އަންނަށް އެޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ފައިނަލް ލިސްޓަށް ޝަކުވާ ހުށަހަޅެމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން، އީސީ އިން ހުޅުވާލައިފި އެވެ.
އީސީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 3:00 އަށް އޮންނާނެ ކަމަށެވެ. ޝަކުވާ ހުށަހަޅާއިރު މާލެއިން ޝަކުވާ ހުށަހަޅަން ޖެހޭނީ، ބާ ޖަމާލުއްދީންގައި ގާއިމްކޮށްފައިވާ އިންތިހާބާ ބެހޭ މަރުކަޒަށެވެ.
މާލެ ފިޔަވާ އެހެން ރަށްތަކުން ޝަކުވާ ހުށަހަޅަން ޖެހޭނީ އެރަށެއްގެ ކައުންސިލް އިދާރާއަށެވެ. ޝަކުވާ ހުށަހަޅަން ބޭނުންވާ ފޯމް އީސީގެ ވެބްސައިޓުންނާއި އެރަށެއްގެ ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ކަމަށް އީސީގެ އެއިއުލާނުގައި ވަނީ ބުނެފަ އެވެ.
މަޖިލީހުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު މިފަހަރު 264،589 މީހަކަށް ލިބެ އެވެ. މިހާރު އީސީއިން ވޯޓާސް ލިސްޓް އާއްމުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
މަޖިލިސް އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުން މިހާރު ވަނީ ފަސްކޮށްފަ އެވެ.