ހަބަރު

ރުކުމާއަށް އެކަނި ފާޑުކީ ކީއްވެ؟

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބުދުލް ކަރީމް (ރުކުމާ) އަށް އަމާޒު ކުރެއްވި ބަހުގެ ހަމަލާއާއެކު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުވެފައި ވެއެވެ. އަހުލާގީ މައްސަލައެއް ދުވަހަކުވެސް ދިމާވެފައި ނެތް ރުކުމާއަށް ނިސްބަތްކޮށް ނަޝީދު ވަނީ "އަހުލާގު ދަސްކުރަން" ރުކުމާއަށް ގޮވާލައްވާފަ އެވެ.

ނަޝީދުގެ ފާޑުކިޔުން ރުކުމާއަށް އަމާޒު ކުރެއްވީ އެމްޑީޕީގެ ޕްރައިމަރީއިން ބަލިވުމުން ވެސް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރައްވާތީ އެވެ. ނަޝީދު ވިދާޅުވާ ގޮތުގައި އެއީ ރުކުމާ ޕާޓީއަށްވި ވަރަަށް ބޮޑު ބޭވަފާތެރި ކަމެކެވެ.

"އަޅުގަނޑު ހެންވޭރު ދެކުނު ދާއިރާގެ ކެނޑިޑޭޓަށް، އަޅުގަނޑުމެންގެ ބަލިވި ކެނޑިޑޭޓް ރުކުމާ އަހުމަދަށް ދަންނަވާލަން ބޭނުން ވަނީ މާފުއްޓަށް ދުރުވެ މިތާ އުޅެލައްވަންވީ ނޫންތޯއޭ ދުވަސްކޮޅަކު [އޭރަށް] އަހުލާގު ރަނގަޅު ވެދާނޭ، ދުނިޔޭގައި އަޅުގަނޑުމެން ލެއްވީތީ ހަމަ އުޅޭކަށް ނުވާނޭ، ކޮންމެ ކަހަލަ ގޮތެއްވެސް އޮންނަންވާނެ، މާފުށީގެ ދަރީންގެ އެގޮތް އެބަހުރި، އެކަމަށްޓަކައި ޝުކުރު ދަންނަވަން،" ނަޝީދު އިއްޔެ ވިދާޅުވި އެވެ.

ރުކުމާގެ އިތުރުން ވެސް އެމްޑީޕީގެ ޕްރައިމަރީއިން ބަލިވި އެހެން ތިން ބޭފުޅަކު އިންތިހާބުގައި ވާދަ ކުރައްވަ އެވެ. އެއީ އިހަވަންދޫ ދާއިރާއަށް ވާދަކުރާ މުހައްމަދު އަބްދުﷲ އާއި ހިތަދޫ އުތުރު ދާއިރާއަށް ވާދަ ކުރާ އަހުމަދް މުހައްމަދު އަދި ކާށިދޫ ދާއިރާއަށް ވާދަ ކުރައްވާ އަބްދުﷲ ޖާބިރެވެ. އޭގެ ތެރެއިން ޖާބިރަކީ ޕްރައިމަރީއިން ބަލިވި މީހުންނަށް ވާދަ ކުރެވޭނެ ގޮތް ހަދަން ކޯޓަށް ވަޑައިގެންނެވި ފަރާތެވެ.

ނަމަވެސް ރައީސް ނަޝީދުގެ ފާޑުވިދާޅުވުން އައީ ހަމައެކަނި ރުކުމާއަށެވެ. ސީދާ ގޮތެއްގައި ރުކުމާއަށް އަމާޒު ކުރައްވާ ނަޝީދު އެ ގޮތަށް އަމަލު ކުރެއްވުމުން ބައެއް ފަރާތްތަކުން ވަނީ ނަޝީދަށް ވެސް ފާޑުކިއުންތައް އަމާޒުކޮށްފަ އެވެ.

ބައެއް ފަރާތްތަކުން ސިފަ ކުރާ ގޮތުގައި ރުކުމާގެ ނަން ބޭނުން ކޮށްގެން އެފަދައެ ވާހަކައެއް ދެއްކުމަކީ ސީދާ އެންޓި ކެމްޕެއިނެއް ކުރުމެވެ. އަދި އެއީ ރުކުމާގެ ހައްގަކަށް އަރައި ގަތުމެކެވެ.

ރުކުމާގެ ނަން ބޭނުންކޮށްފައި ޕްރައިމަރީގެ ބައްޔަށް ފަހު ވާދަ ކުރާ އެހެން ބޭފުޅުންނަށް ފާޑުވިދާޅު ނުވުމަކީ ބައެއް ފަރާތްތަކަށް ގަބޫލު ކުރެވުނު ކަމެއް ނޫނެވެ. ރުކުމާގެ ސަޕޯޓަރުން، ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައި ވެސް ވެއެވެެ.

އަހުލާހުގެ މި މައްސަލާގައި ތަފާތު ވާހަކަތައް އޮތް ނަމަވެސް އެމްޑީޕީއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ރުކުމާ ވިދާޅުވި ގޮތުގައި ނަޝީދުގެ އެ ވާހަކައާ ގުޅޭ ގޮތުން އޭނާ އެއްވެސް އެއްޗެއް ވިދާޅުވާކަށް ބޭނުމެއް ނުވެއެވެ.