ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަކީ ސިޔާސީ އެއްވެސް ނުފޫޒެއް ނުރޯރާ މިނިވަންކަމާއެކު މަސައްކަތް ކުރާނެ ތަނަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާއަށް ވާދަކުރައްވާ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީ އަބުދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާ މީގެ ކުރިންވެސް ތަމްސީލު ކުރައްވާފައިވާ ޖާބިރު އެ މަޖިލީހާއި މެދު ގެންގުޅުއްވާ ތަސައްވަރާއި ގުޅޭގޮތުން "އަވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މަޖިލީހުގެ ރައީސްއަކީ ޖޭއެސްސީގައި އިންނަވަންޖެހޭ ބޭފުޅެއް ނޫން ކަމަށާއި، އެކަން ބަދަލުކޮށް، ޖޭއެސްސީ އަކީ ނަޒާހަތްތެރި ތަނަކަށް ހެދުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެކޮމިޝަނަކީ ސިޔާސީ އެއްވެސް ބޭފުޅަކު އިންނަވަން ޖެހޭ ތަނެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، އެމަގަށް އެކަން ބަދަލު ކުރުމަށް މަޖިލީހުގެ ތެރެއިން ގާނޫނު ތަކަށް ބަދަލު ގެންނަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
"ސަރުކާރުގެ އޮނިގަނޑު ތެރެއިން ސަރުކާރަށް ކޮންމެހެން ބޭނުންވާ މުވައްޒަފުން ފިޔަވާ އެނޫން ސިޔާސީ މަގާމްތަކުގައި މީހުން ނުބޭތިއްބޭ ގޮތަށް ގާނުނުތައް ބަދަލުކުރުމާއި، ދިވެހި ރާއްޖޭގެ އެކޮނޮމީއަށް ގެއްލުން ނުވާގަޮތަށް މިހާރު 15 ރުފިޔާއަށް ހުރި ޑޮލަރު 10 ރުފިޔާއަށް ލިބޭނެ ގޮތް ހަދައިދީ، ރައްޔިތުންނަށް ލިބޭނެ ނަފާތައް އިތުރު ކުރުމަކީ އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް މިދާ ސަބަބުތަކަކީ" ޖާބިރު ވިދާޅުވި އެވެ.
ޖާބިރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ހުރި ވަސީލަތްތަކުގެ ބޭނުން ނުކޮށް ދައުލަތުގެ ދަރަނި ބޮޑު ކުރަމުންދާ ދިއުމަށް ނިމުމެއް ގެންނާން ޖެހޭ ކަމަށެވެ.
"ރާއްޖެ މި އޮޕަރޭޓް ކުރަނީ މާ ދަށުން. މި ރާއްޖޭގައި ހުރި ވަސީލަތްތަށް ބޭނުން ނުކޮށް، އަވައްޓެރި ގައުމުތަކަށާއި، ޖެހިގެން ހުންނަ މީހާއަށް ދަރާ އޮންނަ އުސޫލު ދޫކޮށްލާށޭ. އެެއީއޭ ރައްޔިތުންގެ މަޖިލީހުން ރައްޔިތުންނަށް ކޮށްދޭނެ ޖެހޭ ކަމަަކީ. އެކަމަަށްޓަކައި ގަނޫނީ އޮނޮގަނޑު ބަދަލުކުރަން މި އަންނަނީ" ޖާބިރު ވިދާޅުވި އެވެ.
ޖާބިރު އިތުރަށް ވިދާޅުވީ، ރިޔާސީ ނިޒާމަކީ ކޯލިޝަން ހެދޭ ނިޒާމެއް ނޫން ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާކަމަަށްވާނަމަ، ވެރިކަން ކުރާ ނިޒާމް ރިޔާސީ އަކުން ބަރުލަމާނީއަކަށްވެސް ބަދަލު ކުރަން ޖެހޭ ކަމަށެވެ.