ވާހަކަ

ބޭނުންވަނީ ޔާރާ

(18 މާރިޗު 2019 އާ ގުޅޭ)

"އޮފީހުން...........އައި ހޭވްޓު ޓޭކް ދިސް، މުހިއްމު ކަމަކު ކަންނޭގެ، ބޮސް......" މަންހާ އެހެންބުނެލަމުން ވަށައިގެންވި މާހައުލު ހޯދާލިއެވެ. ފޯނުންވާހަކަ ދައްކަން އެތަން މާއަޑުގަދައެވެ. މެހެމާނުން ވަދެނުކުމެވާ ދޮރާ ދިމާލަށް މަންހާ މިސްރާބުޖެހިއެވެ.

ފުރުޞަތަކަށް ބޭނުންވެފައި ހުރި ވިޝާލްއަށް ދޮރުން ބޭރަށް ދިޔަ މަންހާ ފެނި އެދިމާލަށް ހިނގައިގަތެވެ. ޝަރަފް އާއި ދުރަށް ވިޝާލް ދިއުމާއިއެކު އޭނަވެސް ފުރުޞަތުގެ ބޭނުންހިފާ ސްޓޭޖް ކައިރީ ހުރި މޭޒުގެ ދޮށުގައި އިށީނދެގެން އިން އަންހެން ކުއްޖާގެ ގާތަށް ދިއުމަށް ހިނގައިގަތެވެ.

މީހުން މަދު ހިސާބަކަށް ޖެހިލަމުން މަންހާ އަވަސް އަވަހަށް ފޯނުނެގިއެވެ. އަދި ވާހަކަ ދައްކަމުންދިޔައެވެ. އޭނަގެ ފަހަތުން ވިޝާލް އަންނަކަމެއް މަންހާ ނުދެނަހުއްޓެވެ. ފޯނު ބޭއްވުމަށްފަހު ހާސްކަމާއިއެކު މަންހާ އެނބުރިލި ވަގުތު ޖެހުނީ އޭނަގެ ފަހަތުގައި އައިސް ހުއްޓިލި ވިޝާލްގެ ގައިގައެވެ.

"އޯ.....ސޮރީ..........ޖަސްޓް ދަ މޭން އައި ވޯންޓް.........." މަންހާ ބުނެލިއެވެ.

"ރިއަލީ.........ހަމައަސްލުވެތަ..........." ވިޝާލްގެ އެޖުމްލައިގައި ފޮރުވިފައިވާ މާނައެއް އޮވެދާނެއޭ މަންހާ ހިއެއްނުކުރެއެވެ. އެހެނީ އެއަށްވުރެ އޭނަ ހުރީ ހިތްއަވަސްވެ ކަމަކަށް ބޭނުންވެފައެވެ.

"ހޫމް...........ރިއަލީ" މަންހާ އަވަސް އަވަހަށް ބުނެލިއެވެ. އަދި ދޮރުން އެތެރެއަށް ދާން އުޅެފަވެސް މަޑުޖެހިލާފައި އެތަނުން ނުކުންނަން ހިނގައިގަތީ ވިޝާލްގެ އަތުގައި ހިފައިގެންނެވެ. މިވަނީ ކިހިނެތްކަން ނޭގުނަސް މަންހާ ވިޝާލްގެ އަތުގައި ހިފައިގެން އެތަނުން ނުކުންނަން ފެށުމުން ވިޝާލް ހުރީ ވަރަށް ހިނިއައިސް ހިތްހަމަޖެހިލާފައެވެ.

"އަވަހަށް އާދެބާ ވިޝާލް.........." މަންހާ ބުނެލިގޮތުން ވިޝާލްއަށް އޭނަ ކޮންމެވެސް ކަމެއް ބޭނުންވެއްޖެކަން އެނގުނެވެ.

"ކިހިނެތްތައް ހަދާދޭންވީ؟ މިހާރު ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ" ވިޝާލް މަންހާގެ އަވަސްވެފައިވާ ފިޔަވަޅުތަކާއި އެއްވަރުކުރަމުން އަހާލިއެވެ.

