ހަބަރު

"ވަކި މީހެއްގެ ކެމްޕޭން ހަތިޔާރަކަށް ހައުސިން ނުހެދޭނެ"

ސަރުކާރުން ހިންގާ ދައުލަތުގެ ހައުސިން ޕޮރޮޖެކްޓް ތަކަކީ ވަކި މީހެއްގެ ކެމްޕެއިން ހަތިޔާރަކަށް ނުހެދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލާފައިވާ އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

އަލްހާން "އަވަސް" އަށް ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަންގެ ހިމެނޭ އިސް މީހެއްގެ ކެމްޕެއިން އޮފީހުން ބައެއް ފަރާތްތަކަށް ގުޅާ، 2011 ވަނަ އަހަރު ހިންގި ހައުސިން މަޝްއޫއިން ފްލެޓްއަކަށް ކުރިމަތިލިންތޯއާއި، ކުރިމަތި ލާފަ އޮތް ނަމަ ފްލެޓް ލިބޭނެ ކަމަށާއި، ފްލެޓް ހޯދަން އައުމަށް އެދެމުން ގެންދާ ކަމަށެވެ.

"ސަރުކާރުގައި ހުރި ފްލެޓްތަކެއް ދޭނެ ކަމަށް ވަކި ބޭފުޅަކު އެގޮތަށް ވައުދުވެގެން އެގޮތަށް ހަދައިގެން މީހުންނަށް އޮޅުވާލައިގެން، ތަންތަނަށް އެއްކުރަން އުޅޭކަން އަޅުގަނޑަށް މި ފާހަގަ ކުރެވެނީ. އެބަ އިނގޭ ހުރިހާ އެންމެނަށްވެސް ވަރަށް ބޮޑަށް ބޯހިޔާވަހިކަމުގެ ދަތިކަން އޮތްކަން. އެހެންވީމަ ވަކި ފަރާތަކުން އެގޮތަށް ފްލެޓްތަކާއި، ދައުލަތުގެ މައްޗަށް މާ ބޮޑު ނުފޫޒެއް އޮތް ކަމަށް ދައްކައިގެން ނުވަތަ ރައްޔިތުން އެގޮތަށް ގަބޫލު ކުރާ މީހެއްގެ ކެމްޕެއިން އޮފީހުން އެގޮތަށް ގުޅާ، އެ ސަކަރާތް އެހެން ޖެހުމަކީ، ހަގީގަތުގައި ވަރަށް ބޮޑު މައްސަލައެއް" އަލްހާން ވިދާޅުވި އެވެ.

އެކަމަކީ ގާނޫނުގެ ރޫޙާއި ހިލާފު އަދި ގާނޫނާއިވެސް ހިލާފު ރިޝްވަތު ހުށަހެޅުމުގެ އަމަލެއް ކަމަށާއި، އެކަންކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބެލުމަށް ގޮވާލާ ކަމަށް އަލްހާން ވަނީ ވިދާޅުވެފަ އެވެ. އަދި އެފަދަ ކޯލްތަކެއްގެ އޯޯޑިއޯ ރެކޯޑިންވެސް ދައުރުވަމުންދާކަން އަލްހާން ވަނީ ފާހަގަ ކުރައްވާފަ އެވެ.