ދުނިޔެ

"އެގް ބޯއީ"އަށް ލިބުނު ފައިސާ ނިއުޒީލޭންޑަށް

ނިއުޒީލޭންޑްގެ ދެ މިސްކިތަކަށް ހަމަލާތަކެއް ދިނީ ޔޫރަޕަށް ހިޖުރާ ކުރާ މުސްލިމް ރެފިއުޖީންގެ ސަބަބުން ކަމަށް އޮސްޓްރޭލިއާގެ ސެނޭޓަރެއް ކަމުގައިވާ ފްރޭސާ އެނިންގް ބުނެފައިވާތީ އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން އޭނާގެ ބޮލަށް ބިހެއް ޖެހި ޒުވާނާޔަށް ތައުރީފާއި އެހީ އަންނަނީ އޮހެމުން އެވެ. "އެގް ބޯއީ" ގެ ނަމުން މަޝްހޫރުވެފައިވާ މި ޒުވާނާއަށް ގާނޫނީ އެހީތެރިކަން ދިނުމަށް ލީގަލް ފީގެ ގޮތުގައި ހެޔޮ އެދޭ ފަރާތްތަކުން އޭނާއަށް ހަދިޔާކުރި ފައިސާގެ ބޮޑުބައި ބަޑިޖެހުމުގެ ހާދިސާގައި އަނިޔާވި ފަރާތްތަކަށް ހަދިޔާ ކުރާނެކަން އޭނާ މިއަދު ވަނީ އިއުލާންކޮށްފަ އެވެ. އެއާ އެކު އޭނާއަށް އޮތް ލޯތްބާއި ތައުރީފް އެތައް ގުނައަކަށް ވަނީ އިތުރުވެފަ އެވެ.

ސެނެޓަރުގެ އެނިންގް ގެ ބޮލަށް ވީލިއަމް ކޮނޮލީ ބިސް ޖެހުމާ ގުޅިގެން އެނިންގް ވަނީ އެ ކުއްޖާގެ މޫނުމަތީ ޖަހައި ކޮއްޕާ ހަދައިފަ އެވެ. އެ ވީޑިއޯ ވައިރަލްވެ، މީމްތައް ވެސް ސޯޝަލް މީޑިއާގައި ވަނީ ހިނގައިގެންފަ އެވެ. އަދި ކޮނޮލީ އަށް އެހީވުމުގެ ގޮތުން އުފައްދާފައިވާ 'ގޯ ފަންޑް މީ' ޕޭޖުން ވަނީ އޭނަގެ ލީގަލް ފީޒްގެ ގޮތުގައި 44،000 އޮސްޓްރޭލިއާ ޑޮލަރު، ގާތްގަނޑަކަށް 31،000 ޑޮލަރު އެއްކޮށްފަ އެވެ. މި އަދަދު މިހާރު ވަނީ 50،000 އޮސްޓްރޭލިއާ ޑޮލަރަށް ވުރެ ވެސް އިތުރުވެފަ އެވެ.

ހަމަލާޔާ ގުޅިގެން ސެނެޓަރު އެނިންގް ނެރުނު ބަޔާނުގައި ހުރި ވާހަކަތަކާ ގުޅިގެން އޭނާއަށް ވަނީ ވަރަށް ބޮޑަށް ބައިނަލްއަގުވާމީ ފާޑު ކިޔުންތައް ވެސް އަމާޒުވެފަ އެވެ. އެނިންގް ބުނެފައިވާ ގޮތުގައި ނިއުޒިލޭންޑްގެ ދެ މިސްކިތަކަށް ދީފައިވާ ހަމަލާތަކުގެ ސަބަބަކީ އެގައުމަށް ގިނަ އަދަދަކަށް "މުސްލިމުން ހިޖުރަ" ކުރުމެވެ.