"ހަމަ ކުއްލިއަކަށް އޮފީހަށް ދާންޖެހިއްޖެ، ބޮސް މާދަން ހެނދުނުން ޕްރޮޖެކްޓެއް ކުރިއަށްދާގޮތް ބަލަން ރިސޯޓަކަށް ފުރާނެ، އެކަމަށް ބޭނުންވާ ވަރަށް މުހިއްމު ލިޔުމެއް ހޯދަން އެގުޅީ..........އައި ހޭވް ޓު ގޯ..........." މަންހާ އެކަމުގެ މުހިއްމުކަން ވިޝާލްއަށް އަންގާދޭން މަސައްކަތް ކުރަމުން ބުނެލިއެވެ.

"މިގަޑީގަތަ؟ މާދަން ހެނދުނުންވެސް ވެދާނެއެއްނު...........އެހެންނޫނަސް މިގަޑީގަތަ އޭނައަށް އެނގުނީ އެލިޔުންނެތްކަން؟" ވިޝާލް މަންހާގެ ވާހަކައަށް އެހާ ތާއީދެއް ނުކުރިއެވެ.

"މާދަން ބަންދުދުވަހެއްނު، އޮފީހެއް ނުހުޅުވާނެ...........އަނެއްކޮޅުން ބޮސް ފުރާނެ..........މިހާރު ނުކުރިއްޔާ ނުވާނެތީ ބޮސް އެގުޅީ، އެކްޗުއަލީ އިޓް ވޯސް މައި މިސްޓޭކް.........އަހަރެން ހަނދާންނެތި މިއައީ އެލިޔުން ވަތްގަނޑަށް ލާފަ، އެއްގޮތަކަށްވެސް ހަނދާނެއްނެތް ޓްރޭއަށް ލާފަ އަންނާކަށް، އެހެންނުވާނީ ދޮންބެގެ ވެޑިންނަށް ނާދެވިދާނެތީ އަހަރެން ހުރީ ވަރަށް ހާސްވެފަ، އެހާސްކަމުގެ ތެރޭ ކުރެވުނު ކަމެއް އެއީ............" މަންހާގެ މޫނުމަތިން ހަގީގަތުގަވެސް މާޔޫސްކަން ފާޅުވާންފަށައިފިއެވެ.

"އޯ..........އެހެންވީމަ މަންހާ ބޮސްކައިރިއަށް މިގަޑީގަ ދާހިތުން ކުރިކަމެއްދޯ އެއީ..........ހެހެހެ" ވިޝާލް ސަމާސާ ކޮއްލިއެވެ.

"އޯކޭ..........އިނަފް ވިޝާލް، އަހަރެން އެކަނި ގޮސްފާނަން...........ވިޝާލް ނަޔަސް އެންމެރަނގަޅު.........." މަންހާ މަގަށް ނުކުތުމަށް އަޅައަޅާ ހުރި ފިޔަވަޅާއިއެކު ވިޝާލްގެ އަތުން ދޫކޮއްލިއެވެ. އަދި މަގުމަތިން ދިޔަ ޓެކްސީއަކަށް އަތްނެގިއެވެ.

"މަންހާ..........ރުޅި އައީތަ، ސޮރީއޭ.......ޕްލީޒް............ސޮރީއޭ..........ހިނގާ ދާން، އަހަރެން މިއަންނަނީ ކާރު ނަގައިގެން...........މިތާ މަޑުކުރޭ.........." ވިޝާލްއަށް މަންހާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުނުކަން އެނގުމުން ކަންބޮޑުވިއެވެ. އަވަހަށް ކާރު ޕާކުކޮއްފައި އޮތް ދިމާލަށް ދިއުމަށް އަވަސްވެގަތެވެ.

މަންހާއަށް ވިޝާލްދެކެ ރުޅިއާދެވުނީ އޭނަ ސަމާސާއަށްވިޔަސް ދާއިން އާއި ދޭތެރޭ ދެކުނު ގޮތުންނެވެ. އަމިއްލަ ސިކުނޑީގެ މައްޗަށް އެވަގުތު ބާރުފޯރުވާން އުނދަގޫވެފައިވާ މަންހާ ދެވަނަ ޓެކްސީ ދިޔައިރަށްވެސް އަތްނެގިއެވެ. ވަގުތުން ޓެކްސީ މަޑުކޮއްލުމާއިއެކު މަންހާ ވިޝާލް ކޮބާތޯވެސް ބަލާނުލާ ގޮސް ޓެކްސީއަށް އެރިއެވެ. އަދި ގޭގެ ނަންބުނެލީ އޮފީސް މޭޒުގެ ވަތްގަނޑުގެ ތަޅުދަނޑިވެސް ވާނީ ގޭގައި ކަމަށްވާތީއެވެ. އަދި ޓެކްސީ ހަރަދުކުރާކަށް އޭނަގެ އަތުގައި އެވަތު އެއްވެސް ފައިސާއެއްވެސް ނެތެވެ.

