ހަބަރު

ފެނަކައިގެ ތިން މީހަކު ރަށެއްގެ ހުރިހާ ކަރަންޓް ބިލެއް ބަދަލު ކުރި

ފެނަކައިގެ ތެރޭގައި ބޮޑެތި ހިޔާނާތްތައް ހިނގާފައިވާ ކަމަށާއި އެގޮތުން ރަށެއްގައި ތިން މުއައްޒަފަކު ވެގެން ރަށު ހުރިހާ ކަރަންޓު ބިލުތަކެއް ބަދަލުކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

ސަރުކާރު މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ވަޑައިގެން ވާހަކަދައްކަވަމުން ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު ވިދާޅުވީ އެ ކުންފުނިން މުއައްޒަފުން ވަކި ކުރީ ހަމައެކަނި ރީޖަނަލް އޮފީސްތަކެއް އުވާލުމާ ގުޅިގެން ނޫން ކަމަށެވެ. އޭގެ އިތުރުން ކުންފުނީގެ ތެރޭގައި ހިޔާނާތާއި އޮޅުވާލުމުގެ ބޮޑެތި ކަންކަން ހިންގާފައިވާ ކަމަށާއި އެ މީހުން ކުންފުނީގައި ބަހައްޓައިފި ނަމަަ ފެނަކައިގެ ވެރިން ވެސް ކުށްވެރިވާނެ ކަމަށް ވަހީދު ވިދާޅުވި އެވެ.

އޭގެ ތެރެއިން ބައެއް މައްސަލަތައް ފާހަގަ ކުރައްވަމުން ވަހީދު ވިދާޅުވީ 380،000 ރުފިޔާ ތިޖޫރީ އިން ގެއްލިގެން ތަހުގީގު ކުރުމަށް ފަހު މީހަކު ވަކިކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ރަށްޜަށުގެ އިންޖީނު ގެއަށް ފޮނުވާ 100،000 ލީޓަރުގެ ތެޔޮ ގެއްލިފައި ވެސް ހުރި ކަމަށާއި އޭގެ އިތުރުން ރަށެއްގެ ހުރިހާ ކަރަންޓު ބިލެއް އެންމެ ތިން މުއައްޒަފުން ވެގެން ބަދަލުކޮށްފައިވާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

"މުޅި ރަށެއްގެ ހުރިހާ ކަރަންޓު ބިލު ތިން މީހެއް ވެގެން އެކަނި ބަދަލުކޮށްފަ އެބަހުރި، މިވަރުގެ ބޮޑެތި މައްސަލަތައް އެބަހުރި ހިނގާފަ،" ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ އޭގެ ތެރެއިން ގިނަ މައްސަލަތައް ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ބައެއް މައްސަލަތައް އޭސީސީއަށް ހުށަހަޅައިގެން ވެސް ކުރިޔަށް ގެންދާ ކަމަށް ވަހީދު ވިދާޅުވި އެވެ.

މީގެ ކުރިން އޭސީސީ އިން ވެސް ވަނީ ފެނަކައިގެ ބޮޑެތި މައްސަލަތަކެއް ތަހުގީގު ކުރަމުން އަންނަ ކަން ހާމަކޮށްފަ
އެވެ.