ހަބަރު

ޖޭއެސްސީން ނަޝީދު އިސްތިއުފާ ދެއްވަން ޑީއާރުޕީން ގޮވާލައިފި

Aug 8, 2020
7

ޖުޑީޝަރީގެ މިނިވަންކަމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމަށް ޑީއާރުޕީން ގޮވާލައިފި އެވެ.

ޑީއާރުޕީން މިއަދު ބުނި ގޮތުގައި، މިދިއަ ރިޔާސީ އިންތިހާބުގެ އިތުރުން މަޖިލީސް އިންތިހާބުގައި ވެސް ރައްޔިތުން އެމްޑީޕީއަށް ވޯޓުދިނީ ޖުޑީޝަރީ މިނިވަން ކުރުމުގެ ވައުދު ތަންފީޒުކުރުމަށް ކަމަށެވެ.

"ނަމަވެސް މިއަދު މި ފެންނަނީ އެމްޑީޕީގެ ރައީސް ނަޝީދު ޖޭއެސްސީގައި އިންނަވައިގެން ޖުޑީޝަރީ ހިސޯރުކޮށްފައިވާ މަންޒަރު،" އެކަން ބަލައިނުގަނެވޭނެކަމަށް ބުނެ ޑީއާރުޕީން ތުހުމަތުކުރި އެވެ.

އެގޮތުން، ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގޮވާލައްވަނީ ޖުޑީޝަރީ މިނިވަން ކުރުމަށްޓަކައި، ނަޝީދު ޖޭއެސްސީން އިސްތިއުފާ ދެއްވައި، އެ ކޮމިޝަނުގައި އެއްވެސް ސިޔާސީ މީހަކު ނުހިމެނޭ ގޮތަށް ގާނޫނު އިސްލާކުރަންކަމަށް އެ ޕާޓީން ބުންޏެވެ.

"ނޫންނަމަ، މަޖިލިސް ތަމްސީލުކުރާ ހުރިހާ ސިޔާސީ ޕާޓީއެއްގެ ލީޑަރުން ޖޭއެސްސީގައި ހިމަނަން ގޮވާލަން،" އެ ޕާޓީން ބުންޏެވެ.

ޖޭއެސްސީގައި މަޖިލީހުގެ ރައީސްއާއި، މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ރައީސް ކަނޑައަޅާ މެންބަރަކާއި، ބަންޑާރަ ނައިބު އިންނަވަން ޖެހެ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުގެ ފަނޑިޔާރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ވަކީލަކު އިންނަވަން ޖެހެ އެވެ.

މިހާރު ކޮމިޝަންގެ ރައީސްއަކީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެވެ. ނައިބު ރައީސް އަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެންބަރު މަސްތޫރު ހުސްނީ އެވެ. ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން އާއި، ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރެވެ.

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް އިންތިހާބުކޮށްފައިވާ މެންބަރަކީ ފަނޑިޔާރު އަލީ ޝަރީފް އެވެ. ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް އިންތިހާބުކޮށްފައި ހުންނަވާ މެންބަރަކީ އަބްދުލް މާނިއު ހުސައިނެވެ.

މި ސަރުކާރު އައުމުގެ ކުރިން ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނާއި މަޖިލީހުގައި މިހާރު ވެސް ތިއްބެވި ގިނަ މެންބަރުން އެންމެ ހަރު އަޑުން ދެއްކެވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ ވާހަކައެވެ. ނަމަވެސް ވެރިކަން ލިބި، މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުން އެ އަޑުކެނޑި ވަނީ ކެނޑިފައެވެ.

އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް ލިބިފައި އޮތްއިރު، ކުރިން ޖޭއެސްސީ އޮތް އެކުލެވުމާއެކު ޖޭއެސްސީގެ މަސައްކަތްތައް ކުރިއަށް ދާތީ އެ ޕާޓީއަށް ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ. އަދި ޖޭއެސްސީގައި ނަޝީދު އިންނަވައިގެން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ތުހުމަތު ވެސް ކުރެ އެވެ. ނަމަވެސް އެ ތުހުމަތުތައް ދޮގުކޮށް ޖޭއެސްސީއިން ދުރަށް ވަޑައިގަތުމަކީ ގައުމަށް ލިބޭނެ އެންމެ ބޮޑު ދެރަ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.