"ޝިޓް............" ކާރުގައި އައިސް މަންހާ ހުރި ދިމާލުގައި މަޑުކޮއްލި އިރު މަންހާ ނެތުމުން ވިޝާލްއަށް ހުންގާނުބުރުގައި އެއްއަތުން ޖަހާލަމުން ބުނެލެވުނެވެ. ކަރުގައި އިން ބޯޓައި ނައްޓާލަމުން ފަޓުލޫނު ޖީބުން އަވަސް އަވަސް ވީޝާލް އޭނަގެ ފޯނުނެގިއެވެ.

* * * * *

"ހާއި...........އެކަނިތަ" ޝަރަފް ޖެނީ އިން މޭޒުގެ ކައިރިއަށް އައިސް ހުއްޓިލަމުން ބުނެލިއެވެ.

"ހޫމް........." ޖެނީ ހިނިތުންވެލަމުންބުނެލިއެވެ.

"މަންކޮ ކޮބާ" ޝަރަފް ޖެނީ އާއި ޖެހިގެން އިން ގޮޑީގައި އިށިންނަމުން އަހާލީ ދައްކާނެ ވާހަކައެއް ނޭގިގެން ކަހަލަ ގޮތަކަށެވެ.

"އޮފީހުންގުޅައިގެން ފޯނުނަގަން ބޭރަށް ނުކުތީ" ޖެނީ މޭޒުމަތީ ހުރި ތަށީގައި އަތްލަމުން ބުނެލިއެވެ. އޭނައަށްވެސް ޝަރަފް އެހާ ކައިރީގައި އިނުމުން ގޮތްތަކެއްވާކަން ގައިމެވެ. ނަމަވެސް ދެމީހުންވެސް މަސައްކަތް ކުރަމުން ދިޔައީ ކުރެވޭ އިޙްސާސްތައް ހިތުގެތެރޭ އޮބިއަޅާ ހިފެހެއްޓޭތޯއެވެ.

ވޭތިވެގެންދިޔަ ތިރީހަކަށް މިނެޓު ހޭދަވެގެން ދިޔައީ ދެމީހުންތުރެ އެކަކުވެސް އަނގައިންނުބުނެއެވެ. އެހެންނަމަވެސް އިރުއިރުކޮޅާ ދެމީހުންވެސް އެކަކު އަނެކަކަށް ބަލާލައެވެ. އަދި ލުއި ހިނިތުންވުމެއް ބަދަލުކޮއްލައެވެ. ކީއްވެކަމެއްނޭގެއެވެ. އެންމެ ފުރަތަމަ އިސްނެގުނީ ޝަރަފްއަށެވެ. ކުރިމަތީ ހުރި ޖޫސްތަށި ނަގަން އުޅުމުގެ ތެރޭ ތަށީގައި ހިފަހައްޓައިގެން އިން ޖެނީގެ އަތުގައި ޝަރަފްގެ އަތް ބީއްސާލިއެވެ. ޖެނީ ތަށިން އަތް ދޫކޮއްލަމުން އަވަސް އަވަހަށް އަތްނެގިއިރު ހީވީ އޭނަގެ އަތަށް ކަރަންޓުއައީ ހެންނެވެ. އެއާއެކު ޖެނީގެ މޫނުމައްޗަށް ލަދުވެދިކަމުގެ ޖަންބުލަކުރައަރައިގެން ދިޔައެވެ. ދުވަހަކުވެސް މިފަދަ އިޙްސާސްއެއް އޭނައަކަށް ކުރެވިފަކައިނެތެވެ. ޖެނީއަށް ލަދުންގޮސް ޝަރަފްއަށް ބަލާލަންވެސް ނުކެރުނެވެ. ޝަރަފްއަށް މިމަންޒަރުތައް ވަރަށް ރަނގަޅަށް ފެނުނެވެ. އަދި އޭނަގެ ތުންފަތުގައިވެސް ލުއިލުއި ހިނިތުންވުމެއް ދުވެލިއެވެ. އެހިނިތުންވުމުގައި ކޮންމެވެސް ވަރެއްގެ ލާނެތްކަމެއްވެސް އެކުލެވިފައިވިއެވެ.

* * * * *

"ހެލޯ.........އަޅުގަނޑު މިހިރީ އޮފީސް ދޮރުމަތީ، އޮފިސް ހުރީ ތަޅުލާފަ" މަންހާގެ އަޑުން އޭނަ ހާސްވެފައި ހުރިކަން އެނގެއެވެ.

"މިދަނީ، މަޑުކޮއްލާ........" ދާއިން އޭނަގެ އެޕާރޓްމެންޓުގައި ހުރެފައި އޮފީސް ހުންނަ ބަޔަށް އައުމަށް ލިފްޓަށް އެރިއެވެ.

ތަންކޮޅެއް ދުރުން ސިޑިއާއި ދިމާލުން ދިއްލާފައި ހުރި އަލިނޫނީ ދެން ވަށައިގެންވެރިވެފައިވަނީ އަނދިރިކަމެވެ. ހަމަހިމޭންކަމެވެ. މަންހާއަށް އެއަނދިރިކަމުންވެސް އިތުރު ހާސްކަމެއް ލިބެމުންދިޔައެވެ. ދެއަތްތިލަ ދާހިތްލަން ފެށުމުން ދެއަތްދެއަތާ އިރުއިރުކޮޅާ ހާކާލައެވެ.

ހުޅުވިގެން ދިޔަ ލިފްޓާއިއެކު މަންހާހުރި ދިމާލަށް ކުޑަހިނދުކޮޅަކަށް އަލިވެގެންދިޔައެވެ. ދާއިންއަށް މަންހާއަށް ބަލާލެވުނެވެ. އެކަމަކު ރީތިކޮށް ފެނުމުގެ ކުރިން އިސާހިތަކު ވަށައިގެން އަނދިރިކަން ވެރިވެގެން ދިޔައެވެ. ދާއިން އޮފީހުގެ ދޮރު ހުޅުވާލުމަށްފަހު ދެތިން ލައިޓު ޖައްސާލުމާއިއެކު ކުރިއަށް ހިނގައިގަތެވެ.

"އައިއެމް ސޮރީ ސަރ........." މަންހާ ދާއިންގެ ފަހަތުން ދަމުން ބުނެލިއެވެ.

"އިޓްސް އޯކޭ........" ދާއިން ވަރަށް ހަމަޖެހިލާފައި ބުނެލިއެވެ.

މަންހާ އޭނަ އިންނަ މޭޒުކައިރިއަށް ގޮސް އަވަހަށް މަތީ ވަތްގަނޑު ހުޅުވާލާފައި އޭގައި ހުރި ކަރުދާސްތަކުގެ ތެރެއިން އެންމެ މަތީގައި އޮތް ގަނޑު ނަގާ ދާއިންގެ އަތަށް ދިއްކޮއްލިއެވެ.

"ޔެސް.........ދިސް އިޒް ދަ ވަން........" ދާއިން ގަނޑަށް ބަލާލަމުން ބުނެލިއެވެ.

"ސޮރި ސަރ......" މަންހާއަށް އަނެއްކާވެސް ބުނެލެވުނެވެ.

"ހެ ހެ ހެ ހެ........މައްސަލައެއް ނޫނޭ އެއީ، ހަނދާންނެތިދާނެ ދޯ، އަހަރެންވެސް މަންހާގެ ކައިރިން މާފަށް އެދެން، ހީވަނީ ކޮންމެވެސް މުހިއްމު ހަފްލާއެއްގަ އުޅެފަ އައިސް އިންހެންވިއްޔަ........." ދާއިން މަންހާއަށް ބަލާލަމުންބުނެލިއެވެ.

"އަޅުގަނޑުގެ ދޮންބެގެ ވެޑިންގަ ހުރެފަ މިއައީ، އެކަމަކު އެއީ މައްސަލައެއްނޫން............މައި މިސްޓޭކް ވަތްގަނޑުގަ އެލިޔުން ބާއްވާފަ ތަޅުލާފަ ދިއުން އެއީ........އަނެއްކާ ލަސްވިތޯ" މަންހާ ގޮނޑީގައި އިށީނދެލައިގެން އިނދެ ދާއިންއާއި ވާހަކަދެއްކިއެވެ. އަދި ދާއިންއަށް ވަރަށް ފުންކޮށް ބަލާލިއެވެ.

ބަރގަންޑީ ކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއްގައި ނުރަސްމީވެފައި ދާއިން އިނެއްކަމަކު އޭނަގެ ގައިގާ އެހުންނަށް ޙާއްޞަކަމަކަށް އެއްވެސް ބަދަލެއްނާދެއެވެ. ހިނިތުންވެލައިގެން މަންހާއަށް ބަލަންއިންއިރު އެއަތުގެ ތެރެއަށް ވަނުމަށް މަންހާގެ ހިތް ރޮމުންދިޔައެވެ. އެދެމީހުން އެކަނި މިފަދަ ގޮތަކަށް ބައްދަލުވެލަން މިނޫނީ މިފަދަ ފުރުޞަތެއް ނުލިބެއެވެ. މަންހާގެ މޭޒުގެ ކަނެއްގައި ކުޑަކޮށް އިށީނދެލައިގެން އިންއިރު އޭނައަކީ މަންހާގެ ވެރިޔާކަންވެސް އޭނަ ހަނދާންނައްތާލަން ބޭނުންވިއެވެ.

"ނައިސް ޑްރެސް............" ދާއިން ވަކިންބޮޑަށް ހިނިއައިސްފައި ބުނެލިއެވެ.

"ތޭންކްސް........" މަންހާ އުފަލުން ބުނެލިއެވެ. އެވަގުތު މޭޒުމަތީ ބާއްވާފައިއޮތް އޭނަގެ ފޯނު ވައިބްރޭޓު ވާންފެށިއެވެ.

"ވެލް........އައިލް ބީ ބެކް އޮން ސަންޑޭ...........ސީ ޔޫ ދެން.........." ދާއިން މަންހާގެ މޭޒާ ދުރަށް ޖެހިލަމުންބުނެލިއެވެ. މަންހާ ފޯނަށް ބަލާލާފައި ފޯނު ކަނޑާލިއެވެ.

"ހޫމް............ގުޑްނައިޓް.........." މަންހާވެސް ގޮނޑިން ތެދުވީ ދާންވެގެންނެވެ. އޭނައަށް ގުޅީ ވިޝާލްއެވެ. ޕާޓީގައި ހުރެފައި މަންހާ އެކަނި ދިޔައީމަކަންވެސް އޭނައަށް އެނގެއެވެ. އަނެއްކޮޅުން މިގަޑީގަ ވިޝާލް ގުޅީމަވެސް މަންހާ އިތުރަށް ހިތްހަމަ ނުޖެހުނެވެ. އެހެންނޫންނަމަ ދާއިން އާއި އަދި ކުޑަވަގުތުކޮޅެއް ވާހަކަދައްކާލަން މަޑުކޮއްލެވުނީސްކަން ގައިމެވެ.

ދާއިން އޭނަގެ ކެބިންއަށް ވަނުމުން މަންހާ މަޑުކޮއްލީ ދަނީއޭ ބުނެލާފައިނޫނީ ނުދާންވެގެންނެވެ. ނަސީބަކުން ދާއިން ވަރަށް އަވަހަށް ނުކުތެވެ. އޭނަވަނީ ކެބިންގައި ހުރި އިތުރު ލިޔުންތަކެއް ބަލައެވެ.

"ދަނީ......." މަންހާ ދާއިން އޭނަގެ ކެބިންއިން ނުކުތުމާއިއެކު ބުނެލިއެވެ.

"އެކަނިތަ ތިއައީ........" ދާއިން މަންހާ އާއިއެކު އޮފީހުން ނުކުންނަން ހިނގައިގަތެވެ.

