މަޖިލިސް އިންތިހާބު 2019

ޕްރައިމަރީން ބަލިވި 4 ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރޭ

އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ޕާޓީތަކުން ވާދަކުރާ ފަރާތްތަކުގެ މެދުގައި ބޭއްވި ޕްރައިމާގައި ވާދަކޮށް ބަލިވި ހަތަރު ފަރާތަކުން މަޖިލިސް އިންތިހާބުގައި ވާދަކުރާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީއިން ބުނީ ޕްރައިމަރީން ބަލިވި ފަރާތްތަކުގެ ތެރެއިން މަޖިލިސްގައި ވާދަކުރާ ފަރާތްތަކަކީ، އިހަވަންދޫ ދާއިރާއަށް ވާދަކުރާ މުހައްމަދު އަބްދުﷲ، ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރާ އަހުމަދް މުހައްމަދު، ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރާ މުހައްމަދު އަބްދުލްކަރީމް އަދި ކާށިދޫ ދާއިރާއަށް ވާދަކުރައްވާ އަބްދުﷲ ޖާބިރު ކަމަށެވެ.

ޕްރައިމަރީން ބަލިވާ ފަރާތްތަށް މަޖިލިސް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ބުނާ މާއްދާ ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ކާށިދޫ ދާއިރާއަށް ވާދަކުރައްވާ އަބްދުﷲ ޖާބިރު ޕްރައިމަރީން ބަލިވުމުންނެވެ. ސުޕްރީމް ކޯޓުން ވަނީ ޖާބިރާ އެއްކޮޅަށް ހުކުމްކޮށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާ ބާތިލް ކުރި އެވެ. އަދި ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ފުރުސަތު އިތުރު ކުރުމަށް އަމުރު ކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމާއެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފަ ވަނީ އެމްޑިޕީ ޕްރައިމަރީގައި ވާދަކޮށް ބަލިވި ފަރާތްތަކުން ވާދަ ނުކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، އެގޮތަށް ވާދަކޮށްފިނަމަ އެ ފަރާތަކަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.