ހަބަރު

ބޯހިޔާވަހިކަން ޔަގީންވާނެ ކަމަށް ދެއްކުމަކީ ކޮރަޕްޝަނެއްނޫން: އެމްޑީޕީ

އެމްޑީޕީގެ އެޖެންޑާ 19 އިން ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ވެގެންދާނެ ކަމަށާއި ކެނޑިޑޭޓުން އެ ވާހަކަ ދެއްކުމަކީ ކޮރަޕްޝަނެއް ނޫން ކަމަށް އެ ޕާޓީއިން ބުނެފި އެވެ.

"ވެށިފަހި މާލެ" ޕްރޮގްރާމްގައި ބައިވެރިވެ ފްލެޓް ނުލިބިވާ މީހުނަށް މިރޭ ގޯތި ހަވާލު ކުރާ ކަމަށް ބުނެ އެމްޑީޕީ އޮފީހާއި އެ ޕާޓީން މާލޭގެ ދާއިރާތަކަށް ކުރިމަތި ލައްވާފައިވާ ބައެއް ކެންޑިޑޭޓުންގެ އޮފީސްތަކާއި ޖަގަހަ ތަކުން ދާއިރާތަކުގެ މީހުނަށް ގުޅައި ގޯއްޗާ ހަވާލުވާން ދާން ވަނީ އަންގާފަ އެވެ.

ފޯން ކޯލެއް މެދުވެރިކޮށާއި ސީދާ ބައްދަލު ކޮށްގެން ޔަގީންކަން ދެނީ 2011 ވަނަ އަރު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ތިން ކެޓަގަރީއަކަށް ގެންދިޔަ "ވެށިފަހި މާލެ" ޕްރޮގްރާމްގައި އެ ފަރާތަށް ފްލެޓެއް ނުވަތަ ގޯއްޗެއް ލިބޭނެ ކަން ކަށަވަރުވެފައި އޮތް ކަމަށެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވުމުން ނުލިބި އޮތް އެ ގޯތި މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އެކަންކަމާއި ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެގޮތުން އެމްޑީޕީއިން ފްލެޓް ޔަގީންކަން ދެމުންދާ ކަމަށް ބުނެ ހިންގަމުން ދަނީ ކޮރަޕްޝަންގެ އަމަލުތަކެއް ކަމަށް ބައެއް ފަރާތްތަކުންދަނީ ތުހުމަތު ކުރަމުންނެވެ.

ނަމަވެސް އެމްޑީޕީ އިން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެޕާޓީ އިން ސިލްސިލާކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުގައި އެޕާޓީގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފު ވިދާޅުވީ، މިރޭ އޮންނާނީ ވެހިފަށި ޕްރޮގްރާމާއި ގުޅޭ ގޮތުން މައުލޫމާތު ދިނުން ކަމަށާއި މައުލޫމާތު ދެއްވާނީ ކުރީގެ ރައީސް ނަޝީދާއި މާލޭ މޭޔަރު ޝިފާ މުހައްމަދު ކަމަށެވެ.

"ބައެއް މީޑިއާތަކުގެ ހެޑްލައިންތަކުންނާއި ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކުގައި ބައެއް އޮޅުންތައް އެބަހުރި، މިރޭ އޮންނަ އިވެންޓަކީ އެއްވެސް ގޯއްޗެއް، ފެލެޓެއްދޭން އޮތް އިވެންޓެއް ނޫން،" އަފްްޝަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީ އަކީ ސިޔާސީ ޕާޓީއެއް ކަމަށާއި ގޯއްޗާއި ފްލެޓް ދިނުމަކީ އެއްވެސް ޕާޓީއަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓުން ފްލެޓާއި ގޯތި ޔަގީންކޮށްދޭ ކަމަށްބުނެ ޝަކުވާތައް ވެސް ލިބެމުންދާ ކަމަށެވެ.

އެމްޑީޕީގެ ކެނޑިޑޭޓުން ޕްރޮމޯޓް ކުރަމުންދަނީ އެޖެންޑާ 19 ކަމަށެވެ. އެޖެންޑާ 19 ގެ ބޯހިޔާވަހިކަމުގެ ސިޔާސަތަކީ ސަރުކާރުގެ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަން ޔަގީންކޮށްދިނުމަށް ކަނޑައަޅާފައިވާ ސިޔާސަތުތަކެއް ކަމަށާއި އެއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތަކަށް މަޖިލީހުން ބާރުވެރި ކުރުމަށް ހުށަހަޅާފައިވާ ސިޔާސަތުތަކެއް ކަމަށްވެސް އަފްޝަން ވިދާޅުވި އެވެ.

