އިލެކްޝަންސް ކޮމިޝަން

ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ބަންދުކޮށްފި

އަންނަ އެޕްރީލް މަހު ބާއްވާ، މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު އިތުރަށް ނުދިނުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އީސީއިން މިހެން ބުނީ މަޖިލިސް އިންތިހާބުގައި ވޯޓު ލުމަށް ބޭނުންކުރާ ވޯޓު ކަރުދާސް ޕްރިންޓު ކުރުމުގެ މަސައްކަތް ކުރުމަށް އިއްޔެ ބަޔަކާ ހަވާލު ކޮށްފައި ވާތީ އެވެ.

ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު އިއްޔެ ބަންދު ކުރި އިރު، ގެމަނަފުށި ދާއިރާއަށް ލޭބާ ޕާޓީގެ ޓިކެޓުގައި ވާދަކުރާ މުހައްމަދު އިލްހާމް އާއި ހިތަދޫ މެދު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރާ ޒާހިދު ރަމީޒު އަދި އދ. މަހިބަދޫ ދާއިރާއަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓް އަލީ އަހުމަދު ވަނީ ނަން އަނބުރާ ގެންދަވައިފަ އެވެ.

މިފަހަރު މަޖިލިސް އިންތިހާބުގައި 87 އަށް ދާއިރާއަކަށް 395 ކެންޑިޑޭޓުން ވާދަ ކުރާނެ އެވެ. މަޖިލީހުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު މިފަހަރު 264،589 މީހަކަށް ލިބެ އެވެ. އިލެކްޝަން ކޮމިޝަނުން ފައިނަލް ވޯޓާސް ލިސްޓް އާއްމުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

އީސީއން މިއަދު ވަނީ ފައިނަލް ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފަހު ފުރުސަތު މާދަމާގެ ނިޔަލަށް ދީފަ އެވެ.
މަޖިލިސް އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުން މިހާރު ވަނީ ފަސްކޮށްފަ އެވެ.