(17 މާރިޗު 2019 އާ ގުޅޭ)
"އެ އަންނަނީ ރާވިން" ސޭމެސް ބުންޏެވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭ އާދަޔާ ޚިލާފަށް ބޮޑު ރާޅެއް ނަގައި ގޮނޑުދޮށަށް ބީއްސާލައިފިއެވެ. އެއާއެކު ދެން ފެނުނީ އެ މީހުންގެ ކުރިމަތީ ހުއްޓިހުރި ރާވިންއެވެ. އެންމެންގެ މޫނުގައި ހައިރާންކަން ވީއިރު ރައުލްގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ.
ރައުލްއާއި ރާވިން ކަރާއިކަރުޖައްސައި ސަލާމްކުރުމަށްފަހު ދުރަށްޖެހި އެކަކުއަނެކަކަށް ބަލާލިއެވެ. ދެން ތިބި އެންމެން އެ ދެ މީހުން ވަށައިލައިފިއެވެ. ރާވިންގެ ކޮނޑުގައި ސޭމެސް ޖަހާލިއެވެ. ހަތޯރު ބަލަންނުހުރެ ރާވިންގެ ގައިގާ އޮޅުލައިގަތެވެ. އެނބުރި އޭނާ އައުމުން އެކަމާ އުފާފާޅުކުރިއެވެ. ދާރިއުސް ހިނިތުންވެ ބަލަން ހުރި ގޮތް ފެނި ރާވިން އޭނާގެ ބޮލުގައި އަތްޖައްސާލައި އިސްތަށިގަނޑާ ކުޅެލިއެވެ.
"އަހަރެން ރައުލްއާ ވާހަކައެއް ދައްކާލަން ބޭނުން" އެންމެންނަށް ބަލާލަމުން ކަހަލަ ގޮތަކަށް ރާވިން ބުންޏެވެ. އެއާއެކު ރައުލްނޫން މެންބަރުން އެތަނާ ދުރުގައި ގޮސް މަޑުކޮށްލައިފިއެވެ. އެ ދެ މީހުންނަށް އެކަހެރިވެ ތިބެ ވާހަކަދައްކާނޭ ފުރުޞަތު ދީފައެވެ.
"އަހަރެންގެ ހިތްބުނި ރާވިން އެނބުރި އަންނާނޭ، އެކަމަކު ނައި ނަމަވެސް އަހަރެންގެ ހިތުގައި ކަލޭގެ މައްޗަށް ބަރުކަމެއްނެތް" ރާވިން އައުމުން ރައުލްއަށް ހަމަޖެހިލާނޭ ފުރުޞަތު ލިބިއްޖެކަން ޚުދު އޭނާއަށް ވެސް ޤަބޫލުކުރެވެއެވެ.
"ޔާފިއާ ކަލެއަށް އިތުބާރުކުރޭ، މުއުމިން ޖިންނީންނަކީ ގޮތް ބޮޑު ބައެއްކަމުގައި އޭނާ ބުނޭ، އެހެންވިޔަސް ރައުލް އެ މީހުންގެ ކަންކަން ޤަބޫލުކުރަން ބޭނުންވާނަމަ އެކަމުގައި ރަނގަޅުކަމެއްވާނޭކަން އޭނާ ވެސް ޤަބޫލުކުރި، ރައުލް... އަހަރެން ބިރުގަނޭ ކަލެއަށް ކަމެއްވެދާނޭތީ، ބޭރީތު އަހަރެމެން ގަތުލުކުރާނެ، އަހަރެންނަށްވުރެ ޔާފިއާ ބިރުކުޑަވެފައި ހިތްވަރުގަދަ.... އޭނާގެ ފުށުން އަހަރެންނަށް