ފެނާއި ނަރުދަމާގެ ގައުމީ ސްޓްރެޓީޖިކް ޕްލޭނެއް އިފްތިތާހުކޮށްފި އެވެ.
ސްޓްރެޓީޖިކް ޕްލޭން އިފްތިތާހު ކޮށްދެއްވާ ވާހަކަދައްކަވަމުން އެންވާރަމަންޓް މިނިސްޓަރު، ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ރައްކާތެރި ބޯފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށްދިނުން ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓްރީގެ ވޯޓާ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓްގެ ޑިރެކްޓާ ޖެނަރަަލް މުހައްމަދު މުސްތަފާ ވިދާޅުވީ މި އެކްޝަން ޕްލޭންގައި ފެނާއި ނަރުދަމާގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުމަށްވެސް މަސައްކަތް ކުރާނެ ކަމަށެވެ.
އަދި، މީގެ ކުރިންވެސް ތަފާތު ޕްލޭންތައް ހެދިފައި ވީނަމަވެސް މިފަހަރުގެ ޕްލޭނަކީ ގާނޫނީ ބާރުލިބިގެން ހެދިފައިވާ ޕްލޭނެއް ކަމުން ތަންފީޒުކުރުމުގައި ފަސޭހަ ވާނެ ކަމަށެވެ.
އެންވާރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި، މި ޕްލޭން ތައްޔާރުކުރުމުގެ މަގްސަދަކީ ފެނާއި ނަރުދަމާގެ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން، ދާއިރާ ތަރައްގީކޮށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ. މިއީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ.
ޕްލޭން ބަހާފައި ހަ ސިޔާސަތު؛
- ރައްކާތެރިފެނާއި ނަރުދަމާގެ ޚިދުމަތް އެންމެނަށް ކަށަވަރުކޮށްދިނުން
- ތިމާވެއްޓާ ރައްޓެހި، ހަރަދު ކުޑަ ފެނާއި ނަރުދަމާގެ ނިޒާމު ތަރައްޤީކުރުން
- ފެނާއި ނަރުދަމާގެ ދާއިރާއިން މީހުން ތަމްރީނު ކުރުން
- ދާއިރާއަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުން
- ފެނުގެ ވަސީލަތްތައް ރައްކާތެރިކޮށް ހިމާޔަތް ކުރުން
- ފެންބޮޑުވުމުގެ ކާރިސާތަކަށް ހޭލުންތެރި މުޖުތަމައުއެއް ބިނާކުރުން
ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ކަމާ ގުޅޭ އޮފީސްތަކާ އެކު ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދިނެވެ.
ފެނާއި ނަރުދަމާގެ ގައުމީ އެކްޝަން ޕްލޭނަކީ އޯގަސްޓްމަހު އަމަލުކުރަން ފަށާފައިވާ ފެނާއި ނަރުދަމާގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ޕްލޭނެކެވެ.