"ޓެކްސީއެއްގަ.........އަވަހަށް އަންނަންވެގެން.........އެހެންމީހުން ބިޒީވީމަ ނުކެރުނީ ބުނަން........އެހެންނޫނަސް އައިއެމް އަ ބިގް ގާލް......." މަންހާ ހިނިތުންވެލަމުން ބުނެލިއެވެ.

"ކޮންތާކު ޕާރޓީއޮތީ........" ދާއިން އަނެއްކާވެސް ކުރީ ސުވާލެކެވެ.

"ދަރުބާރު ގޭގަ.........." މަންހާ ލިފްޓުގެ ސްވިޗަށް ފިއްތާލަމުން ބުނެލިއެވެ.

"އެހެންތަ، މިވީ މާ ރަނގަޅަކައްނު، އެހެން ހީވެގެންނޭ މި އަހާލީވެސް.........." ދާއިން އޭނަގެ ދެޖީބަށް އަތްޖަހާލަމުން ބުނެލިއެވެ.

"ކިހިނެތްތޯވީ....." މަންހާއަށް އަވަހަށް އަހާލެވުނެވެ.

"މިދަނީ ކާނިވާގަ އިން ތަނަކަށް ފްރެންޑަކާއި ބައްދަލުކޮއްލަން..........ދާމަގުމަތީ ހިނގާ މަންހާ ޑްރޮޕްކޮއްލަ ދީފާނަން........އެކަމަކު މަންހާއަށް އެގޮތް ކަމުދާނަމަ" ހުޅުވިގެންދިޔަ ލިފްޓުގެ ތެރެއަށް މަންހާގެ ފަހަތުން ދާއިން ވަންނަމުން ބުނެލިއެވެ.

"ސާރ އަށް ލަސްނުވަންޏާ އަޅުގަނޑަށް އޯކޭ..........." މަންހާ ލިފްޓުގެ ފިއްތަކަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.

ދާއިންގެ ޖަވާބަކަށް މަންހާ އިންތިޒާރުކުރަމުންދިޔައެވެ. އެހެންނަމަވެސް ލިފްޓުން ނުކުތްގޮތަށް ދާއިން ދިޔައީ ގަރާޖާއި ދިމާލަށެވެ. މަންހާ ވާނުވާނޭގިފައިވާ ހާލުގައި ދޮރުކައިރިއަށް ނުކުތެވެ. ދެން ހަދަންވީ ކިހިނެތްބާއޭ އޭނަގެ ހިތަށް އަރަމުންދިޔައެވެ. އަނެއްކާވެސް މަންހާއަށް ފޯނެއް އަންނަންފެށުމުން ބަލާލިއެވެ. އޭރުވެސް ގުޅަނީ ވިޝާލްއެވެ. މިފަހަރުވެސް މަންހާ ފޯނުކަނޑާލީއެވެ.

ކަޅުކުލައިގެ ވޮލްވޯ ކުޑަކާރުގައި ދާއިން ގަރާޖުން ނުކުތެވެ. އަދި މަގުގައި ކާރު މަޑުކޮއްލުމަށްފަހު ކާރުން ނުކުމެގެން އައިސް ހުޅުވާފައިހުރި ގަރާޖުގެ ދޮރުތިރިއަށް ދަމާލަމުން ލައްޕާލިއެވެ. އަދި އަތުގައި އޮތް ރިމޯޓުން ގަރާޖުގެ ދޮރު ތަޅުލިއެވެ. އޭރުވެސް މަންހާ ދޮރުކައިރީ ދާއިންގެ އިޝާރާތަކަށް މަޑުކޮއްލައިގެން ހުއްޓެވެ. ދާއިން ކާރަށް އަރަންވެގެން ކުރީސީޓުގެ ދޮރުހުޅުވާލުމަށްފަހު ފަހަތަށް ބަލާލަމުން މަންހާއަށް ގޮވާލިއެވެ. އަދި އަތުން އައުމަށް އިޝާރާތްކޮއްލުމާއިއެކު ކާރަށް އަރައިފިއެވެ. އަވަސްވެފައިވާ ހިތަކާއިއެކު މަންހާ އައިސް ދާއިން އާއި ޖެހިގެން އިން ކުރީސީޓުގައި އިށީނެވެ.

