުމަށް އެޅޭ ބިންގަލެއް ކަމަށެވެ. އަދި އައު ސްޓޭޑިއަމްގެ ސަބަބުން އެ ކުލަބަށް އަހަރަކު 50 އާއި 80 މިލިއަނާ ދެމެދުގެ އާމްދަނީ އެއް ލިބޭނެ ކަމަށެވެ.

މިލާނުން މިހާރުގެ ދަނޑަކީ ސެންސީރޯ އެވެ. މި ދަނޑަކީ މިލާނާ ވާދަވެރި އިންޓަމިލާނުގެ ދަނޑު ވެސްމެ އެވެ. މިލާނުން އައު ދަނޑެއް އަޅަން ނިންމީ ސެންސީރޯ މި ދެ ކުލަބު ހިއްސާ ކުރަން ޖެހުމުން ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުމުންނެވެ.