ކުޅިވަރު

ކެރިއާ ނިންމާލާނީ ޕޯޓޯގައި: ކަސިއަސް

ކެރިއާ ނިންމާލާނީ، އެފްސީ ޕޯޓޯގައި ކަމަށް، ސްޕެއިންގެ ކީޕަރު އިކާ ކަސިއަސް ބުނެފި އެވެ.

ރެއާލް މެޑްރިޑްގައި 25 އަހަރު ހޭދަ ކުރުމަށް ފަހު، ކަސިއަސް ޕޯޓޯއަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ. ރެއާލް މެޑްރިޑްގެ ޓީމުގައި، ފުރަތަމަ 11 އިން ފުރުސަތު ގެއްލޭން ފެށުމުން ރެއާލުން ޕޯޓޯއަށް ކަސިއަސް ދޫކޮށްލި އެވެ.

ޕޯޓޯއާ އެކު ތިން ވަނަ ފަހަރަށް ކޮންޓްރެކްޓް އާ ކުރާ ކަސިއަސް، 2021 ވަނަ އަހަރާ ހަމައަށް އެ ޓީމުގައި މަޑުކުރާނެ އެވެ. އޭރު އޭނާގެ އުމުރުން 40 އަހަރު ފުރޭނެ އެވެ.

ކަސިއަސް ބުނީ، ޕޯޓޯގެ ރައިސް ޕިންޓޯ ޑަ ކާސްޓޯ، އޭނާ އާމެދު ކެމޭހިތިގޮތުން ޕޯޓޯއަކީ އޭނާގެ ދެ ވަނަ ގެ ކަމުގައި ވެފައިވާ ކަމަށެވެ.

"މި ހަފުތާގައި އަހަރެން ޕޯޓޯއާއެކު ކޮންޓްރެކްޓް އާ ކުރާނަން، އަހަރެންގެ އުމުރުން 40 ވަންދެން އަހަރެން ޕޯޓޯގައި ހުންނާނަން، އަހަރެން ރިޓަޔާ ކުރުން އެންމެ ގާތީ ޕޯޓޯގައި." މެއި މަހު 38 އަހަރު ފުރޭ ކަސިއަސް ބުންޏެވެ.

މި ސީޒަންގައި، ޕޯޓޯއާ އެކު އޭނާ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ޔޫއެފާ ޗެމްޕިއަންސްލީގުގެ ކްއާޓާ ފައިނަލަށް ޕޯޓޯ ގެންގޮސްދިނުމުގައި ކަސިއަސް ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. ޔޫރޯ 2016 އަށް ފަހު ކަސިއަސްއަށް ސްޕެއިންގެ ގައުމީ ޓީމުން ޖާގައެއް ނުލިބެ އެވެ. މިހާރު އޭނާ ދައްކާ މޮޅު ކުޅުމާއެކުވެސް، ސްޕެއިންގެ ގައުމީ ޓީމުން އޭނާއަށް ފުރުސަތު ނުދޭތީ، ސްޕެއިންގެ ކޯޗް ލުއިސް އެންރީކޭ އަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

ޕޯޓޯގައި އޭނާ ކުޅުނު 149 މެޗުގެ ތެރެއިން 71 މެޗު ވަނީ ބައިކޮޅަށް ލަނޑެއް ވަނަނުދީ ފުރިހަމަ ކޮށްފަ އެވެ.