"ރައީސް ތަކުރާރުކޮށް ވިދާޅުވެފައިވަނީ ސަރުކާރުގެ އަމާޒަކީ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަމާއި ގެދޮރުވެރިކަން މި ފަސް އަހަރުގެ ދައުރުގައި ޔަގީންކޮށްދިނުން، އަދި ފްލެޓާއި ގޯތި ހައްގުވާ ހުރިހާ ފަރާތްތަކަށް ފްލެޓާއި ގޯތި ލިބޭނެ ކަމަށް ވިދާޅުވޭ، އެމްޑީޕީ ކެނޑިޑޭޓުން މިވާހަކަ ދައްކަވާނެ، އެޖެންޑާ 19 ގެ ސިޔާސަތުތަކުން ބޯހިޔާވަހިކަމާއި ގެދޮރުވެރިކަން ކަށާވަރު ކުރާނެކަމަށް ވިދާޅުވުމަކީ މައްސަލައެއް ނުވަތަ ކޮރަޕްޝަން ކަމަށް ގަބޫލެއް ނުކުރެވޭ،" އަފްޝަން ވިދާޅުވި އެވެ.

ކުއްލި ގޮތަކަށް ގޯތި ހަވާލު ކުރުމަށް މާދަމާ މިރޭ ބާއްވާ ރަސްމިއްޔާތަކަށް ދަރުބާރުގެއަށް ދާން އެދޭ ކަމަށް ބުނާ ފޯންކޯލްތަކެއް އިއްޔެ ވަނީ އާންމުވެފައި އެވެ. އޭގެ ތެރެއިން ދެ ތިން ކޯލެއްގެ އޯޑިއޯ ކްލިޕް ބައެއް ފަރާތްތަކުން އެމީހުންގެ ނަން ހަމަ ނުކުރުމަށް އެދި އަވަސް އަށް ވަނީ ފޮނުވާފަ އެވެ.

އޭގެ ތެރެއިން ދެ މިނެޓް 12 ސިކުންތުގެ ކޯލެއްގައި އަންހެނަކު ސުވާލު ކުރަނީ 2011 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުން ހިންގި ވެށި ފަހި މާލެ ޕްރޮގްމްގައި ބައިވެރިވެ ވަޑައިގަތީން ތޯއެވެ؟

ދެން އަހަނީ އެމްޑީޕީގައި އޮތް ލިސްޓަކަށް ބަލާއިރު ފްލެޓް ނޫނީ ގޯތި އެ ފަރާތަށް ލިބޭ ކަމަށް އެ ލިސްޓުން ދައްކާ ކަމަށާއި އިޝާރާތް ކުރާ ލިސްޓަކީ "ގޯތި ޔަގީނުން ލިބޭ ލިސްޓެއް" ކަމަށެވެ. އަދި އެފަރާތަކީ ގޯތި ލިބޭ ފަރާތް ކަށްވުުމުން މި މަހުގެ 20 ވަނަ ދުވަހުގެ ރޭ 9:00 ޖަހާއިރު ދަރުބާރުގެއަށް ގޮސް ގޯއްޗާ ހަވާލުވާން ޖެހޭނެ ކަމަށެވެ.

ފޯން ކޯލް ރައްދުވި ފަރާތުން ވެސް ސުވާލުތަކެއް ކުރުމަތި ކުރުވަ އެވެ. އެގޮތުން ފުރަތަމަ "ތިޔައީ ކޮން ފަރާތެއްތޯ" އަހައެވެ. އެ ސުވާލުގެ ޖަވާބުގައި ފޯނު ކުރި ފަރާތުން ވަނީ އެއީ އެމްޑީޕީގެ އޮފީހުން ކަމަށް ކަށަވަރުކޮށްދިނުމާއެކު "ތިޔައީ .... ނޫންތޯ؟ ދެ މީހުން ދަންނަމެއް ނޫންތޯ؟" ވެސް އަހާފަ އެވެ.

އޭގެ ފަހުން އެމީހާ "އެކަމަކު މިހާރު ގޯއްޗާއި ފްލެޓް ދެނީ އެމްޑީޕީގެ އޮފީހުންތޯ؟" ސުވާލު ކުރެ އެވެ.

މި މައްސަލަ އިއްޔެ ފެންމަތިވި އިރު މާލޭގެ ރައްޔިތުންނަށް ގެދޮރު ހޯދައިދިނުމަށް ހައުސިންގެ ބޮޑު މަޝްރޫއުއެއް އިއުލާން ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޯމަ ދުވަހު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ވެށިފަހި މާލެ ޕްރޮގްރާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓާއި ގޯތި ނުލިބި ތިބި މީހުންނަށް ހުޅުމާލެ ޔޫތު ސިޓީން ގޯތި ހަމަޖައްސައިދޭނެ ކަމެއް ރަސްމީ ސިފައެއްގައި މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.