ދުނިޔެ

ކްރައިސްޓްޗާޗްގެ މިސްކިތުގައި މަރާލި މީހުންގެ ޖަނާޒާތައް ބާއްވަން ފަށައިފި

Mar 20, 2019

ކްރައިސްޓްޗާޗު (މާޗް 20) - މިދިޔަ ހުކުރު ދުވަހު ނިއު ޒީލެންޑުގައި ކްރައިސްޓްޗާޗުގައި ހުންނަ ދެ މިސްކިތަކަށް ދިން ހަމަލާގައި މަރުވި މީހުންގެ ޖަނާޒާތައް ބާއްވަން ފަށައިފި އެވެ.

ދެ މިސްކިތަށް ދިން ހަމަލާގައި މިހާތަނަށް 51 މީހުން މަރުވެފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައި ނިއު ޒީލެންޑުގައި ހިންގި އެންމެ ނުރައްކާތެރި ހަމަލާ އެވެ.

ޕޯސްޓްމޯޓަމަށްފަހު މަރުވި މީހުންގެ ހަށިގަނޑުތައް އާއިލާއާ ހަވާލުކުރެވުންދާއިރު، މިއަދު ދެ މީހެއްގެ ޖަނާޒާ ބާއްވާނެކަމަށް ކަމާބެހޭ އިދާރާއިން ބުނެފައިވެ އެވެ. އޭގެ ތެރޭގައި މީގެ ހަ މަސް ކުރިން ސީރިއާ އިން ހިޖުރަކުރި ދެ ބަފައިން ކަމުގައިވާ 15 އަހަރުގެ ހަމްޒާ މުސްތަފާ އާއި އޭނާގެ ބައްޕަ ޚާލިދު، 44 މިއަދުގެ ވަގުތެއްގައި ފަސްދާނު ލެވޭނެ އެވެ. އެ ހަމަލާގައި ހަމްޒާގެ ކޮއްކޮ ޒައިދު، 13 ވެސް ވަނީ ޒަހަމްވެފަ އެވެ.

އެ ޖަނާޒާތަކުގައި ބައިވެރުވުމަށް އެކި ސަރަހައްދުތުކަން މީހުން ވަނީ ޖަމާވާން ފަށައިފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، މިއަދުގެ ވަގުތެއްގައި 30 މީހެއްގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަމަލާދިން ފަހުން މިހާރު ފަސް ދުވަސް ފާއިތުވެފައިވާއިރު، ހަށިގަނޑުތައް ހަވާލުނުކޮށްގެން ގިނަ އާއިލާތަކުން ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށައިފަ އެވެ.

"މަރުވި މީހަކު ނުބައި އާއިލާއަކަށް ހަވާލުކުރެވިއްޖެނަމަ އެއީ މައާފު ނުކުރެވޭނެ ކަމެއް. އަޅުގަނޑުމެން މެދުކެނޑުމެއްނެތި މަރުވި މީހުންގެ ހަށިގަނޑުތައް އައިޑެންޓިފައި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީކަން އަރުވަން،" ޕޮލިސް ކޮމިޝަނަރު މައިކް ބުޝް ނޫސްވެރިންނަށް ވިދާޅުވެފައިވެ އެވެ.

އެ ރަހުމްކުޑަ ހަމަލާގައި، އިތުރު 29 މީހަކަށް އަދިވެސް ފަރުވާ ދެމުން އަންނައިރު، އޭގެ ތެރެއިން އަށް މީހަކު އޮތީ ސީރިއަސް ހާލުގަ އެވެ.

އެ ހަމަލާއާ ގުޅިގެން، އޮސްޓްރޭލިއާއަށް ނިސްބަތްވާ 28 އަހަރުގެ ބްރެންޓަން ޓަރަންޓް ވަނީ ހައްޔަރުކޮށްފަ އެވެ. ބްރެންޓަންއަށް ވަނީ ގަސްދުގައި މީހަކު މަރާލުމުގެ އެއް ދައުވާކޮށްފަ އެވެ.

ފުރަތަމަ ދުވަހު ކޯޓަށް ހާޒިރުކުރިއިރު، ބްރެންޓަންގެ މޫނުމަތިން ފެނުނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ.