ކާނާ

ހަފުތާބަންދު: ފުރަން ފޮއްޓަށް އެއްޗެއްހި އަޅަންވީ!

މާދަމާ ހަފުތާ ބަންދު ފަށާނެ އެވެ. ހަފުތާ ބަންދު އައުމުން މިފަހަރު އެހެން އެއްވެސް ކަމެއް ކުރާނެ ކަމެއް ނެތެވެ. ފޮއްޓަކަށް އެއްޗެހި އަޅައިގެން ކޮންމެ ވެސް ރަށްރަށެއްގެ ހިތްފަސޭހަ ދިރިއުޅުމުގެ ތެރެއަށް ދާންވީއެވެ. މާލޭގެ ތޮއްޖެހުމާއި ހާސްކަމުން އެއްކިބާވެ މީހާގެ ބެޓެރީ ޗާޖްކޮށްލުމަށް ޖަޒީރާ ސާދާ ދިރިއުޅުން ވަރެއް ނޯންނާނެ އެވެ. ހަމަ މާދަމާ ފުރަންވީ އެވެ.

ގޮނޑުދޮށަށް ބީއްސާ ރާޅުގެ އަޑާއި ސާފުވަޔާއި ރީތި ދޮންވެލި ގޮނޑުދޮށްތައް އަދި ހަމަހިމޭންކަމާއި ހިތްފަސޭހަ ކަމެވެ. މިއީ ހަމަ ޔަގީނުން ވެސް ސްޓްރެސް ފިލައިގެންދާނެ ކަމެކެވެ. މީހާގެ ސްޓްރެސް ފިލުވާލައި ތާޒާވެލުމަށް މާ ދިގު ބްރޭކަށް ނަގާކަށް ނުޖެހެ އެވެ. ބޭނުންވަނީ "ލޯންގްވީކެންޑެ"ކެވެ. މިގޮތަށް ބްރޭކް ނަގާ މަޑުޖެހިލުމުން މީހާ އަލުން އަނބުރާ މަސައްކަތަށް ނުކުންނަ އިރު ހުންނަނީ ރީފްރެޝްވެފަ އެވެ. އަދި ރީޗާޖްވެފަ އެވެ.

މުޅި އަހަރު ދުވަހު މަސައްކަތްކުރުމަށްފަހު އަހަރީ ޗުއްޓީ ނަގައިގެން އެއްފަހަރު ގައުމުން ބޭރަށް ދިއުމުގެ ބަދަލުގައި މުޅި އަހަރުތެރެއަށް ޗުއްޓީ ދުވަސް ބަހާލާކަހަލަ ގޮތަކަށް ހެދުން ވެސް ބުއްދިވެރި އެވެ. އަބަދުހެން އެއް ކަމެއްގައި އެއް ރޫޓީންއެއްގައި އުޅުމަކީ ފޫހި ކަމެކެވެ. ގިނަ މީހުންނާއި ބައްދަލުކޮށް ވާހަކަ ދައްކާ ހެދުމަކީ ހިޔާލު ތަނަވަސްވާ ކަމެކެވެ. އަދި އެއިން އެކި އާ ތަޖުރިބާތައް ކުރަން ފުރުސަތު ހޯދައި ދެއެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިގޮތަށް ބަހާލައިގެން ޗުއްޓީ ނަގާ މީހުންގެ އުފާވެރިވުމާއި، ހިތްހަމަޖެހުން އަދި އެމީހުން ތިބެނީ ވަރަށް އެނަޖައިޒްވެފަ އެވެ. އަދި މި ކަހަލަ ކުޑަ ޗުއްޓީއެއް ހަދާނަމަ މާ ގިނަ ކަންތައްތައް ކުރުމަށް ރޭވުމުގެ ބަދަލުގައި ހަމަޖެހިލައިގެން ކުރެވޭނެ ކަންކަން ދުރާލާ ވިސްނާލާ ރާވާލުމުން ތެޅިފޮޅިގަނެގެން އުޅޭކަށް ނުޖެހޭނެ އެވެ.