"ކަމޯން މަންހާ...........ޕްލީޒް ޕިކްއަޕް........އަހަރެން ކަންބޮޑުވާނެ ވަރެއްނޭގޭތެ، އެހެންނޫނަސް ތިހާ ރުޅިއަންނަވަރުގެ ކީކޭތަ އަހަންނަށް ބުނެވުނީ.........މަންހާ........ފޯނު ނަގާބަލަ........އަހަރެންގެ ހިތް އިތުރަށް ނުތަޅުވަބަލަ........." ވިޝާލް ކާރުގައި އިނދެ ފޯނުން މަންހާއަށް ޑައިލް ކުރަމުން އަމިއްލައަށް ވާހަކަދެއްކިއެވެ. ހަގީގަތުވެސް އޭނަ އިނީ ވަރަށް ކަންބޮޑުވެ ހާސްވެފައެވެ. އޮފީހުގެ ބޮޑުމީހާއޭ ކިޔައިގެން އެއްޗެއް ބުނުމުން މަންހާ އެހާ ހިތްހަމަ ނުޖެހޭނެކަން ވިޝާލްއަށް އިނގޭނީ ކިހިނެތްހެއްޔެވެ. ގައިމުވެސް އޭނަ އެނގިހުރެ މަންހާ ރުޅިއެއްނާރުވާނެއެވެ. އަމިއްލަ ހިތުގެ ހަމަޖެހުން ނަގާލާވަރުގެ ކަމެއް އޭނަ ނުކުރާނެއެވެ.

ވިޝާލް މަންހާގެ އޮފީސް ކުރިމަތިން ތިންވަނަ ބުރުއަޅަމުންދިޔައެވެ. އެވަގުތު މަގުގައި އެހާ ފުޅާމިން ނެތުމުން ވިޝާލްއަށް ޖެހުނީ ކުރީގައި އޮތް ކާރު ދަންދެން މަޑުކުރާށެވެ. އޭނަ މަންހާގެ އޮފީހަށް ބަލާލިއެވެ. އަދި އެއޮފީހުގެ ގަރާޖު ކުރިމަތީ އޮތް ކަޅުކުލައިގެ ކުޑަކާރަށް ބަލާލިއެވެ. ކަޅުބިއްލޫރީގެ ތެރެއިން އެއްވެސް އެއްޗެއް ވިޝާލްއަކަށް ނުފެނެއެވެ. އޭނަ ބަރުގޮނު އަޅާލުމާއިއެކު ކުރިމަތީއޮތް ކާރު ދުއްވާލައިފިއެވެ. އެކަކަވެސް މަންހާގެ އޮފީސް ކުރިމަތީ ނެތެވެ. އެހެންނަމަވެސް އެގޮތަށް އެތަނުގެ ވަށައިގެން ކިތަންމެ ވަރަކަށްވެސް ބުރުޖަހާފާނެއެވެ. މަންހާ ނުކުންނާނެ އިރެއްވަންދެންނެވެ.

"ކަމޯން ޑޫޑް......" ދާއިންގެ ކާރުގެ ފަހަތުގައި އޮތް ކާރުގެ ބަރުގޮނުގެ އަޑުއިވުމާއިއެކު އޭނަ ބުނެލިއެވެ. އަދި އަވަސް އަވަހަށް ކާރު ދުއްވާލިއެވެ. މަންހާ އިނީ ބުނާނެ އެއްޗެއް ނޭގި ބަސްހުއްޓިފައެވެ. ދާއިން އާއިއެކު އެގޮތަށް ކުރީސީޓުގައި އިނދެލެވިދާނެކަމުގައި އޭނަ ހީވެސް ނުކުރެއެވެ. އެކަމަކު އަބަދުވެސް ދާއިން އާއި ހުރިހާ ކަމެއް ގުޅިފާވުމަށް މަންހާއަށް އެދެވެއެވެ. އުއްމީދުވެސް ކުރެވެއެވެ. އެފަދަ ހުވަފެންތައްވެސް ދެކެވެ.

"ކީއްވެ ފޯނު ނުނަގަން ތިއުޅެނީ؟ ފައިޓިންގ ވިތް ޔޯ ބޯއިފުރެންޑް" މަންހާގެ ފޯނު އިރުއިރުކޮޅާ ކަނޑާލާތަން ފެނި ދާއިންއަށް ބުނެލެވުނެވެ.