އެނބުރި އަންނަން ހިތްވަރުލިބުނީ، ބައްޕައަށްވުރެ އަރިސް ޖިންނިއަކު ބޭރީތުގެ ނެތް، މިހާރު ވެސް އެ މީހުންނަށް އެނގޭނެ ރައުލްއަކީ އޭނާ އަމިއްލަ އުސޫލުތަކެއް ގެންގުޅޭ ޖިންނިއެއްކަން، އެ މީހުންގެ ތެރޭގައި ހުރި އެއްވެސްކަމެއް އޭނާ ޤަބޫލުނުކުރާކަން، އަދި އަހަރެމެން ރައުލްއާއެކު އުޅޭނަމަ އަހަރެމެންނަށް ވެސް އެގޮތް ކަމުދަނީކަން، އެހެންވީމަ އަހަރެމެން ބަދަލުވުމަކީ އަހަރެމެންގެ އަމިއްލަ ނިންމުމެއްކަން... ޔާފިއާ ވެސް އެއްބަސްވަނީ އެގޮތަށް... އަހަރެން ދިޔައީ ރައުލްގެ ޚިޔާލު ކަމުނުގޮސްގެންނެއްނޫން، އަހަރެން ބިރުގަތީ އެފަދަ ކަމެއްގައި އަހަރެން ބައިވެރިވުމުން ޔާފިއާއާއި ލާވީއަށް ކުރިމަތިވާނޭ ނުރައްކަލެއް ހިތަށް އަރާފައި" ރާވިންގެ އިހްސާސްތައް ހުރި ގޮތުގެ ތަފްސީލެއް އޭނާ ދިން ކަހަލައެވެ.
"ރާވިން، ޒިޔަޒެލްއާއި މީކާޢިލްމެންނަކީ އާދައިގެ ޖިންނީންނެއްނޫން، އެމީހުންގެ ފަރާތުން އަހަރެމެންނަށް ގެއްލުމެއްނެތް، ޒިޔަޒެލްގެ ނިންމުންތައް ހަރުދަނާވެފައި އޭނާގެ ހިތްހެޔޮކަން ދުށީމެންނު، އަނިޔާވެރިވުމަކީ ބާރުގަދަވުމެއްނޫން، އަހަރެން ގުޅެން ބޭނުންވާ ބައިވެރިޔާ ނިސްބަތްވަނީ އެ މީހުންގެ ތެރެއަށް، ސުލްޙަވެރިކަމަށް ކިތަންމެ ލޯބިކުރިޔަސް އެ މީހުންގެ ދިރިއުޅުން ވެސް އެންމެ ފުރިހަމައެއްނޫން، އަހަރެންގެ ސަބަބުން ޔާފިއާއަށް އޭނާގެ ލޯބިވެރިޔާ ގެއްލޭކަށް އަހަރެން ނޭދެން، ތިޔައިގެ ތެރެއިން ކޮންމެ މީހަކަށް އަހަރެން ފުރުޞަތު ދިނިން، އަހަރެންގެ ނިންމުމަކީ ހުރިހާ ފަހަރަކު ރަނގަޅު ނިންމުމަށް ނުވެދާނޭ، އީޝަލްއަކީ އެ މީހުންގެ ތެރެއިންވާ އަންހެނަކަށްވާއިރު އޭނާއަށް ޓަކައި އަހަރެން މިގޮތް ޚިޔާރުކުރަން ނިންމީ، އެކަމުގައި ވަނީ އަހަރެންގެ އަމިއްލަ އެދުން، ރާވިން... ކަލޭގެ ބައިވެރިޔާވަނީ ކަނޑުގެ އަހުލުވެރިންގެ ތެރޭ، އަހަރެންނަށްވުރެ ކަލޭމެންނަށް ކުރިމަތިވާ މުސީބާތް އިތުރުވާނޭތީ އަހަރެން ވެސް ކަންބޮޑުވޭ" ރައުލް ބުންޏެވެ.