މި ކަހަލަ ކުރު ޗުއްޓީއެއްގައި ރަށަކަށް ގޮސް ކުރާނެ ކަމެއް ނޯންނާނެއޭ ހިތަށް އަރާފާނެ އެވެ. އެހެން ނަމަވެސް ރަށުތެރޭގައި ބައިސްކަލް ދުއްވާލާ، މޫދަށް އެރި ފީނާލާ ނުވަތަ ގޮނޑުދޮށުގައި ޔޯގާއެއް ހަދާލުމުން މީހާއަށް ހިތްހަމަޖެހުން ގެނެސްދޭނެ އެވެ. މިއީ ހުސް ހަށިގަނޑަށް ކަސްރަތު ލިބޭ ކަންކަން ކަމުގައި ވުމުން މީހާގެ މޫޑު ރަނގަޅުވެ ހަށިގަނޑުން އެންޑޯފިންސް އިތުރުކޮށްދީ އުފާވެރިކަން ގެނެސްދޭނެ އެވެ.

މިގޮތަށް ނަގާ ޗުއްޓީއަށް އިންތިޒާރު ކުރުމަކީ ވެސް ސްޓްރެސް މަދުވާ ކަމެކެވެ. މީގެ އިތުރުން ޗުއްޓީ އިން އަނބުރާ އައިސް އެ ޗުއްޓީގެ ހަނދާންތަކުގެ ސަބަބުން މުސްތަގުބަލުގައި ވެސް ސްޓްރެސްވުމުން ދުރުކޮށް ދެއެވެ. ތަޖުރިބާކާރުން ބުނާގޮތުގައި ދަތި އުދަނގޫކޮށް މީހުން އުޅޭނަމަ މާޒީވެ ގޮސްފައިވާ ޗުއްޓީގެ ހަނދާންތައް އާ ކުރުމުން އަންނަ އުފާވެރި އިހުސާސްތަކުގެ ސަބަބުން ދަތި އުނދަގޫ ދުވަސްވަރާއި ކުރިމަތިލާން އެހީތެރި ވެދެއެވެ.

އަބަދު ބިޒީކޮށް މަސައްކަތްކުރުމުގެ ބަދަލުގައި ރައްޓެހިންނާއި އާއިލާއެކު ވަގުތު ހޭދަކޮށްލުމަކީ މަސައްކަތާއި ދިރިއުޅުމުގެ އެހެން ކަންކަން ރަނގަޅަށް ބެލެންސްކޮށްލަން ވެސް ލިބޭ ރަނގަޅު ފުރުސަތެކެވެ. އަދި މިގޮތަށް ވަގުތު ހޭދަކުރުމުން ގުޅުންތަށް ބަދަހިވުމުގެ ފުރުސަތު ލިބެއެވެ. ކުދިންނަށްވެސް މުޅި އާއިލާއެކު ޗުއްޓީއެއްގައި ވަގުތު ހޭދަކޮށްލުމަށް ލިބުމަކީ އެކުދިންގެ އުފާވެރިކަން ގެންނާނެ ކަމެކެވެ.

މިކަހަލަ ޗުއްޓީ އެއް ހަދާލަންވީ އަނެއް ސަބަބަކީ މިއީ މާ ބޮޑު ހަރަދާކާ ނުލައިވެސް ހަދާލެވިދާނެ ޗުއްޓީއެއް ކަމުންނެވެ. އެހެންކަމުން ހަފްތާބަންދު ސަޅިވަނީ ކައިރިރަށަކަށް ޖައްސާލާ އުފާވެރި ވަގުތުކޮޅެއް ރައްޓެހިންނާއި އާއިލާއެކު ހިތްހަމަޖައްސާލުމަށް ހޭދަކޮށްލުމުންނެވެ.