ހަބަރު

އިސްކުރު ފެން ޓެސްޓުކޮށް ބޯން ރައްކާތެރިކަން ކަށަވަރުކޮށްފި

އެމްޑަބްލިއެސްސީ އިން ގޭގެއަށް ދޫކޮށްފައި ހުންނަ، ވޯޓާ ސަޕްލައި ފެން ނުވަތަ އިސްކުރުފެން އަލުން ޓެސްޓު ކުރުމަށްފަހު އެއީ ބުއިމަށް އެކަށީގެންވާ ފެނެއް ކަމުގެ ޔަގީންކަން ހެލްތުން މިއަދު ދީފި އެވެ.

އިސްކުރުފެނަކީ ސިއްހީ ގޮތުން ބުއިމަށް އެކަށީގެންވާ ފެނެއްކަން ޓެސްޓު ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި އެންވާރަމަންޓް މިނިސްޓްރީގެ އިތުރުން ފެން ކުންފުނިން ވަނީ ބައިވެރިވެފަ އެވެ. އަދި މި ފެން ބުޔުމަށް ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން މި ފެނަކީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ހުރި ފެނެއް ކަމަށް ވަނީ ބުނެފަ އެވެ.

އިސްކުރުފެން ޓެސްޓުކޮށް އާއްމުންނަށް ޔަގީންކަން ދިނުމުގެ ގޮތުން ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސީނިއާ ސައިންޓިފިކް އޮފިސާ، ސާޖިދާ މުހައްމަދު ވިދާޅުވީ، މިކަން ޔަގީން ކުރުމަށް ތިން ހަފްތާ ވަންދެން އެކިފަހަރު މަތިން ފެން ޓެސްޓު ކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް ހުރި ދުވަސްތަކުގައި ވެސް ފެނަށް އަންނަ ބަދަލުތައް ދެނެގަންނަން އިތުރު ޓެސްތުތައް ކުރާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގުމެން މިހާތަނަށް ކުރި ޓެސްޓުތަކުންވެސް، އެނގިގެން ދިޔައީ މިއީ ރައްކާތެރި ހަށިގަނޑަށް ސިއްހީ ގޮތުން ގެއްލުމެއް ނުވާނެ ފެނެއް ކަން. އަދި މިއީ ޑަބްލިއުއެޗްއޯ ގެ މިންގަނޑުތަކަށް ފެތޭ ފެނެއްކަން" ސާޖިދާ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންވާރަމަންޓް މިނިސްޓަރު ހުސައިން ރަޝީދު ހަސަން ވިދާޅުވީ، މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދޭ ފެނަކީ ތިން މަރުހަލާއަކުން ޓެސްޓް ކުރެވިގެން ފޯރުކޮށްދެވޭ ފެނެއް ކަމަށާއި މި ފެނުގެ ކޮލިޓީ ހުންނަނީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ)ގެ މިންގަޑުތަކަށްވުރެ ފެންވަރު
ރަނގަޅަށް ކަމަށެވެ.

އޭނާ އަދި ވިދާޅުވީ، ރައްޔިތުންނަށް ފޯރުކޮށްދޭ ފެނުގެ ސާފުކަން ގޭގެ ފެންމީޓަރާ ހިސާބަށް ޔަގީންކޮށްދޭ ކަމަށެވެ. ނަމަވެސް، އިމާރާތް ކުރުމުގެ ޕްލަމްބިންގް ކޯޑެއް ނެތުމުގެ ސަބަބުން ފެން މީޓަރުން ފެށިގެން ގޭގެ ފެން އިސްކުރާ ދޭތެރޭ ހުންނަ ފެނުގެ ކޮލިޓީގެ ޔަގީންކަން ދިނުމަށް ދަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން މި ފެނުގެ ކޮލިޓީ ގޭގެ އާއި އިމާރްތަކުގައި ފެން މީޓަރާއި ހިސާބައް ޔަގީންކޮށްދެން. ނަމަވެސް ރާއްޖޭގައި އިމާރާތް ކުރުމުގެ ޕްލަމްބިން ކޯޑެއް ނެތުމުގެ ސަބަބުން ފެން މީޓަރުން ފެށިގެން ގޭގެ ފެންއިސްކުރާ ދޭތެރޭ ހުންނަ ފެނުގެ ކޮލިޓީއަށް ޔަގީންކަން ދިނުމަށް ވަނީ ދަތިވެފައި. އަދި، މިނިސްޓްރީއިން މިހާރު ދަނީ ޕްލަމްބިން ކޯޑެއް ތައްޔާރުކޮށް ރާއްޖޭގެ އިމާރަތް ކުރުމުގެ ގަވާއިދުގެ ތެރޭގައި ހިމެނުމުގެ މަސައްކަތް ކުރަމުން،" މިނިސްޓަރު ހުސެން ވިދާޅުވި އެވެ.

އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކް މަދު ކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭނުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ ދެބައި ދިރިއުޅޭ މާލޭ ސަރަހައްދުގެ ރައްޔިތުން ސަޕްލައި ފެން ބޭނުންކުރާ ނަމަ އެއް ފަހަރު ބޭނުންކޮށް އުކާލާ، ޕްލާސްޓިކް ފެން ފުޅިން ދުރުވެ، ބޯފެނަށް ކުރަންޖެހޭ ހަރަދު ކުޑަވެގެން ދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.