"އެކަން އެނގިހުރެ އެނބުރި މިއައީ... ކޮންމެ ހާލެއްގައި ވެސް އަހަރެންނާއި ޔާފިއާ ނިންމީ ރައުލްއާއެކު ހުރުމަށް، އޭނާގެ އެއްވެސް ޝަކުވާއެއްނެތް، އެދުނީ ރައުލްއާއެކު އީޝަލް ގޮވައިގެން އަވަހަށް އައުމަށް، ގަނޑުވަރުތެރޭގެ ހުރިހާކަމެއް އޭނާ އެބަ ބަލަހައްޓަންކަން، އީޝަލްއަށް ދެރަގޮތެއް ވިޔަ ނުދޭނަންކަން، އެހެންވީމަ ބުނޭ... އަހަރެން ކަންތައްކުރަންވީ ކިހިނެއް؟ އީޝަލްގެ ޢާއިލާ މީހުން އެދެނީ ކޮންގޮތަކަށް، އެމީހުން ގާތު ބުނޭ އަހަރެން ހުރީ ރައުލްއާއެކުގައޭ، އެމީހުން އެދޭ ގޮތަކަށް ކަންތައްކުރަން އަހަރެން ވެސް ހުރީ ތައްޔާރަށޭ" ރައުލްގެ ކޮނޑުގައި ކަނާއަތްތިލަ ބާއްވާލުމާއެކު ރާވިން ބުންޏެވެ.
"އަދި ވަކިގޮތެއް އެ މީހުން ނުބުނޭ، މިއަދު ހުރިހާކަމެއް ސާފުވާނެ، އީޝަލްގެ ބައްޕަ، މީކާޢިލް އެއްބަސްވެއްޖެ އީޝަލްއަށް އަހަރެންނަށް ދޭނަންކަން، އެކަމަކު އެއީ އަހަރެމެންނާއެކު ގޮސްފައި އެނބުރި އައުމަށްފަހު ކަމަށް ބުނީ، އެގޮތް ވެސް އަހަރެންނަށް އެންމެ ރަނގަޅު، މިހާރު ކަންތައްބޮޑުވަނީ ބައްޕަގެ ނިންމުމެއް ނޭނގޭތީވެ، މީކާޢިލް ބުނާހެން ބައްޕަގެ ރޭވުމަކަށް މިކަންތައް ވެދާނޭބާއޭ އަހަރެން ވެސް ހިތަށް އަރާ" ރައުލްގެ ހިތުގައިވާ އެއްޗެއް އޭނާ ހާމަކުރިއެވެ.
"އުމުރުގެ ގޮތުން ކިތަންމެ ހަގު ނަމަވެސް ދާރިއުސް ވަރަށް ކުޅަދާނަ، ލޮލަށް އޮޅުވާލިޔަސް ސޭމެސްގެ ނޭފަތަށް އޮޅުވައެއްނުލެވޭނެ، ދުޝްމިނެއްނަމަ އޭނާގެ ވަސް ސޭމެސްއަށް ނުދުވައެއްނުހުންނާނެ، ދެން ހުރީ ހަތޯރު، އޭނާއަށްވުރެ ބޮޑަށް ކަނޑުން ރައްކާތެރިކަން ހޯދާނޭ ގޮތް އެނގޭނޭ ދެވަނަ ޖިންނިއެއްނެތް، އަހަރެމެންގެ އަދަދު މަދު، އެކަމަކު އަހަރެމެންގެ ކުޅަދާނަކަން ގަނޑުވަރުގެ އެހެން ޖިންނީންނާ އަޅާނުކިޔޭނެ، ރައުލް... ކަލޭގެ ނަސީބު ގަދައީ، ބޭރީތުގެ ވިސްނުންހުރީ އެކިކަންކޮޅުތަކުން ތަފާތު ބާރުތައް ލިބިފައިވާ ޖިންނީންގެ ލަޝްކަރެއް އޭނާގެ ފަހަތުގައި އޮތުމަށް، އެކަމަކު މިވަގުތު ގަނޑުވަރުގައި ތިބި އެންމެ ކުޅަދާނަ ޒުވާނުން މިތިބީ ކަލޭގެ ފަހަތުގައި، އަހަރެމެން ގުޑުވައިލުން ފަސޭހަކަމަކަށްނުވާނެ، އީޝަލްގެ ރައްކާތެރިކަން އެއީ ހަމައެކަނި ކަލޭގެ ޒިންމާއެއްކަމުގައި ހީނުކުރޭ، އަހަރެމެން އެންމެން އޭނާ ރައްކާތެރިކުރާނަން، ނުބައިރޭވުންތައް ރާވަން އެ މީހުން ދޫކޮށްލައި، އެއީ އަހަރެމެންނަށް ބާރުފޯރުވޭނޭކަންކަމެއްނޫން... އެ މީހުން ނުރާވައޭ ބުނެވޭކަށްނެތް، އަހަރެންގެ ފަހަތުން ފާރަލަމުން ޖިންނިއަކު އައީ، އެކަން އެނގި މިސްރާބު ބަދަލުކޮށްލީ، އަދި އޭނާއާ ކުރިމަތިލުމުން އޭނާގެ ވެރިމީހަކީ ކާކުކަމެއް ނުބުނި، އޭނާ މަރާލުންނޫންގޮތެއް އަހަރެންނަކަށްނެތް، އަހަރެން އައުން ލަސްވީ އެހެންވެ... އިތުރު ފާރަވެރިއަކު ހުރިތޯ ޔަގީންކުރުމުގައި ވަގުތުތަކެއް ހޭދަވީ" ރާވިން ބުންޏެވެ.
ރާވިންއާއެކު ރައުލް އެހެން މެންބަރުންގެ ގާތަށް އައެވެ. ރާވިންއަށް ފާރަލީ ޖިންނީގެ ވާހަކަ އެންމެންގެ ގާތުގައި ރައުލް ބުންޏެވެ. އީޝަލްއާއި އޭނާގެ ޢާއިލާ ރައްކާތެރިކުރާނޭ ގޮތުގެ މަޝްވަރާ އެންމެންގެ މެދުގައި ފެށުނެވެ. ކަނޑުގައި ޖިންނީން އާންމުކޮށް ދަތުރުކޮށް އުޅޭ މަގުތައް ހަތޯރު ކިޔައިދެމުންދިޔައެވެ. ކޮންމެ މީހަކު އޭނާއަށް ފެންނަ ޚިޔާލު ހުށައެޅިއެވެ.
* * * * *
މީކާޢިލްއާއި ޒިޔަޒެލްގެ މެދުގައި ވެސް މަޝްވަރާތައް ކުރެވެމުންދިޔައެވެ. ދެ މީހުން ތިބީ ޒިޔަޒެލްގެ ކުތުބު ޚާނާގެ ތެރޭގައި ހުންނަ ސިއްރު ކޮޓަރީގައެވެ. ޖޫދާއާއި ބަލްޤިސް އައިކަމާއި އެ ދުވަހު ކަންތައް ހިނގައިދިޔަ ގޮތް ޒިޔަޒެލް އޮޅުން ފިލުވައިދިނެވެ.
"އޭނާ އެއްބަހެއްނުވާނޭކަން އަހަރެންނަށް މާކުރިން ވެސް އެނގޭ" މީކާޢިލް ބުންޏެވެ.
