އިލެކްޝަންސް ކޮމިޝަން

ނަން އަނބުރާ ގެންދިޔައީ ތިން ކެންޑިޑޭޓުން: އީސީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވާދަކުރަން ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންގޮސްފައިވަނީ ތިން ކެންޑިޑޭޓަކު ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ނަން އަނބުރާ ގެންދިޔަ ތިން ކެންޑިޑޭޓުންނަކީ، އެމްޑީޕީގެ ފަރާތުން މަހިބަދޫ ދާއިރާއަށް ވާދަކުރަން ނިންމި އަލީ އަހްމަދް، އަމިއްލަ ގޮތުން ސ ހިތަދޫ މެދު ދާއިރާއަށް ވާދަކުރަން ނިންމި ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރު ޒާހިދް ޒަމީރް އާއި ލޭބާ ޕާޓީގެ ފަރާތުން ގެމަނަފުށީ ދާއިރާއަށް ވާދަކުރަން ނިންމި މުހައްމަދް އިލްހާމް އެވެ.

އިންތިހާބުގައި ވޯޓު ލުމަށް ބޭނުންކުރާ ވޯޓު ކަރުދާސްތަށް ޕްރިންޓް ކުރަން ހަވާލުކޮށްފައިވުމުން، މިއަދު އިލެކްޝަން އިން ވަނީ ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު ބަންދު ކޮށްފަ އެވެ.

މިފަހަރު މަޖިލިސް އިންތިހާބުގައި 87 އަށް ދާއިރާއަކަށް 395 ކެންޑިޑޭޓުން ވާދަ ކުރާނެ އެވެ. މަޖިލީހުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު މިފަހަރު 264،589 މީހަކަށް ލިބެ އެވެ. އިލެކްޝަން ކޮމިޝަނުން ފައިނަލް ވޯޓާސް ލިސްޓް އާއްމުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.