ހަބަރު

ދޯނި ހަވާލުކުރަން އަމުރުކުރި ގާޒީގެ މައްސަލަ ޖޭއެސްސީއަށް

Oct 27, 2020
3

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ރިޗްކްލަބް މޯލްޑިވްސް އިން އިންސްޓޯލްމަންޓަށް ގަތް "ފަސްކުރި" މަސް ދޯނި، އޭގެ ވެރިފަރާތާ ހަވާލު ކުރަން ލ. ގަމު މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނީ އިޖުރާއަތްތަކާ ހިލާފަށްކަމަށް ބުނެ، އެ ކޯޓުގެ އިސް މެޖިސްޓްރޭޓުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅައިފި އެވެ.

ދޯނީގެ ވެރިފަރާތުން ހުށަހެޅި މައްސަލައިގައި އެދިފައިވަނީ، ދޯނީގެ އަގާއި އިންޖީނުގެ އަގު ދެއްކުމަށް ރިޗްކްލަބް މޯލްޑިވްސް އިން ހިލާފު ވެފައިވާ ދުވަހުން ފެށިގެން އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް ކަނޑައަޅައިދިނުމަށެވެ. އޭގެ އިތުރުން، ދޯނީގެ ވެރިފަރާތާއި ދޯނި ހަވާލުކުރުމާ ހަމައަށް ކުލީގެ ގޮތުގައި އެ އުޅަނދަށް ފައިސާ ދައްކަން ޖެހޭކަން ކަނޑައަޅައިދިނުމަށް ވެސް އެދިފައިވެ އެވެ.

އެ ކަންތައްތަކަށް ރިއާޔަތްކޮށް، ގަމު މެޖިސްޓްރޭޓް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ، ދޯނީގެ މައްސަލަ ވަކިގޮތަކަށް ނިމުމުގެ ކުރިން ފަސްކުރި ދޯނީގެ ވެރިފަރާތުގެ ހުއްދަނެތި އެއްވެސް މީހަކު އެ އުޅަނދަށް އަރައި ފޭބުމާއި ދޯނީގައި ތިން ވަނަ ފަރާތެއް ތިބުމަކީ އިދުރީސް އަށް އިއާދަނުކުރެވޭ ބޮޑު ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ޝަރީއަތަށް ފެންނަ ކަމަށެވެ.

އެހެންވެ ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ފަސްކުރި ދޯންޏާއި އެ ދޯނީގައި ހުރި ތަކެތި ވަގުތުން ހަވާލުކުރަން ރިޗްކްލަބް މޯލްޑިވްސްގެ މައްޗަށް އަމުރުކޮށްފައި ވެ އެވެ.

އެކަމާ ގުޅިގެން ރިޗްކްލަބް މޯލްޑިވްސްގެ ފަރާތުން ޖާބިރު ސޮއި ކުރައްވައި، ޖޭއެސްސީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އެ މައްސަލަ ދޯނީގެ ވެރިފަރާތުން ކޯޓަށް ހުށަހަޅާފައި ވަނީ ތޫނު ހަތިޔާރާއެކު ބަޔަކު އަރައި، ދޯންޏާއި، އޭގައި ތިބި މީހުންނާއި މުދާ ހައިޖެކުކޮށް ހިންގި ޓެރަރިޒަމްގެ އަމަލު ދިފާއު ކުރުމަށް ކަމަށެވެ.

އަދި ދޯނީގެ ވެރިފަރާތާއި ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓާ ނަހަމަ ގޮތުގައި ގުޅިގެން، އެ އަމަލު ދިފާއުކުރުމަށް ވަގުތީ އަމުރު ނެރެދީފައިވަނީ އެފަދަ މައްސަލަތަކުގައި އަމަލު ކުރަން އޮންނަ އިޖުރާއަތްތަކާއި އުސޫލުތަކާ ހިލާފަށް، އެ މައްސަލާގައި ރިޗްކްލަބް މޯލްޑިވްސްއަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދީކަމަށް އެ ސިޓީގައި ވަނީ ތުހުމަތުކޮށްފަ އެވެ.

"މި މައްސަލަ ބައްލަވައި، އަމުރު ނެރެދެއްވި އިސް މެޖިސްޓްރޭޓް އަބްދުލްފައްތާހު އަބްދުލްޣަފޫރާމެދު ތިޔަ ކޮމިޝަނުން އެޅުއްވެން ހުރި ފިޔަވަޅުތައް އަޅުއްވައި، ހައްދުންމަތީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލަ އިންސާފުވެރިކަމާއެކު ބެލޭނެގޮތުގެ މަތިން މާލޭގެ ކޯޓަކަށް ތަހުވީލުކޮށް ދެއްވުމަށް އެދި ދެންނެވީމެވެ،" އެ ކުންފުނިން ޖޭއެސްސީގައި އެދިފައިވެ އެވެ.

އެ ދޯންޏަށް ތޫނު ހަތިޔާރާއެކު ތިރީހަކަށް މީހުން އެރި ކަމަށް އެ ދޯނިން ވަނީ މައުލޫމާތު ދީފައި ވެއެވެ. އަދި އެމީހުން އަރާ ދޯނީގެ ކެޕްޓަނަށް ވަޅިން ބިރު ދައްކައި އެމީހުން ބޭނުންވާ ތަނަކަށް ދޯނި ގެންދިޔުމަށް އެދުނެވެ. އަދި ދޯނީގައި ދެން ތިބި ފަޅުވެރިންނަށް ވެސް ބިރު ދައްކައި އެމީހުންގެ އިރުޝާދުތަކަށް ތަބާވާން އެންގި ކަމަށް ވެސް ބުނެ އެވެ.

އެ ދޯންޏަށް އެމީހުން އެރުވި ކަމަށް ބުނާ ތޫނު ހަތިޔާރުތައް ފުލުހުން ވަނީ ގެންގޮސްފަ އެވެ. އަދި އެ ކަމުގައި ފިޔަވަޅު އަޅަންޖެހޭ ބަޔަކަށް ފިޔަވަޅު އަޅާނެ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ.

އެ މައްސަލާގައި ތިން މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާއިރު، ދޯނި ހައިޖެކް ނުކުރާ ކަމަށާއި އަދި އެއްވެސް މީހަކަށް ބިރު ނުދައްކާ ކަމަށް ދޯނީގެ ވެރިފަރާތުން ވަނީ ބުނެފަ އެވެ.