"އެކަމަކު ބަލްޤިސްއަށް ނޭނގި މިވަރުކަމެއް ނިންމުމަކީ އިންސާފެއްނޫން، މިއަދު އެ މީހުން އަންނާނެ، ބަހީރާ ވެސް ބައިވެރިވާނެ، އައިޒަންއާ ހަމައަށް ޚަބަރު ދާނެ، އެންމެން ވެސް އީޝަލްއާމެދު ކަންބޮޑުވޭ... ރައުލްގެ ގާތުން އަހަރެމެން އެދުނީ ބޮޑުކަމަކަށް، އޭނާ އީޝަލްއަށް ޓަކައިކަން އެނގޭ އެ ހުރިހާކަމެއް ޤަބޫލުއެކުރަނީ، ބޭރީތަކީ އޭނާގެ ބައްޕަ، އަހަރެމެން ވެސް ޤަބޫލުކުރަންވެއްޖެ ބޭރީތާއި ރައުލްއަކީ ތަފާތު ދެ މީހުންކަން، މައިންބަފައިން ބަދަލެއްނުވާނެ، ކޮންމެ މީހެއްގެ އަސްލު ގުޅިފައިވާނީ އެ މީހެއްގެ މައިންބަފައިންނާ، އީޝަލްގެ މަންމައަކީ އިންސާނެއްނޫންކަމަކަށް ނުހެދޭނެ، އެގޮތަށް ބޭރީތަކީ ރައުލްގެ ބައްޕަ ނޫންކަމަކަށްނުވާނެ، އަހަރެމެންނެކޭ އެއްގޮތަށް އީޝަލްގެ ރައްކާތެރިކަމާމެދު ރައުލް ވިސްނާކަން އަހަރެންނަށް އެނގޭ، މީކާޢިލް، އެކުއްޖާއާ ދެކޮޅުނުވެ އޭނާއާ ގުޅިގެން ނިންމުންތައް ނިންމަންވީ ވަގުތު ޖެހިއްޖެ، އެއީ ކަލޭގެ އީޝަލް ޚިޔާރުކުރި ބައިވެރިޔާ، އޭނާގެ ނިންމުން މިހާތަނަށް ވެސް ގޯސްވެފައެއްނެތް، ރައުލް ވަރަށް ކެތްތެރި، އޭނާގެ ފުށުން ނުބައި ސިފައެއް އަހަރެމެން ނުދެކެން، ނޫންތަ މީކާޢިލް" ޒިޔަޒެލް ބުންޏެވެ.
"އެހެންވިޔަސް އީޝަލް އެކަނި އެމީހުންގެ ތެރެއަކަށް ފޮނުވައެއްނުލެވޭނެ، ރައުލްގެ ފުށުން ނުބައިކަމެއް ނުފެނުނެއްކަމަކު އޭނާގެ ބައްޕަ ރާވަފައިވަނީ ކިހާވަރެއްގެ ރޭވުމެއްކަމެއް ނޭނގޭ" މީކާޢިލްއަށް ލިބިފައިވާ ނުތަނަވަސްކަން އެންމެ ތަންފުކެއް ވެސް ކުޑައެއްނުވެއެވެ.
"މީކާޢިލް ދާން އަހަރެން ބޭނުންނުވަނީ ތީ އައިޒަންގެ ދަރިއެއްކަން އެ މީހުންނަށް އެނގިދާނެތީ، އެހެންވެ މިބުނީ އަހަރެންނޭ ދާނީ... އާރަމް އަންނާނެ ލާމިއާ ގޮވައިގެން، އަހަރެންގެ ޒަމާންވި ރަޙުމަތްތެރިއެއް އޭނާއަކީ، ނުރައްކަލެއް ކުރިމަތިވެއްޖެނަމަ އޭނާ އަހަރެމެންނަށް މަގުދައްކައިދޭނެ، މިހާތަނަށް މީކާޢިލްއާ އޭނާ ބައްދަލުވެފައެއްނުވާނެ، އޭނާއަކީ ކަލޭގެ މަންމަ އިތުބާރުކުރާ އަންހެނެއް، އޭނާއަކީ ސިފަ ބަދަލުކުރާ ޖިންނީންގެ ތެރޭގައި ހުރި ދުވަސްވީ ބާރުގަދަ ޖިންނިއެއް، އަހަރެމެން އީޝަލް ގޮވައިގެން ދާނީ، ކިރިޔާ ނުރައްކަލެއް ކުރިމަތިވިޔަސް ލާމިއާ އަހަރެމެން އެތަނުން ނެރޭނެ، އަހަރެމެންގެ ވަރަތައް ދިޔައިގެ މައްޗަށް އުފުލާލެވޭ ވަރުވުމުން އެ މީހުންގެ އަތްދޮށުން އަހަރެމެންނަށް ވެސް ސަލާމަތްވެވުނީ" ޒިޔަޒެލްގެ ވިސްނުން ހުރި ގޮތް ފާޅުކުރިއެވެ.
