ހަބަރު

ދައުލަތުގެ ބަޖެޓް 10 ބިލިއަން ޑޮލަރަށް ހަދަން ވަކާލާތު ކުރާނަން: ޖާބިރު

Mar 20, 2019
7

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރައްވަން ބޭނުންވާ އެންމެ ބޮޑު އަދި އެންމެ މުހިންމު އެއް ކަމަކީ ދައުލަތުގެ ބަޖެޓް 10 ބިލިއަން ޑޮލަރަށް ބޮޑުކޮށް، ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭން ވަކާލާތު ކުރުން ކަމަށް ކާށިދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ އަބުދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރުކަން ވެސް ކުރައްވާފައިވާ ޖާބިރު "އަވަސް" އަށް ވިދާޅުވީ، ލިބިފައިވާ ތަޖުރިބާއާއި، ހާއްސަކޮށް މަޖިލީހުން ލިބިފައިވާ ތަޖުރިބާގެ އަލީގައި އެކަން ކުރާނެ ގޮތްވެސް ތަސައްވަރު ކުރައްވާފައިވާ ކަމަށެވެ. އެކަން ކުރާނީ ޓުއަރިޒަމް ބޮޑުތަނުން ހުޅުވާލައި، މަސްވެރިކަން ކޮމާޝިއަލީ ކުރަން ހުޅުވާލާ، ރާެއްޖޭގެ ހުރި ރަށްތައް ބޭނުންކޮށްގެން އެ ރަށްތަކުގައި ހުރި ގުދުރަތީ ވަސީލަތްތައް ފަޅުތަކާއި، ގިރިތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި ބެހެއްޓުމަށްޓަކައި އޭގެ އެންވައިރޮމެންޓް ކޮންޑިޝަންސްތައް ރަނގަޅަށް މެއިންޓެއިން ކުރުން ފަދަ ކަންކަމުން ކަމަށެވެ.

ޖާބިރު ވިދާޅުވީ، މަޖިލީހުގައި ހުންނަވައިގެން ކުނި ނައްތާލުމަށް ހާއްސަ ސަމާލުކަމެއްދީ، މާލެއަށް މީހުން ގިނަ ވަމުންދާ ދިއުމަށް ހައްލުގެނެސް ރާއްޖޭގެ ކަންކޮޅުތަކުގައި މީހުންނަށް ފަސޭހަކަމާއެކު ދިރިއުޅެވޭނެ ގޮތް ހަދައި، މާލެއަށް އަންނަންޖެހޭ ބޭނުންތައް ކުޑަކޮށް، ރާއްޖޭގެ ރަށްތައް ސިޓީތަކުގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ދައުލަތުން ކުރަންޖެހޭ ކަންކަން ތަރުތީބު ކުރުމަށްޓަކައި ގާނޫނުތަކަށް ބަދަލު ގެންނާނެ ކަމަށެވެ.

މީގެ އިތުރުން، ދަރަންޏަށް ޒިންމާވާންޖެހޭ ގޮތް ހަދައި، ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކާއި ގުޅިގެން ހުއްޓިފައިވާ ވިޔަފާރިތަކަށް ފަރުވާއެއް ހޯދުމަށްޓަކައި ގާނޫނުގެ ތެރެއިން އާބިޓްރޭޝަން ނިޒާމެއް ގާއިމްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޖާބިރު ވަނީ ވިދާޅުވެފަ އެވެ.

"ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އުފާ ފާގަތިކަމާއި، މަންފާ ހޯދައި ދިނުމަށް ރައްޔިތުން ތިބި ތަނެއްގައި ތިބެ އެންމެނަށް އެއް ހަމައެއްގައި ހިދުމަތް ލިބޭނެ ނިޒާމެއް ގާއިމް ކުރުމަށްޓަކައި ރާއްޖޭގެ ޓުއަރިޒަމް ފުޅާ ދާއިރާއެއްގައި ހުރިހާ ދިމާލަކަށް ހުޅުވާލުން. ވަކި ދިމާލަކަށް ހާއްސަވެފައި އޮތް ޓުއަރިޒަމް މުޅި ރާއްޖެއަށް ޑިސްޓިރިބިއުޓްކޮށް، ގެސްޓްހައުސްތަކާއި، ރިސޯޓްތަށް ދިވެހިންގެ އަތުގައި ބެހެއްޓުމަށްޓަކައި ފައިނޭންސް އަގުހެޔޮކޮށް ލިބޭނެ އޮފްޝޯ ބޭންކިން ނިޒާމެއް ގާއިމް ކުރަން މަސައްކަތް ކުރާނަން" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިކޮނޮމިކް ސްކޭލް ބަދަލުކޮށް، ރާއްޖެއިން ބޭރުގެ ދަރަންޏަށް ބަރޯސާވާން ނުޖެހޭ ގޮތަށް ދައުލަތަކީ ފުދުންތެރި ދައުލަތަކަށް ހެދުމަށްޓަކައި އަދި ރައްޔިތުން ފުދުންތެރި ކުރުމަށްޓަކައި 10 ބިލިއަން ޑޮލަރުން އޮޕަރޭޓް ކުރާ ގައުމަކަށް ރާއްޖެ ހެދުމަށް ކުރައްވަންޖެހޭ ކަންކަން ކުރައްވާނެ ކަމަށާއި، މަޖިލީހުގެ ރައީސް ކަމުގެ މަގާމު ހޯދައި މަޖިލީހަކީ ނަޒާހަތްތެރި ތަނަކަށް ހައްދަވާނެ ކަމަށެވެ.