\"އިޓްސް ނޮޓް އިމްޕޯޓެންޓް، އެންޑް އައި ޑޯންޓު ހޭވް ވަން" މަންހާ އަވަސް އަވަހަށް ބުނެލިއެވެ. އަދި ފޯނު އެއްކޮށް ނިއްވާލާފައި އަތުގައި އޮތް ކުޑަކުޑަ ދަބަހުގެ ތެރެއަށް ލިއެވެ.

"ސީރިއަސްލީ.....ގަބޫލުވެސް ނުކުރެވޭ" ދާއިން އަމީނީމަގަށް ކާރުގައި ނުކުންނަމުން ބުނެލިއެވެ. އެދެމެދުގައި ވާހަކައެއް ފެށުމަށް ދާއިން މަސައްކަތް ކުރަމުންދިޔައެވެ. އެހެނީ ނުދަންނަ ދެމީހުން ފަދައިން އެދެމެދަށް ހަމަހިމޭންކަން ވެރިވެފައިވާކަށް ދާއިން ބޭނުމެއްނުވިއެވެ.

"ކީއްވެ ގަބޫލު ނުކުރެވެންވީ" މަންހާގެ ނުތަނަވަސް ވެފައިވާ މޫނަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބެންފެށިއެވެ.

"ގޯސް ގޮތަކަށް ބުނާއެއްޗެއް ނޫން، އެކަމަކު ހީނުވަނީ ތިހާ ރީތި ކުއްޖަކު އަދިވެސް ސިންގަލް ވެދާނެއޭ.....ވައި ވަޓްސް ދި ޕްރޮބްލެމް" ދާއިން ވާހަކަ ދައްކަމުން ދިޔައިރު އޭނަ އިރުއިރުކޮޅާ މަންހާއަށް ބަލާލައެވެ.

"އިންތިޒާރު ކުރަނީ........." މަންހާ އިސްޖަހާލައިގެން ހުރެ ބުނެލިއެވެ.

"އިފް ޔޫ ޑޯންޓު މައިންޑް އާސްކިންގ.....އިންތިޒާރު ތިކުރަނީ ކާކަށްތޯ އަހާލެވިދާނެތަ؟ މިހާރުވެސް ކުދިން އިންތިޒާރު ކުރޭތަ؟ އަހަންނަށް އެނގޭ އޮފީސް ތެރޭއެކަނިވެސް މަންހާއަށް ހިތްކިޔާ ކުދިން ބައިވަރުކަން........." ދާއިން ލުއިލުއި ގޮތަކަށް ހޭންފެށިއެވެ.

"ސަރ އަށް އަޅުގަނޑު ރީތިވުން އެއީ އަޅުގަނޑު ދެކޭ ގޮތުގަ ގުޑް ސައިންއެއް، ދެންތިބި އެކަކުވެސް މުހިއްމެއްނޫން" މަންހާ ދާއިންގެ ހުނުމުގެ ތެރެއަށް ގެއްލިފައި އިނދެ ބުނެލިއެވެ.

"ތި ވިސްނަނީ ޕްރޮމޯޝަންއަށް ދޯ... އެކްޗުއަލީ ޔޫ ޑިޒާވް ވަން........އެހާވެސް މޮޅުވިއްޔަ" ދާއިންއަށް މަންހާ ބުނިއެއްޗެއްގެ މާނައެއް ނުވިސްނުނެވެ. މަންހާގެ ވާހަކަތަކުގައި ފޮރުވިފައި އެހެން ވާހަކައެއް އޮވެދާނެއޭވެސް ދާއިންގެ ހިތަކަށް ނާރައެވެ. ވިސްނޭނީ އެހެންނޫންނަމަތާއެވެ. މަންހާ ދާއިންއަށް ހިނިތުންވެލުން ނޫންކަމެއް ނުކުރިއެވެ. އަދި ދޮރުގެ ބިއްލޫރިގަނޑުން ހަލަބޮލިވެފައިވާ މަގަށް ބަލަހައްޓައިގެންއިނެވެ.

(ނުނިމޭ)