"އާރަމްގެ އަނބިދަރީން އެބަތިބި، އޭނާއަށް ގޮތެއްވެއްޖެނަމަ އެމީހުންނަށްވާނީ ކިހިނެއް، އަހަރެންގެ ދަރިފުޅު ރައްކާތެރިކުރާށޭ ކިޔާ އޭނާގެ ފުރާނަ އައްޑަނައަކަށްނެރޭހާ ބަލިކަށި މީހަކަށް އަހަރެން ހަދަންތަ ޒިޔަޒެލް ތިއުޅެނީ، އަހަރެންނަށް އަހަރެންގެ ދަރިފުޅު ރައްކާތެރިނުކުރެވޭނެއޭ ބުނަންތަ ބޭނުންވަނީ" މީކާޢިލް ބުނެލިއެވެ.
"މީ އުނދަގޫ ދަނޑިވަޅެއް، އަހަރެން ކަލޭގެ ބާރާއި ކުޅަދާނަކަމާމެދު އަބަދުވެސް ފަޚުރުވެރިވަން، އެކަމަކު ކޮއިފުޅާ... ބުއްދީގެ ބޭނުން ހިފާ، އާރަމް ކަލެއާއި ކަލޭގެ ދަރިފުޅުދެކެ ލކޖޖުޯބިވާވަރު އެނގޭނެ، އޭނާއަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ، އަހަރެންގެ ޒަމާންވީ މިތުރު، އޭނާއަށް އެނގޭ މިކަމުގައި ހުރި ނުރައްކާތެރިކަން، އޭނާގެ ޢާއިލާއަކީ އަހަރެންގެ ވެސް ޢާއިލާ، އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެ، އަހަރެމެންނަށް ނިކަން އިތުބާރުކޮށް މިފަހަރު މިކަން އަހަރެމެންނަށް ދޫކޮށްލައި، އެންމެންނަށް ވެސް އެނގޭ އީޝަލްގެ ބަފައަށްވެ ހުރެ ނިންމަން ކިހާ އުނދަގޫ ނިންމުމެއްކަން، އައިޒަންއާ މެދު ބޭރީތުގެ ހިތުގައި އޮތްއެއްޗެއް ނޭނގޭއިރު، ކަލޭ އެމީހުންގެ ކުރިމައްޗަށް ދިއުމުން ވާނޭ ގޮތަކާމެދު އަހަރެން ކަންބޮޑުވޭ، މިހާރުވިއްޔާ އަހަރެމެން އެންމެންގެ ސަމާލުކަން އީޝަލްއަށް އެކަނި ދޭންޖެހޭނީ، އެކަމަކު އީޝަލްއާއެކު މީކާޢިލް ހުރެއްޖެނަމަ ތި ދެބަފައިން ސަލާމަތްކުރުމާމެދު ވިސްނަންޖެހޭ، އެމީހުންގެ ރޭވުންތައް ނޭނގިތިވެ ކަނުއަނދިރިގަނޑެއްގެ ތެރެއަށް ވަންނަން މިއުޅެނީ، އައިޒަންގެ ކާފަދަރިއެއްކަން ސިއްރުކުރީ މީކާޢިލް ވެސް އެކަމަށް އެދިގެން، އެކަމަކު ކަލޭ ފެނުމުން އެ މީހުންގެ ތެރޭގައި އެކަން އެނގޭނޭ ޖިންނިއަކު ހުރެދާނެ، އެހެންވެ މިބުނީ، އިހަށް މަޑުކުރާށޭ، އަހަރެމެން ބޭރީތާ މަޝްވަރާކޮށް އޭނާގެ ޚިޔާލު މިކައިވެންޏާމެދު ހޯދައިގެން އެނބުރި އަންނަންދެން މިތަނުގައި ކެތްތެރިވެ ހުރޭ... މީކާޢިލް! އަހަރެން ބުނަން އުޅޭ އެއްޗެއް އެބަ ވިސްނޭތަ؟" މީކާޢިލް އިސްޖެހިފައި އިންދާ ޒިޔަޒެލް އޭނާގެ ވައަތު މުލައްދަނޑީގައި ޖަހާލިއެވެ. އެއާއެކު އިސްއުފުލާލަމުން މީކާޢިލް ބޯޖަހާލިއެވެ.
"ދެން ތިހެން ނީނދެ ބަލްޤިސްއާއި ބަހީރާއާ ކުރިމަތިލާން ތައްޔާރުވޭ، މިހާރު އެ މީހުން އަންނަން އުޅޭނެ، އަހަރެމެންގެ ރޭވުންތައް ރައުލްއަށް އިހަށް އެނގުން މުހިންމެނޫން، އޭނާގެ ހިތްވަރާމެދު ޝައްކުކުރާނޭ ފުރުޞަތެއް އޭނާ ނުދޭ، އީޝަލްގެ ހޮވުމަކީ އާދައިގެ ހޮވުމެއްނޫން، އޭނާ އީޝަލް ރައްކާތެރިކުރާނަމޭ ބުނިބުނުމަށް އަހަރެމެން ވެސް އިޙުތިރާމު ކުރަން ޖެހޭނެ، އާރަމްވީ ލާމިއާ ހޯދަން ގޮސް، އެ މީހުން މިހިސާބަށް ފޯރާނޭ އިރެއް ބުނަން އަހަރެންނަށް ދަތި، އޭގެ ކުރިން ހުރިހާކަމެއް ބަލްޤިސްއާއި ބަހީރާއަށް އެނގެން އެބަޖެހޭ، އިހަށް މިކަމާ ދުރުގައި ޖޫދާ ބަހައްޓާ، އޭނާއާ ވާހަކަދެއްކުން އެންމެ ރަނގަޅުވާނީ ކަލޭ... އޭނާއަށް ވިސްނައިދީ މީ އޭނާއާ ގުޅުންހުރި ކަމަކަށްވުރެން ބޮޑަށް މީކާޢިލްގެ ދަރިފުޅާ ގުޅިފައިވާ ކަމެއްކަން، އަހަރެން ބަލްޤިސްއާއި ބަހީރާއަށް ހުރިހާކަމެއް އޮޅުންފިލުވައިދީ ނިމެންދެން އަހަރެމެންނާ ދުރުގައި ޖޫދާ ބެހެއްޓުމަކީ ކަލޭގެ ޒިންމާއެއް، އަހަރެމެންގެ މަޝްވަރާތައް ހިނގާ ވަގުތު ލުގަލްބަންދާއާއެކު އީޝަލް ވެސް ގޭގައި ބަހައްޓައިގެން ނުވާނެ" ޒިޔަޒެލް ބުންޏެވެ. އެކަމާ މީކާޢިލް އެއްބަސްވިއެވެ.
އަސުރުން ފަސްވީއިރު ޒިޔަޒެލްގެ ގޭތެރޭގައި ބަލްޤިސްއާއެކު ބަހީރާ ހުއްޓެވެ. ޒިޔަޒެލް އެދުނު ފަދައިން ޖޫދާ ގޮވައިގެން މީކާޢިލް ނުކުތީ ރަށުތެރެއަށެވެ. އެ މީހުންގެ ވާހަކަތައް ޖޫދާއަށް އިވެން ނޭދެނީކަން ޚުދު ޖޫދާއަށް އެނގި މީކާޢިލްއާ ސުވާލުކުރިއެވެ. އޭނާ އެކަމާ އެއްބަސްވިއެވެ.
* * * * *
މަޑުހިނގުމުގައި ތުނޑި ފެންނަ ހިސާބަށް އީޝަލް ނުކުތެވެ. އޭނާގެ ދާދި ގާތުގައި ލުގަލްބަންދާ ހުއްޓެވެ. ތުނޑީގެ ކޮޅުގައި ތިބި އެންމެންގެ ސަމާލުކަން އީޝަލްއަށް ހުއްޓުނުކަން އޭނާއަށް އެނގުނެވެ. އެސްފިޔަ ޖަހާލަންވީއިރު ފެނުނީ އީޝަލްގެ ކުރިމަތިން ރައުލް ފާޅުވިތަނެވެ. ފުޅާ ހިނިތުންވުމަކާއެކު ރައުލްއާ ބައްދަލުކުރުމަށް އީޝަލް ކުރިއަށް ޖެހިލިއެވެ. ރައުލްއަށް ދިއްކޮށްލެވުނު ދެއަތުގެ ތެރެއަށް އީޝަލްގެ އިނގިލިތައް މެހިގެން ދިޔައެވެ.
"މިގަޑީގައި މިތަނުގައި... ޒިޔަޒެލްއާއި މީކާޢިލް ކޮބާ؟" އީޝަލްގެ ކޯތާފަތުގައި ކަނާއަތްތިލަ ޖައްސާލަމުން ރައުލް ސުވާލުކުރިއެވެ.
"ގޭތެރޭގައި އެންމެން އެބަތިބި، އަހަރެމެންގެ ވާހަކަކަން އެނގޭ އެދެކެވެނީ، ރައުލް... އަހަރެން ރައުލްއަށް އިތުބާރުކުރަން، އެކަމަކު ހިތްބިރުގަންނަނީ ކީއްވެކަމެއްނޭނގެ، ޒިޔަޒެލް ހަމަޖެހިފައި ހުރި ގޮތް ދެއްކިޔަސް އޭނާ ހުރީ ހާސްކަމެއްގެ ތެރޭގައިކަން ނޭނގޭހާ އަހަރެން މިހާރު ކުޑައެއްނޫން، އަހަރެމެންގެ ގުޅުމާމެދު އެންމެންވަނި ކަންބޮޑުވެފައި" އީޝަލް ބުންޏެވެ.
"ކަންބޮޑުނުވޭ، އަހަރެން މިހުރީ އީޝަލް ގާތުގައެއްނު، ބިރުގަންނާނޭކަމެއްނެތް، އަހަރެމެން އަބަދުވެސް ތިބޭނީ އީޝަލް ގާތުގައި، ދެރަގޮތެއްނުވާނެ، އަހަރެމެން އީޝަލްގެ ޢާއިލާ ރައްކާތެރިކުރާނަން، އަހަރެންނަށް އިތުބާރުކުރަންޏާ ބިރުގަންނާނޭކަމެއްނެތް" ރައުލް ލުއި ހިނިތުންވުމެއް އީޝަލްއާ ބަދަލުކޮށްލިއެވެ. އަދި އީޝަލްގެ އަތުގައި ހިފައިގެން ދެންތިބި މެންބަރުންގެ ގާތަށް އައުމަށް ހިނގައިގަތެވެ. ލުގަލްބަންދާއާ އަވަސް ނަޒަރެއް ރައުލް ބަދަލުކޮށްލިއެވެ. އާދައިގެ މަތިން ލުގަލްބަންދާގެ ބެލުމުގައި މިފަހަރު ވެސް ވީ ބީރައްޓެހިކަމެވެ.
އޮއްސެމުން އައި އިރާއެކު ތުނޑިއަށް ވަރުގަދަ ބާރެއް ފައިބައިފިކަން އެނގި ރައުލްއާއި އޭނާގެ ބައިވެރިން ސަމާލުކަމަށް އައެވެ. ކިހިނެއްކަން މިވަނީ ނޭނގޭތީ ރައުލް އަވަހަށް ޖެހިލީ އީޝަލްގެ ގާތަށެވެ. ދެންތިބި މެންބަރުން އީޝަލް ވަށައިލައިފިއެވެ. ނަމަވެސް ލުގަލްބަންދާ ހުރި ގޮތުން އޭނާއަށް އެވީ ކިހިނެއްކަން އެނގޭ ކަހަލައެވެ.
(ނުނިމޭ)